ވާހަކަ

ސިއްތާ

(24 އޮކްޓޯބަރ 2021 އާ ގުޅޭ)

"ލައިޒަލް." ސޯފާގައި އޮވެފައި ތެދުވެ އުޝާ ގޮވާލީ ދޮރުން ލައިޒަލް ވަންތަން ފެނުމުންނެވެ. ތަޅު ހުޅުވާ އަޑު އިވުމުން ވެސް އޭނާ އޮތީ ލައިޒަލްކަން ޔަގީންކޮށްގެންނެވެ.

އުޝާއަށް ބަލަން ވަގުތުކޮޅަކަށް ހުއްޓުން އަރާފައި ލައިޒަލް ހުއްޓެވެ. ހައިރާންކަން ނޫން އަސަރެއް އެ މޫނުން ލައިޒަލްއަށް ނުފެނެއެވެ. ދެން އޭނާ އައިސް ވަނީ ކޮޓަރިއަށެވެ. އެޕާޓްމެންޓަށް ބަދަލުވި ދުވަހު ގެނައި ފޮށި ލައިޒަލް ނަގައިގެން އައިސް އެނދުމަތީ އެ ބޭއްވިއެވެ. ފޮށި ހުޅުވާލުމާއެކު އޭނާ އަލަމާރިން ހެދުންތައް ނަގައި ފޮށްޓައް އަޅަން ފެށިއެވެ. އަވަސް އަރުވާލުމެއް ނެތިއެވެ. ތަރުތީބުކޮށް އެއްޗެހި އަޅައި އަލަމާރި ހުސްކުރިއެވެ. ރީތިވާ މޭޒުމަތީ ހުރި އެއްޗެހިން އޭނާ ބޭނުންވާނޭ އެއްޗެހި ފޮށީގެ ތެރޭގައި އޮތް ކުޑަ ދަބަހަށް އަޅައި ޒިބުދަމާލިއެވެ. ކޮޓަރިން ލައިޒަލް ނުކުމެ ބަދިގެއަށް އައެވެ. ވަތްގަނޑެއް ހުޅުވާލައި ޕްލާސްޓިކު ދެތިން ކޮތަޅު ނެގިއެވެ. އެ ހިފައިގެން އައިސް ފައިވަން ކަބަޑުގައި ހުރި އޭނާގެ ފައިވާނަކާއި ބޫޓު ކޮތަޅަށް ލައި ބަންދުކޮށްލިއެވެ.

"ކީއްކުރަން ތިއުޅެނީ. އެއްލާލަނީތަ؟" ލައިޒަލްގެ ހަރަކާތްތަކަށް ބަލަން ހުރި އުޝާ އަހާލިއެވެ.

އަނގައިން ބުނުމެއް ނެތި ލައިޒަލް އެ ތަކެތި ހިފައިގެން އައިސް ކޮޓަރިއަށް ވަނީއެވެ. ފޮށްޓައް ހުރިހާ އެއްޗެއް އެޅިއްޖެކަން ޔަގީންވުމުން އޭނާ އެ ލައްޕާލައި އެނދުމަތިން ނަގައި ތަޅުންމަތީގަ ބެހެއްޓިއެވެ. ފޮށި ދަމަމުން ކޮޓަރިން ލައިޒަލް ނުކުތްއިރު އުޝާ ހުރީ އެ ކޮޓަރި ކައިރީއެވެ. ދޮރު ލައްޕާފައި ހުރީމާ ވަންނަން ނުކެރިފައި ހުރި މީހަކު ފަދައިންނެވެ. އުޝާގެ އެ ދެއްކުންތެރިކަމުން ލައިޒަލްއަށް ލިބުނީ ފޫހިކަމެވެ.

"ލައިޒަލް... ތަނަކަށް ދަނީތަ؟" ލައިޒަލްގެ ހަރަކާތްތައް ދެނެގަންނަން ނޭނގިގެން އުޝާ ސުވާލު ކުރިއެވެ.

ފޮށި ގެންގޮސް ދޮރުކައިރީ ބަހައްޓާލާފައި ލައިޒަލް އައިސް ސޯފާއެއްގައި އިށީނެވެ. އުޝާއަށް ގޮވާލާފައި ސޯފާ ދައްކާލިއެވެ. އިށީންނާށޭ ބުންޏެވެ. ނުތަނަވަސްކަން އުޝާގެ މޫނުން ފާޅުވާން ފެށިއެވެ.

"އަހަރެންގެ ކޮޓަރިއަށް އުޝާ ވަންނަކަން އެނގޭ. އެތާކު އުޝާއަށް މުހިންމުވާނޭ އެއްވެސް އެއްޗެއް ނުހުންނާނެ. ދެން ކީއްކުރަން ވަންނަނީ." ލައިޒަލް އަހާލީ އާދައިގެ ގޮތަކަށެވެ. ނަމަވެސް އެ ސުވާލުން އުޝާއަށް ހިންދިރުވާލެވުނެވެ. ލައިޒަލްގެ ކޮޓަރިއަށް އޭނާ ވަންނަކަން އެނގޭނޭ އެއްވެސް ނިޝާނެއް އުޝާ ދޫނުކުރެއެވެ. އެހާ ފަރުވާތެރިވާއިރު ލައިޒަލްއަށް އެނގެންވީ ގޮތެއް އުޝާއަކަށް ނުވިސްނުނެވެ.

"ގަމީސް ކޮބާ؟." ލައިޒަލް ދެވަނަ ސުވާލު ކުރިއެވެ.

