ދުނިޔެ

އިޒްރޭލަށް ދިޔައީ ސެކިއުރިޓީ ބޭނުމަކު: ބުރުހާން

ސޫދާން އާއި އިޒްރޭލާ ދެމެދު ބަދަހި ގުޅުމެއް ނޯންނަ ކަމަށް ސިފަކޮށްދެއްވައި ސޫދާންގެ އަސްކަރީ ވެރިޔާ، ޖެނެރަލް އަބްދުލް ފައްތާހް އަލްބުރުހާން ބަސް ވިދާޅުވެއްޖެ އެވެ. ބުރުހާން ވިދާޅުވީ އިޒްރޭލަށް ވަޑައިގަތީ އަސްކަރީ އަދި ސަލާމަތީ ދަތުރެއްގައި ކަމަށެވެ.

އެމެރިކާގެ ވެރިކަމުގައި ޑޮނަލްޑް ޓްރަމްޕް ހުންނެވިއިރު އިޒްރޭލަށް މެދުއިރުމަތިން ޚާއްސަކޮށް އަރަބިންގެ ތެރެއިން އެކުވެރިން ހޯދައި ދެއްވުމަށް ފެއްޓެވި އަބްރަހަމް އެކޯޑްސްގައި އޮކްޓޯބަރު 23، 2020 ގައި ސޫދާން އޮތީ ސޮއިކޮށްފަ އެވެ.

ބުރުހާން ވިދާޅުވި ގޮތުން ސޫދާނާއި އިޒްރޭލާ އޮންނަ ގުޅުމާ މެދު މީހުން ދެކެނީ ޝައްކުގެ ނަޒަރަކުން ކަމަށާއި ސޫދާނުން އިޒްރޭލާއެކު ކޮންމެވެސް ޑީލެއް ހަދަން އުޅޭ ކަމަށް ވާހަކަ ދެކެވޭ ކަމަށެވެ.

އިޒްރޭލާ ސޫދާނާއެކު އޮންނަނީ ސިއްރު ގުޅުމެއް ނޫން ކަމަށް ބުރުހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސޫދާނަށް ބޭނުންވާ އަސްކަރީ އެހީ އާއި ފަންނީ އެހީ ހޯދުމާ ބެހޭ ގޮތުން އިޒްރޭލާ މަޝްވަރާ ކުރެއްވި ކަމަށެވެ.

އިޒްރޭލާއެކު ގުޅުން ގާއިމުކުރުމަކީ ސޫދާނަށް ވެސް އޮތް ކުރިއެރުމެއް ކަަމަށް ބުރުހާން ވިދާޅުވި އެވެ. ޓެރަރިސްޓުން ހިފާ ހައްޔަރު ކުރުމުގައި ސޫދާނުން ފޯރުކޮށްދޭ އިންޓެލިޖެންސް އިޒްރޭލަށް މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.

ބުރުހާން ވިދާޅުވި ގޮތުން ސަރަހައްދީ މަސްލަހަތަށް ޓަކައި ވެސް އިޒްރޭލާއެކު ގާތް ގުޅުމެއް ބާއްވަން ޖެހޭ ކަމަށެވެ.

ސޫދާންގެ މަތީ ފަންތީގެ ވަފުދެއް އިޒްރޭލަށް ވަޑައިގެން އުޅުއްވާ ކަމަށް އިޒްރޭލުގެ ޗެނަލްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ސަބަބެއް ކަމަށް ބުނީ ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ކަމަށެވެ.

އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެރިކަމުގައި، ފެބްރުއަރީ 2020 ގައި ބުރުހާންއާ ޔުގެންޑާގައި ބައްދަލު ކުރައްވައި ވަނީ މަޝްވަރާތަކެއް ކުރައްވާފަ އެވެ.

އިޒްރޭލު ބޮއިކޮޓްކުރަން 1958 ގައި ސޫދާނުން ފާސްކުރި ގާނޫން، އޭޕްރީން 2021 ގައި ވަނީ ގާނޫނަކުން އުވާލާފަ އެވެ.