އަހުމަދު ޝިޔާމް

ބޯހިޔާވަހިކަމެއް ދީގެން މިނޫނީ ރުޅި އަންނަ ސަރުކާރެއް ނުދެކެން: ޝިޔާމް

Oct 26, 2021
1

ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދީގެން މިއަދު މިއޮތް ސަރުކާރު ނޫނީ ރުޅި އަންނަ ސަރުކާރެއް ދެކެވަޑައިނުގަންނަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސްގެ ގޮތުގައި ވެސް ހުންނެވި ޝިޔާމް ވިދާޅުވީ ރައްޔިތުން ވަރަށް ބޮޑެތި އުއްމީދުތަކަކާ އެކު ވެރިކަމަށް ގެނައި މިސަރުކާރަށް ތިން އަހަރު ވާން ކައިރިވެފައިވާއިރު ރައްޔިތަކަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް އެންމެ ގާކޮޅެއްވެސް ބާއްވާލެވިފައި ނުވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ވެރިކަމެއް ބަޔަކަށް ހަވާލުކުރަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށްވީ ނަމަވެސް ބޯހިޔާވަހިކަން ހޯދައިދިނުމަށް މިސަރުކާރަށް މިހާތަނަށް އެއްވެސް ކަމެއް ކުރެވިފައި ނެތުމަކީ ރައްޔިތުންގެ އިތުބާރު މިސަރުކާރަށް ގެއްލުނު މައިގަނޑު ސަބަބު ކަމަށެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ރައީސް ޔާމީންގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތަކާ ގުޅިގެން މާލޭގެ ރައްޔިތުން ރައީސް ޔަމީނާއި އެމަނިކުފާނުގެ ސަރުކާރަށް ޝުކުރު ވެރިވާ ކަމުގައި ވެސް ޝިޔާމް ވިދާޅުވި އެވެ. ރައީސް ޔާމީން ވެރިކަމުން ފައިބައިވަޑައިގަތީ ރައްޔިތުންނަށް ފްލެޓް އަޅައިދީ އެ ތަންތަން ހަވާލުކުރަން މިސަރުކާރާ ހަވާލުކޮށްފައި ކަމަށާއި އެކަމަކު އެކަން ވެސް މިސަރުކާރަށް ކުރަން ނޭގުނު ކަމަށެވެ. އެވަރު ކަމެއް ނުކުރެވުނު ބަޔަކަށް ދެން ކުރެވޭނެ އިތުރު ކަމެއް ނޯންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"[މިއީ] ރައްޔިތުންނަށް ހިދުމަތް ކުރަން އައި ސަރުކާރެއްތޯ މިއަދު ސުވާލު އުފެދޭ. ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުން ރުޅިގަދަވެގެން އުޅޭ ސަރުކާރެއް މިނޫނިއްޔާ ނުދެކެން. ރައީސް ޔާމީން މިނިވަން ކުރަން ގޮވަމުންދަނީ އެމަނިކުފާނު ހިދުމަތްތަކެއް ކޮށްދެއްވާފައިވާތި... އެކަމުގައި ރައްޔިތުން ކުށްވެރި ކުރާކަށް ވެސް ނުޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ މިސަރުކާރަށް ރައްޔިތަކަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދެވިފައި ނެތް ނަމަވެސް ރައްޔިތުންގެ ފައިސާ އިން މިލިއަނުން ހަރަދުކޮށްގެން ސަރުކާރުގެ އިސްވެރިންނަށް ރާއްޖެއިން ބޭރަށް ދަތުުރުކުރެވޭ ކަމަށެވެ. އެގޮތަށް ހޭދަކުރާ ފައިސާ އަކީ ރައްޔިތުންގެ މާލިއްޔަތުން ރައްޔިތުންނަށް ހޭދަކުރަން ހުރި ފައިސާ ކަންވެސް ޝިޔާމް ފާހަގަކުރެއްވި އެވެ.

ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ހިޔާ މަޝްރޫއުން ރައްޔިތުންނަށް ލިބެންޖެހޭ ހަގީގީ ބޯހިޔާވަހިކަން ލިބެމުން ނުދާ ކަމަށެވެ. ހިޔާ މަޝްރޫއާ ގުޅޭގޮތުން އޮޑިޓް އޮފީހުން ތައްޔާރުކުރި ރިޕޯޓަށް ބަލާލުމުން އެކަނިވެސް ހިޔާ މަޝްރޫއާ މެދު ހިތްހަމަނުޖެހޭ ސަބަބު ސާފު ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ބޯހިޔާވަހިކަމުގެ ނަމުގައި ކުރީ ސަރުކާރުން ރައްޔިތުންނާ ހަވާލުކުރީ އެތައް މިލިއަން ރުފިޔާއެއްގެ އިންޓްރެސް ހިމެނޭ ލޯނަކާއި އިމާރާތެއްގެ ހަތަރު ފާރު ކަމަށެވެ. ރައްޔިތުން ހޯދަން ބޭނުންވި ހަގީގީ ބޯހިޔާވަހިކަން ހިޔާ ފްލެޓްތަކުން ނުލިބޭތީ އެތަންތަން ލިބިފައިވާ އެތައް ރައްޔިތެއްގެ ޝަކުވާ އިންތިހާ އަށް ލިބެމުންދާ ކަމަށްވެސް ވިދާޅުވި އެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުން ހިންގާފައިވަނީ ވަރަށް ބޮޑު ހިޔާނާތެއް ކަމުގައިވެސް ސަލީމް ވަނީ ވިދާޅުވެފަ އެވެ.