"މެޝިނުގަ... ދޮންނަން ލާފަ." އުޝާ ބުންޏެވެ. ދޮގުތަކެއް ހަދައިގެން ސަލާމަތް ނުވެވިދާނެތީ އުޝާ ތެދަށް ބުނެލިއެވެ.

"ލައިޒަލްއަށް ކަންކަން ކޮށްދޭން ބޭނުންވާތީ. ކާން ހެދުން ފިޔަވައި ލައިޒަލް އަހަންނަށް އިތުރުކަމެއްގައި ފުރުސަތެއް ނުދޭ. އެކީގަ އުޅޭއިރު އަހަރެންވެސް ލައިޒަލްއާއެކު..."

"އުޝާ!... އީހާނަށް ގުޅީންތަ؟" އުޝާގެ ވާހަކަ ހުއްޓުވާލައި ލައިޒަލް އަހާލިއެވެ.

އުޝާއަށް ބަލާލެވުނީ ކަންބޮޑުވުމުގެ ނަޒަރަކުންނެވެ. ނީރާ އެގެއަށް އައިކަން ލައިޒަލްއަށް އެނގުނީބާއޭ އުޝާގެ ހިތަށް އެރިއެވެ. އެހެންވިޔަސް އެ ވާހަކަ ލައިޒަލް ކައިރީ ބުނާކަށް އުޝާ ނޭދެއެވެ. ކޮންމެފަދަ މަޖުބޫރީއެއް ކުރިމަތިވިޔަސް އެ ޚަބަރު ލައިޒަލްއަށް ނުދޭން އުޝާ އިނީ ނިންމައިގެންނެވެ.

"މިގުޅުމަކީ އޮޅުވާލައިގެން ފެށުނު ކަމެއްނޫން. އުޝާއަށް އަހަރެން ނުކިޔާދޭ ކަމެއް ނޯންނާނެ. ކައިވެނި ނުކޮށް ރިލޭޝަންޝިޕެއްގައި ތިބުމަށްވުރެ، ނީރާ ކަންބޮޑުވާނީ އަހަރެން ދިރިއުޅުމައިގެން މޫވްއޯން ކޮށްފިކަން އެނގުނީމައޭ ބުނީ އުޝާ. އެކަން އެގޮތަށް ދެއްކުމަށް ކައިވެނި މުހިންމުކަން ބުނީ އުޝާ. އެކަމަކު މި ހުރިހާކަމެއްގެ ބަދަލުގައި އަހަންނަށް އުޝާއަށް ދެވޭނެ އެއްޗެއް ނެތްކަން ބުނީމެންނު. ނަމެއްގައި އޮތް ގުޅުމަކަށްނޫނީ އަހަރެމެން ދެމެދުގައި އޮތް ގުޅުން ނުވޭ. މިހިސާބަށް ކަންކަން ގެންދިއުމަށް އަހަންނަށް އެހީތެރިނުވިޔަސް އެންމެ ރަނގަޅޭ އެދުވަހު ނުބުނަންތަ؟... އަހަރެން އެހެން ބުނީ އުޝާއާ މެދު ވިސްނާފަ. އުޝާގެ ފީލިންގްސް އެނގޭތީ. ބަޓް ޔޫ ސެޑް ޓު ޓްރަސްޓް ޔޫ. އަހަންނަށް އަހަރެންގެ ލޯބި ހާސިލުވުމަކީ އެކަމާ އުޝާ އުފާވާނެ ކަމެކޭ. މެރީއޭޖަށްފަހު އަހަންނަށް ނީރާ ހޯދާދިނުމަށް އުޝާވީ ކޮން އެހީއެއް. އަހަންނާއި ގާތްކަން އުފެދޭ ތޯ އުޝާ މަސައްކަތް ކުރުން ފިޔަވާ އިތުރު އެފޯޓެއް ލާތީ ނުދެކެން. އަހަރެމެންގެ ހަގީގީ މަގްސަދު އުޝާ ހަނދާންނެތިއްޖެ. އަހަންނަށް ނީރާ ލިބުމަށްވުރެ އުޝާ މިހާރު އެދެނީ އަހަރެންނާ ދުރަށް ނީރާ ދިއުން."

"ލައިޒަލް... އައި އޭމް ސޮރީ." އުޝާއަށް ބުނެވުނެވެ. ދެރަވެ މަޢާފަށް އެދިގެން ލައިޒަލްގެ ހިތް ރުއްސިދާނޭ އުޝާ ހީކުރިއެވެ.

"ކޮންކަމަކަށް ތި މަޢާފަށް އެދެނީ. އުޝާގެ ގަސްދު އަހަންނަށް އެނގުނީމަތަ؟" ލައިޒަލްއަށް ގަސްދަކާނުލާ ހަރުކަށިވެވުނެވެ. ހިތަށްކޮށްފައިވާ އަސަރުން ރުޅި އިސްކުރަން ބޭނުންނުވިޔަސް ކެތްތެރިކަން ކޮޅުންލަނީއެވެ.

