ނަރުހުންނަށް ހާއްސަކޮށްގެން ބާއްވާ ފޯރަމެއް މިއަދު ފަށައިފި އެވެ.
ކޮމިއުނިޓީ ނާސިން ވޮލެންޓިއާސް (ސީއެންވީ) އިން އިސް ނަގައިގެން ޑަބްލިއުއެޗްއޯ އާއި ގުޅިގެން ކުރިއަށް ގެންދާ ފޯރަމް ނިންމާލުމަށް ހަމަޖައްސާފައިވަނީ މާދަމާ އެވެ.
މީރުމާ އިވެންޓްސްގައި ކުރިއަށްްދާ ފޯރަމުގެ މަގުސަދަކީ ނަރުހުންނާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް ހަރުދަނާކޮށް ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރުމެވެ. އަދި ނަރުހުން ތަމްރީންކޮށް ހިދުމަތަށް ނެރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ފޯރަމްގައި މަޝްވަރާ ކުރާނެ އެވެ.
ފޯރަމުގައި ދެކެވޭ ވާހަކަތަކަށް ބަލައި ޑްރާފްޓް ރިޕޯޓެއް އެކުލަވާލުމަށްފަހު ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް އެ ރިޕޯޓް ހުށަހެޅުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ސީއެންވީ އިން ބުނީ މި ފޯރަމަކީ ވަރަށް މުހިއްމު ހިޔާލުތަކާއި މަޝްވަރާ ލިބޭނެ ފޯރަމަކަށް ވާތީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެފަދަ ފޯރަމްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"މިއީ އަޅުގަނޑުމެންނަށް ނަރުހުންގެ އަޑު އިއްވައިދިނުމަށް ވަރަށް މުހިއްމު ފޯރަމެއް. ނަތީޖާ ނެރުމަށް ބޭނުންވާ ކަންކަން ހާސިލްކުރުމަށްވެސް މި ފޯރަމުގެ މުހިއްްމު ކަން ބޮޑު،" ސީއެންވީގެ އޮފިޝަލަކު ވިދާޅުވި އެވެ
ސީއެންވީ އަކީ ރާއްޖޭގައި މިދިޔަ އަހަރު ކޮވިޑްގެ ހާލަތު އެންމެ ގޯސްވިއިރު އެކަމުގެ ތެރޭގައި އުޅުނު ނަރުހުން ތަކެއް އިސްނަގައިގެން އުފެއްދި ޖަމިއްޔާ އެކެވެ.