ދުނިޔެ

މިސްރުގައި ހަތަރު އަހަރަށް ފަހު ކުއްލި ނުރައްކާ އުވާލައިފި

މިސްރުގައި މީގެ ހަތަރު އަހަރު ކުރިން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި އެވެ.

ރައީސް އަބްދުލް ފައްތާހް އަލް ސީސީ ހޯމަ ދުވަހު ފޭސްބުކްގައި މިކަން އިއުލާން ކުރައްވަމުން ވިދާޅުވި ގޮތުގައި މިއަދު މިސްރު އޮތީ ކުއްލި ނުރައްކާ އިއުލާން ނުކޮށް އުޅޭވޭ ހާލަތުގައި ކަމަށެވެ.

މިސްރުގައި ކުއްލި ނުރައްކާ އިއުލާންކުރީ އޭޕްރީލް 10، 2017 ގައެވެ. އެއީ އައިސިސް ޖަމާއަތުން މިސްރުގެ ދެފައްޅިއަކަށް ދިން ބޮމުގެ ހަމަލާއެއްގައި 45 މީހުން މަރުވެ އެތައް ބަޔަކަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެންނެވެ.

ގާނޫން ހަދާ މަޖިލީހުން އެންމެ ފުރަތަމަ ހުއްދަ ދިނީ ތިން މަހަށް އިމަޖެންސީ ހިންގުމަށެވެ. އެއީ ހާލަތުން އަރައިގަނެވޭނެ ކަމަށް ބަލާފަ އެވެ. އެހެން ނަމަވެސް އެދުވަސްވަރު އައިިސިސްގެ ނުރައްކާ ބޮޑުވެފައި އޮތުމުން ގާނޫނާ އެއްގޮތަށް ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކުރަމުން ގޮސް މިއަދާ ހަމައަށް އައީ އެވެ.

ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކުރަން ޖެހުނު ބައެއް އެހެން ސަބަބުތަކުގެ ތެރޭގައި ތަންތަން ބަލައި ފާސްކުރަން ފުލުހުންނަށް ވަގުތު ދިނުން ވެސް ހިމެނެ އެވެ.

މިސްރުގައި ކުއްލި ނުރައްކާ އިއުލާންކުރުމާ ގުޅިގެން ގާނޫނުއަސީސީގެ ބައެެއް މާއްދާތަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލެވެ އެވެ.

ސީސީ ވިދާޅުވި ގޮތުގައި މިސްރުގައި އަމަން ބެލެހެއްޓުމަކީ ހަމައެކަނި ފުލުހުންނާއި ސިފައިންގެ ވާޖިބެއް ނޫނެވެ. އާންމު ފަރުދުންނާއި ކުޑަބޮޑު ހުރިހާ މީހުން ވެސް އަމަން ރައްކާތެރިކުރުމަށް އެހީތެރިވާން ޖެހެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިސްރުގައި މިއަދު އަމާންކަން ގާއިމުވެފައިވަނީ ގައުމު ދެކެ ލޯބިވާ ރައްޔިތުންގެ ސަބަބުންނެވެ.