"އެންމެ ދެފަހަރު... ދެފަހަރު އަހަރެންގެ ފޯނު އުޝާއަށް ލިބުނީ. ދަތުރު ނިންމާފައި އައި ދުވަހުގެ ރޭ އެންމެންނަށް ކާއެއްޗެހި އޯޑަރު ކުރުމަށްފަހު މަނީ ޓްރާންސާފާ ކުރާން، އެވަގުތު ކޮޅަކުނޫން އުޝާ ކުރިކަމެއްކުރީ... ދެވަނަ ފަހަރަށް އަހަރެންގެ ފޯނު އަތަށް އެރީމަ އުޝާ އަހަންނަށް ލަނޑުދިނީ. އެހެންނު... ކާފަގެ ރުޅިއާއި ނީރާ ނުކުމެގެން ދިޔަ ގޮތުން ހާސްވެފައި ހުރެ އަހަރެން ނުކުމެގެން އެރޭ ދިޔައީ ފޯނު ނުލައި. އަނެއްދުވަހު ދާން ފޮނުވީ ފޯނު ބަލާ. އަހަރެންނަށް ބޭއްވުނު ތަނުގަ ފޯނު އޮތީ. ކޮޓަރީ އެނދުމަތީގަ... ކޮޓަރި ތަޅުލާފައި ހުއްޓާ ހަމްދާނު ކޮޓަރި ހުޅުވައިގެން އަހަރެންގެ ފޯނު ނެގީ. އަހަރެން އޭނާއަށް ދިން ދަޅުދަނޑިން. އެކަމަކު އޭރު މާ ލަސްވެއްޖެ. އުޝާ ކޮޓަރިއަށް ވަދެ އަހަރެންގެ ފޯނުން ކުރިކަމެއްކޮށްފަ އެދުވަހު އޮފީހަށް ދިޔައީ... އެހެންނު."

ލައިޒަލްގެ އަޑުގައިވަނީ ޔަގީންކަމެވެ. އޭނާ އެންމެ ފުރަތަމަ ކުރި ސުވާލުގެ މަގްސަދު އުޝާއަށް ސާފުވީ ދެނެވެ. އެޕާޓްމެންޓްގެ ތަޅުދަނޑިފަތި އެއްކޮށް ލައިޒަލް ނުގެންގުޅޭކަން އުޝާއަށް އެނގެއެވެ. އޭނާ ހަމައެކަނި ނެގީ ކޮޓަރިއާއި އެޕާޓްމެންޓަށް ވަންނަ މައިދޮރުގެ ތަޅުދަނޑި އެކަންޏެވެ. ކޮންމެ ތަނެއްގެ ޑަބަލް ކީ ތަޅުދަނޑިފަތީގައި ހުއްޓެވެ. އެކަމަށް ލައިޒަލް ސަމާލުކަމެއް ނުދެއެވެ. އޭނާ އެޕާޓްމެންޓްގެ ތަޅުދަނޑިފަތި ހަވާލުކުރީ އުޝާއާއެވެ. އެތަނުގައި ގިނަވަގުތު ހޭދަކުރާނޭ މީހަކީ އުޝާ ވީމައެވެ. ފަހަރެއްގައި ވެސް ލައިޒަލް ކަނޑައެޅި އިން ފަހަނައަޅައި އުޝާގެ ޢަމަލުތައް ހިނގައިދާނޭ ލައިޒަލް ހީނުކުރެއެވެ.

ބަހެއް ބުނަން ނޭނގިފައި އުޝާއަށް އިނދެވުނެވެ. ސިކުނޑީގައި ސުވާލުތައް ގިނަވަމުން އައެވެ. މިހާ ދުވަސް ފަހުން ލައިޒަލްއަށް ހުރިހާކަމެއް އެނގެންވީ ކިހިނެއްބާއޭ އުޝާ ސުވާލު އުފެދުނެވެ. އީހާނަށް ގުޅީ މިއަދު ހެނދުނެވެ. އެކަން ވެސް ލައިޒަލްއަށް އެނގުނީއެވެ. އީހާނު ބުނީ ހެއްޔެވެ. ނޫނީ ނީރާއަށް އެނގިގެން ހުރިހާ ކަމެއް ކިޔާދިނީބާއެވެ. އެ ދެގޮތުން ކުރެ ކޮންމެވެސް އެއްގޮތެއްކަން ޔަގީނެވެ.

"އުޝާ... ވަރިކޮށްފިން." ލައިޒަލް ބުނެލިއެވެ. ލިބުނު ސިހުމާއެކު އުޝާގެ ދެ ލޯ ބޮޑުކޮށްލެވި އަނގަ ހުޅުވުނެވެ. ލައިޒަލްގެ ދުލުން ބޭރުކޮށްލި ބަސްތައް އަނބުރާ ގެންދާށޭ ބުނަން އުޝާގެ ހިތް ގޮވިއެވެ.

"މި އެޕާޓްމެންޓް ދޫކޮށްލަން ނިންމައިފިން. މިމަހުގެ ކުއްޔާއި ދެން ކުރަންޖެހިއްޖެ ކަމެއްވިއްޔާ ތަނުގެ ވެރި ފަރާތާ ވާހަކަދައްކައިގެން އަހަރެން ނިންމާނަން. ވަރި ސާބިތު ކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް އަހަރެން ހަމަޖައްސާނަން. އަހަރެންގެ ފަރާތުން ހަމްދާނު ކޮންޓެކްޓް ކުރާނެ އުޝާއަށް. އިޓްސް އޯވާ..." ލައިޒަލް ކޮޅަށް ތެދުވިއެވެ.

"ލައިޒަލް މަޑުކޮށްބަލަ... ޕްލީޒް... އިހަށް މަޑުކޮށްބަލަ." ލައިޒަލްއާއެކު ކޮޅަށް ތެދުވި އުޝާ އާދޭހާއެކު ވާހަކަދެއްކިއެވެ. ދޮރާ ދިމާއަށް ލައިޒަލްގެ ފަހަތުން އޭނާ އައެވެ. ފޮށީގެ އުފުލާލެވިފައިވާ އަތްގަނޑުގައި ހިފާލުމާއެކު ލައިޒަލް ހުއްޓުނެވެ. އެގޮތުގައި ހުރެ އޭނާ އުޝާއަށް ބަލާލިއެވެ.

"ޕްލީޒް އަހަރެން ވަރިނުކުރޭ. ޕްލީޒް... އަހަރެން ދޫކޮށްލިޔަސް ލައިޒަލްއަށް ނީރާއެއް ނުލިބޭނެ. އީހާނު އޭނާ ދޫކޮށެއް ނުލާނެ. ލިބެން ނެތް ލޯތްބެއް ހޯދަން އުޅުމަށްވުރެ ކައިރީގަ އަބަދު ހުންނާނޭ މީހަކު ޗޫޒްކުރުމެއް ނޫންތަ ރަނގަޅީ. ނީރާ... ނީރާ މިހާރު ނުވޭ ލައިޒަލްދެކެ ލޯތްބެއް. އޭނާ ލައިޒަލްއާ ގުޅޭކަށް ބޭނުމެއްނޫން."

"ދެޓްސް އިނަފް... ނީރާ ލިބުނަސް ނުލިބުނަސް އެއީ މިހާރު އުޝާ ބަލަން ޖެހޭ ކަމެއްނޫން. މި މެރިއޭޖް... މީ އަހަންނަށް ހެދުނު ވަރަށް ބޮޑު ގޯހެއް. އެއަށްވުރެ ވެސް ބޮޑު ގޯހަކީ އުޝާއަށް އިތުބާރުކުރުން. އެ އިތުބާރު ގެއްލިއްޖެ. އެކުވެރިއަކަށް ވެސް އަހަރެންގެ ނަޒަރުގައި އުޝާ ނުވި. ކޮންމެ ގުޅުމަކީ ވެސް އިތުބާރެއްގެ މައްޗަށް އުފެދޭ ގާތްކަމެއް. ހުރިހާ ކަމެއް އެނގިހުރެ އުޝާ އަހަންނަށް ތި ދެރަދިނީ. އެނގޭތަ އަހަރެން ކިހާ ފޫހިވެ ރުޅި އައިސްފަކަން މިހުރީ. ކުރިމަތީގަ މިހުންނަނީ ހާދަ ކެތެއްކޮށްގެންނޭ... އެއްވެސް ސިފައެއްގަ އުޝާއާ ގާތްކަމެއް ބޭއްވުމުގެ ގަސްދެއް މިހާރު ނެތް."

ލައިޒަލް ދޮރުހުޅުވާލުމުން އޭނާގެ މުލައްދަނޑީގައި އުޝާ ދެއަތުން ހިފާލިއެވެ. ލައިޒަލް ނުހުއްޓި ނުކުންނަން ފެށުމުން ދެއަތުން ލައިޒަލްގެ އަތުގައި ހިފައި އެލިގަނެއްޖެއެވެ. ދެ ކަކޫ މައްޗަށް އުޝާ ތިރިވުމުން ލައިޒަލް ވެސް އަރިއަޅާލިއެވެ. އެހެންވިޔަސް އޭނާ މަޑުކުރުމުގެ ގަސްދެއް ނުކުރިއެވެ. އުޝާގެ ދެއަތް ނުހަނު ފަސޭހަކަމާއެކު ނައްޓުވާލައިފިއެވެ.

"ހަމްދާނު ފޮނުވާނަން އިރުކޮޅަކުން. އޭނާ އުޝާ ގެއަށް ދާން އެހީވާނެ." ދޮރުބުޑުގައި އިން އުޝާއަށް ލައިޒަލް ބުނެލިއެވެ. އަދި ލިފްޓާ ދިމާއަށް ލައިޒަލް ފޮށި ދަމަމުން އައެވެ.

ޕާކުކޮށްފައި އޮތް ކާރަށް ފޮށި އަރުވާފައި ލައިޒަލް ކުރިއަށް އަރާ ހަމަޖެހިލިއެވެ. ކާރު ދުއްވާލުމުގެ ބަދަލުގައި އޭނާ ހަށިފުރާ ފުންނޭވާއެއް ދޫކޮށްލިއެވެ. އުޝާއާ ޒުވާބުނުކޮށް އަތް އިސްކުރުމެއްނެތި ގުޅުން ނިމުމަކަށް ގެނެވުނީ ލައިޒަލް ވަރަށް ހިތްވަރުކޮށްގެންނެވެ. އޭނާގެ އެ ސިފަ ހަގީގަތުގައި އުޝާއަށް ދައްކަންޖެހޭހާ މުހިންމު މީހަކަށް ނުވީއެވެ. ކުރީން އުޝާގެ އިހްސާސްތަކާމެދު ލައިޒަލް ވިސްނި ނަމަވެސް އޭނާ ކަންތައްކުރި ގޮތް އެނގުމުން ހިތުގައިވީ ހަމްދަރުދީ ފިލައި ދިޔައީއެވެ.

"އައި ހޭވް ޓު ރެޕް ތިންގްސް އަޕް، ދަ ސޫނާ ދަ ބެޓާ... ބިފޯ ޝޯއިން މައި ފޭސް ޓު ހާ. ސޯ... ވެއިޓް ފޯ މީ." މަޑުމަޑުން ލައިޒަލް އަމިއްލަ ނަފްސަށް ވާހަކަދެއްކިއެވެ.

އަވަސް ގޮތަކަށް ގެއަށް އައިސްދޭން ލައިޒަލް އެދުމުން ހަމްދާނު އަވަހަށް އޮފީހުން ނުކުތެވެ. ސައިކަލު ދުއްވުނީ އާންމު މިންގަނޑަށްވުރެ ތަންކޮޅެއް ބާރަށެވެ. ލައިޒަލްއާއި އުޝާ ވަކިވާ ވާހަކަ އިވުނު ފަހުން ހަމްދާނުގެ ހިތާއި ސިކުނޑިން އުޝާގެ ހިޔާލުތަކެއް ބޭރުކޮށެއް ނުލެވުނެވެ. އުޝާއާ ހެދި ދިވާނާވާވަރު ވެފައި ހުއްޓެއްކަމަކު ހަމްދާނު އެދެނީ އުޝާއަށް އޭނާގެ ލޯބި ލިބުމެވެ. އެ ލޯތްބަކީ ލައިޒަލްއެވެ. އެހެންވެ ލައިޒަލް އެއްޗެކޭ ބުނެފިނަމަ ފުރަތަމަ ވެސް ހަމްދާނަށް އެ ވާހަކައެއް ގުޅުވާލެވެނީ އުޝާއާއެވެ.

"ގޭގަ މިހުރީ." ސިޓިންރޫމުގައި މަޑުކޮށްލައިގެން ހުރި ހަމްދާނު ލައިޒަލްއަށް ގުޅީ ފެންނަ ހިސާބުގައި އޭނާ ނެތިގެންނެވެ.

"ކޮޓަރިއަށް އާދޭ." ލައިޒަލް އިރުޝާދު ދީފައި ފޯނުކޯލު ކަނޑާލީއެވެ. ދެން އޭނާ ކޮޓަރީގެ ދޮރު ހުޅުވާލައި ބޭރަށް ނުކުމެލިއެވެ. ހަމްދާނަށް ފެންނަ ހިސާބަށެވެ. ކޮޓަރިއަށް ހަމްދާނު ވަނުމުން އޭނާ ދޮރުލައްޕާލީ ދެމެދުގައި ދެކެވޭ ވާހަކަ އިތުރު މީހަކަށް އިވެން ނޭދޭތީއެވެ.

"އުޝާ ކައިރިއަށް ގޮސްދެވިދާނެތަ؟. އޭނާ ގެއާ ހަމައަށް ގެންގޮސްދޭންވީ. މީހެއްގެ އެހީ ފަހަރެއްގަ އޭނާ ބޭނުންވެދާނެ."

"ކީއްވެ؟." ލައިޒަލްގެ ވާހަކަ އަޑު އަހަން ހުރެފައި ހަމްދާނު ސުވާލު ކުރިއެވެ. މޫނުމަތިން ނުތަނަވަސްކަން ފާޅުވެލިއެވެ.

"އަހަރެން މިއައީ އޭނާ ވަރިކޮށްފަ." ލައިޒަލް ބުންޏެވެ. އެހިނދު ހަމްދާނު އެ ކޮޓަރީގައި އެންމެ ސުކުންތަކަށް ވެސް މަޑެއް ނުކުރިއެވެ. ހަލުވިކޮށް ނުކުމެގެން ދިޔައީއެވެ. ހަމްދާނު ހިތްހަމަނުޖެހުނަސް އޭނާގެ އެ ހަރަކާތްތައް ލައިޒަލް ހައިރާން ކުރުވައިފިއެވެ. އުޝާއާ މެދު ހަމްދާނު އެހާ ހަމްދަރުދީ ވާންވީ ކީއްވެބާއޭ ސުވާލު އުފެދުނެވެ. ކޮޓަރިން ނުކުމެ ލައިޒަލްއަށް ބަލާލެވުނެވެ. ހުއްޓުމެއްނެތި ސިޓިންރޫމުން ނުކުމެގެން ހަމްދާނު ދާތީ ލައިޒަލްއަށް ފެނުނެވެ.

ހިސާބަކަށް ހުޅުވިފައި ހުރި ދޮރުގައި ހަމްދާނު ކަނާއަތްތިލަ ޖައްސާ މަޑުމަޑުން ކޮއްޕާލިއެވެ. ފާރުބުޑުގައި އިން އުޝާ އޭނާއަށް ފެނުނީ ދެނެވެ. އެތެރެއަށް ވަދެ ދޮރުލައްޕާލުމާއެކު އުޝާގެ ކައިރީ ހަމްދާނު ކުޑަކަކޫ ޖަހާލިއެވެ. އުޝާގެ ކޮނޑުގައި ހިފާލައި ގޮވާލިއެވެ. ސިހުމެއްގައިވާ މީހަކު ފަދައިން ހަމްދާނަށް އުޝާ ބަލާލިއެވެ.

"އައި ޑޯންޓް ނޯ ވަޓް ހެޕެން... ނުބައި ހުވަފެނެއް ފެނުނީތަ؟." އުޝާ ވާހަކަދެއްކިއެވެ. އޭނާގެ އަތުގައި ހިފާލުމާއެކު ހަމްދާނު އެދުނީ ކޮޅަށް ތެދުވާށެވެ. ހަމްދާނުގެ އެހީއާއެކު އުޝާ ތެދުވުމުން އޭނާ ގޮވައިގެން ގެނެސް ސޯފާގައި ބޭންދިއެވެ. އަވަހަށް ފެންތަށްޓެއް ހިފައިގެން ހަމްދާނު އައެވެ. އުޝާގެ އަތަށް ލައިދިނުމާއެކު ފެންފޮދެއް ބޯލަން ހަމްދާނު ބުންޏެވެ.

"އުޝާ..." ހަމްދާނު ގޮވާލީ ފެންތަށީގައި އުޝާ ނުހިފައި އަތް ތިރިކޮށްލީމައެވެ.

"ހަމްދާން... ހަމްދާނު މިތާ ކީއްކުރަނީ." އިސްޖަހާލަމުން އުޝާ ސުވާލުކުރިއެވެ.

"އައި އޭމް ހިއާ ފޯ ޔޫ." ހަމްދާނު ބުންޏެވެ. ނަމަވެސް އުޝާ ބަލާލީ ގަޔާނުވެފައެވެ. ދެބުމަ ކައިރިކޮށްލައިގެން އިންގޮތުން ހަމްދާނު ފުންނޭވާއެއް ލިއެވެ.

"ލައިޒަލް ބުނީ. އަހަރެން މިއައީ އުޝާއަށް ޓަކައި." ހަމްދާނަށް އެނގިއްޖެކަން ހާމަކުރިއެވެ.

އެއްޗެކޭ ނުބުނެ އިދެފައި އުޝާ މޫނުގައި ދެއަތް އަޅާލީ ރޮވެން ފެށީމައެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭ ހިނގައިދިޔަ ހުރިހާ ކަމަކީ ފެނުނު ނުބައި ހުވަފެނެއްނޫންކަން އެނގުނީއެވެ. ލައިޒަލް ބުނި ފަދައިން އޭނާގެ ބަދަލުގައި އުޝާގެ ކައިރިއަށް ހަމްދާނު އެ ހުރީ ފޮނުވާފައެވެ. އެކަމަކު އޭނާގެ ހިތް ގޮވަނީ ހަމްދާނަކަށް ނޫނެވެ. ކައިރީގަ ބަހައްޓަން އެދެނީ ލައިޒަލްއެވެ. އޭނާ ލައިޒަލްއާއެކު ދިރިއުޅުމުގެ ހުވަފެންތައް ބަލަން ފެށިތާ ގިނަ ދުވަސްތަކެއް ނުވަނީސް ހުރިހާ ކަމެއް ނިމުމަކަށް މިއައީ ކިހާ ހިތްދަތި ގޮތަކަށް ހެއްޔެވެ. އަދިވެސް ލައިޒަލްއަށް މުހިންމު އެވީ ނިރާއެވެ. މީހެއްގެ އަނތްބަކަށް ނީރާ ވާއިރު ވެސް ލައިޒަލްއަށް ނީރާ މުހިންމުވީތީ އުޝާގެ ހިތުގައި ރުޅިވެރިކަން ވިއެވެ. އެހެންވިޔަސް އެ ޝަކުވާއަކީ ބޭކާރު ޝަކުވާއެކެވެ. ފައިދާއެއް ނުކުރާނޭ ހިތަށް ތަކުލީފުދޭ އެއްޗަކަށް ވެއްޖެއެވެ. ނީރާ ލިބުނަސް ނުލިބުނަސް އުޝާ ޚިޔާރުކުރާކަށް ލައިޒަލްގެ ވިސްނުމަކު ނެތްކަން އެނގިއްޖެއެވެ.

"އުޝާ..." ފެންތަށި ސޯފާތަކުގެ މެދުގައި ބަހައްޓާލެވިފައިވާ ކޮފީމޭޒުމަތީ ބެހެއްޓުމާއެކު ހަމްދާނު އައިސް އުޝާގެ ގާތުގައި އިށީނދެއްޖެއެވެ. އޭނާގެ ބޮލުގައި ހަމްދާނު ކަނާއަތްތިލަ ޖައްސާލިއެވެ. އެއާއެކު ހަމްދާނުގެ މޭގައި އުޝާ ލައްވެލައިފިއެވެ. ރޮމުން ގިސްލަމުންނެވެ. ހުރިހާ އެއްޗެއް އަތުން ބީވެއްޖެކަމުގެ އިހްސާސް އުޝާ ވަށާލައިފިއެވެ.

"މީހެއްގެ އަނތްބެއް ހޯދަން ލައިޒަލް އެވަރަކުން އެއުޅެނީ ކީއްވެތަ؟. އަހަރެން މިވަރަށް ލޯބިވާއިރު ލައިޒަލްއަށް އަހަރެންގެ ލޯބި ނުފެންނަނީ ކީއްވެ؟." އުޝާގެ ރުއިމާއެކު އޭނާގެ ޝަކުވާތަކުން ބައެއް ހަމްދާނަށް އިއްވާލިއެވެ.

ހަމްދާނަށް އެ ވާހަކަތަކައް ދޭނޭ ޖަވާބެއް ނޭނގުނެވެ. ލައިޒަލް މީހެއްގެ އަނތްބަކު ބޭނުންވާކަމީ ހަމްދާނަށް އާ ޚަބަރެކެވެ. އޭނާ އުޝާ ދޫކޮށްލީ ލޯބިނުވާތީ އެކަންޏެއްނޫންކަން ހަމްދާނަށް އެނގުނީ އަދިކިރިޔާއެވެ. އެކަމަކު އެއީ ކާކު ހެއްޔެވެ. ކާކުގެ އަނތްބެއް ހެއްޔެވެ. ވިސްނުމާއި ފިކުރުތަކުގެ ތެރެއަށް ހަމްދާނު ގެބެމުންދިޔަ ވަރަކަށް އޭނާއަށް ކަމެއް ހަނދާންވިއެވެ. އުޝާއާ ކައިވެނި ކުރުމުގެ ދުވަސްކޮޅެއް ކުރީން ރިސޯޓަށް ލައިޒަލް ގޮސް ހުރިއިރު އޭނާ ހޯދަން ހަމްދާނު ވެސް އެ ރިސޯޓަށް ދިޔައީ ފިރާގުގެ އެދުމަށެވެ. އެތަނުން ފެނުނު ކަންކަން ހަމްދާނު ހަނދާންވާން ފެށިއެވެ. އެ އަންހެންކުއްޖާގެ މަތިން ހަމްދާނު ހަނދާނެއް ނުނެތެވެ. ކައިވެނީގެ ވާހަކަ އަޑު އިވުނު ހިނދު ހަމްދާނަށް ފުރަތަމަ ވެސް ސިފަކުރެވުނު އަންހެން ކުއްޖަކީ ރިސޯޓުން އެމީހުންނާ ބައްދަލުވި އަންހެންކުއްޖާއެވެ. ލައިޒަލްގެ ބެލުން ތަފާތުވި އަންހެންކުއްޖާއެވެ. ކައިވެނި ކުރަން އުޅޭ ހާއްސަ ކުއްޖަކީ އެއީތޯ އެހުމުން ލައިޒަލް ދިން ޖަވާބު ހަމްދާނުގެ ކަންފަތުގައި މިހާރު ވެސް ހަރުލާފައި ހުރި ކަހަލައެވެ. އެ އަންހެންކުއްޖާއާ އިންނާނީ ކިހިނެއްތޯ ބުނަމުން ލައިޒަލް އެ ދުވަހު ބުނީ އެއީ މީހެއްގެ އަނތްބެއް ކަމެވެ. ހަމްދާނަށް ލޯ މަރާލެވުނެވެ. އޭނާއަށް އުޝާ ބުނި އެއްޗެއް ފަހުމްވީއެވެ. އޭރުއްސުރެ ލައިޒަލް ހިތުގައި އަޅައިގެން އުޅޭ އަންހެންކުއްޖަކީ ކާކުކަން ހަމްދާނަށް އެނގުނީއެވެ. އެހެންވިޔަސް އުޝާއާ އިންނަންވީ ކީއްވެ ހެއްޔެވެ؟. އުޝާގެ އިހްސާސްތަކާއި ލައިޒަލް ކުޅުނީ ކީއްވެ ހެއްޔެވެ؟.

ހަމްދާނު ސަމާލުކަމަށް އައީ އުޝާ ދުރަށް ޖެހިލައި ދެއަތުން މޫނު ފުހެލި ވަގުތެވެ. ތެދުވެގެން އޭނާ ގޮސް ކޮޓަރިއަށް ވަންނަން އުޅުނެވެ. އެހިނދު ހަލުވިކޮށް އައި ހަމްދާނު އޭނާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

"އުޝާ... މިތާ އެކަނި ނުހުރެ މަންމަ ކައިރިއަށް ދާންވީނު. އަހަރެން ގެންގޮސްދޭނަން. މިތަނުގައި ހުރުމަކުން ލިބޭނެ ހިތްހަމަޖެހުމެއްނެތް. ކޮޓަރިއަށް ވަދެ އަނެއްކާ ވެސް ރޯނީކަން އެނގޭ." ހަމްދާނު ބުންޏެވެ. ހަމްދާނާ ދިމާއަށް ބަލާނުލައި އުޝާ އަނެއްކާ ވެސް ދާން އުޅުނެވެ.

"އަހަރެން މިތަނުން ނުކުންނާނީ އުޝާއާއެކު. ކޮޓަރީގައި ގިނައިރު ވާނަމަ އަހަރެން ކޮޓަރިއަށް ވެސް ވަންނާނަން. މިވަގުތު އެއްވެސް ވަރަކަށް އުޝާ އެކަނިވާކަށް އަހަރެންނަށް އެއްބަހެއް ނުވެވޭނެ." އުޝާގެ އަތުން ދޫކޮށްލަމުން ހަމްދާނު ބުންޏެވެ. ކޮޓަރިއަށް އުޝާ ވަނުމުން ވެސް ވަގުތުކޮޅަކަށް ކޮޓަރީ ދޮރުމަތީ ހަމްދާނަށް މަޑުކޮށްލެވުނެވެ. ހާސްވެފައެވެ. މިވަގުތު އުޝާ އެކަނިވާން ދޫކޮށްލުން ރަނގަޅު ހިޔާލަކަށް ނުވާނޭ ހަމްދާނަށް ގަބޫލުކުރެވޭތީއެވެ.

* * * * *

"ގުޅިއްޖެތަ؟." ފެންވަރާލައިގެން ކޮޓަރިން ނުކުތް އީހާނު އަހާލީ ލަމްހާގެ ކައިރީއެވެ.

"މާފުށިގަ ހުރީ. ކޮންމެވެސް އެހެން ގެސްޓްހައުސްއަކަށް ގޮސްގެން އުޅެނީ." ލަމްހާ ބުނެލިއެވެ.

"ނީރާ ފެންނަނީ ކިހިނެއް، ރަނގަޅުތަ؟" ލައިޒަލް ދެއްކި ވާހަކަތަކުން އީހާނަށް ޝައްކުވާވަރުން އަހާލެވުނެވެ.

"ވީޑިއޯ ކޯލެއްނޫން. ބަޔަކާއެކު އުޅޭތީ ފަހުން ގުޅާނަމޭ ނީރާ ބުނި. މިއަދު ހާދަ ވަރަކަށް ނީރާގެ ވާހަކަ ތިއަހަނީ، ކަމެއްވީތަ؟."

"ކަމެއްނުވޭ... ދަނީ އިނގޭ މަންމާ." އީހާނު ނުކުންނަން ހިނގައިގަތެވެ.

"ސައި ވެސް ނުބޮއެ." ލަމްހާ އަހާލިއެވެ.

"މިއަދަކުނޫން. ކެފޭއަށް ގޮސް ޔާނުއާއެއްކޮށް ގޮތެއް ހަދާލާނީ." އީހާނު ބުނެލިއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލަމުން އޭނާ އެޕާޓްމެންޓް އިން ނުކުތީއެވެ. ރިދާއާ ބައްދަލުކުރަން ލައިޒަލް އަންނައިރު ކެފޭގައި ހުންނަން އީހާނު ބޭނުމެވެ.

* * * * *

އަސުރުން ފޭބި ގޮތަށް ސަލީމާ ކޮޓަރިން ނުކުތީ ފޯނުގައި ހުރެގެންނެވެ. އޭނާއަށް ގުޅީ ރަށުގައި އިން މަންމައެވެ. އޭނާގެ އެއްބަނޑުއެއްބަފާ ހުރި އެންމެ ހަގު ކޮއްކޮގެ ހާލު ބޮޑުވެގެން ވެންޓިލޭޓަރަށް ލާންޖެހިގެން އެ ޚަބަރު ދޭށެވެ. ކޮއްކޮގެ ހާލު ބޮޑުވެގެން ރަށަށް ދާން ސަލީމާ ހުރީ ޚަބަރު ލިބުމާއެކު ނިންމައިގެންނެވެ. އެކަމަކު މަޑުކުރަމުން އައީ ކޮއްކޮ މާލެ ގެންނަން އުޅޭތީއެވެ. އެ އާއިލާގައި ސަލީމާއާއި އޭނާގެ ކޮއްކޮ ފިޔަވައި ދެން ހުރިހާ ވެސް މީހަކީ މަންމައެވެ. އެ ބޮޑު އާއިލާއަށް ޖެހިފައިވަނީ ކޮންފަދަ މުސީބާތެއްކަމެއް ނޭނގެއެވެ. އާއިލާގެ ހުރިހާ މެންބަރުންހެން ކުއްލި މަރުގައި ވަކިވެ ދަނީއެވެ. އެނދުމަތި ވެއްޖެނަމަ ގަދައެއްނުވެއެވެ. ބަލަބަލާ ތިއްބާ ދެތިން ދުވަހުގެ ތެރޭ ހާލު ބޮޑުވެ ނިމިގެން ދަނީއެވެ. ސަލީމާ ވެސް މާލެ އައީ އެގޮތް ނޭނގޭ މަރުގެ ފެށުމާއެކުއެވެ. ރަށުގައި އުޅޭން ބޭނުންނުވެގެންނާއި މާލެއަށް ދިރިއުޅުން ބަދަލުކުރެވޭނެ ފުރުސަތު ވެސް ލިބުނީމައެވެ.

"ކޮބާތަ އެ އުޝާ... އަންނާނަމޭ ވެސް ނުއެއްބުނި. ފޯނެއް ވެސް ނަގަނީއެއްނޫން." ކޯލު ނިންމާލަމުން ބަދިގެއަށް ވަން ސަލީމާ ވާހަކަދެއްކިއެވެ. އުޝާގެ ދެމަފިރިން ގެއަށް އަންނަން އޭނާ ބުނީ ފުރަން އުޅޭ ވާހަކަ ބުނާށެވެ. މެންދުރު އުޝާއަށް ގުޅުނު ފަހުން އޭނާ ފޯނެއް ނުނަގައެވެ. ލައިޒަލްއަށް އާދެވޭނެތޯ ބަލާފަ ގުޅާނަމޭ ބުނިފަހުން ޚަބަރެއް ނުވެއެވެ. އަސުރު ނަމާދުކުރަން ސަލީމާ ވަނީ ފިހުނު ކުޅިބޯކިބާ ހިހޫކުރަން ނަގާފައެވެ. އޭނާ އައިސް ވަޅިއެއް ނަގައިގެން ކާމޭޒު ކައިރީ ހުއްޓި ބޯކިބާ ފަޅަން ފެށިއެވެ. މީހަކު ގެއަށް އައިހެން ސަލީމާއަށް ހީވީ އެވަގުތެވެ.

"ބަދީއު..." ފިރިމީހާއޭ ހީވެ ސަލީމާ ގޮވާލިއެވެ. ބަދީއުއަށްވިއްޔާ އޯއްޔޭ ގޮވާލާނެއެވެ. އަޑެއްބަޑެއް ނީވުމުން ބޯކިބާ ކަފަން ހުރި ވަޅިއާއެކު ސަލީމާ ސިޓިންރޫމަށް ނުކުތެވެ. އެވަގުތު އޭނާއަށް ފެނުނީ އުޝާއެވެ. ދޮރުމަތީ ހުރީ ކުރިން ފެނިފައި ހުރި ޒުވާނަކަށް ވިޔަސް ކާކުކަން ބުނާކަށް ސަލީމާއަކަށް ނޭނގުނެވެ. އޭރު ސިޓިންރޫމަށް ވައްދާފަ ހުރި ފޮށިތައް ސަލީމާގެ ލޮލުގައި އަޅައިގަތެވެ.

"ލައިޒަލްއާ ހަވާލުކުރޭ." ހަމްދާނުގެ އަތަށް ތަޅުދަނޑިފަތި އުޝާ ދިއްކޮށްލިއެވެ. ސަލީމާ ހުރުމުން މަޑުކުރާކަށް ހަމްދާނަކަށް ނުކެރުނެވެ. އެހެންވެ ތަޅުދަނޑިފަތި ހިފައިގެން ހަލުވިކޮށް ގޮސް ދޮރޯށިން އޭނާ ނުކުމެއްޖެއެވެ.

"މީ ކޮން ފޮށިތަކެއް" އުޝާ އެނބުރިލުމުން ސަލީމާ ސުވާލުކުރިއެވެ. (ނުނިމޭ)