ސްޓެލްކޯ

ސްޓެލްކޯއިން ގުރައިދޫ މަރުކަޒުގެ ބައެއް މަރާމާތުކޮށްދީފި

ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތުކޮށް، ޖެންޑާ މިނިސްޓްރީއާއި މިއަދު ހަވާލުކޮށްފި އެވެ

ސްޓެލްކޯގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ނިންމާ މިނިސްޓްރީއާއި ހަވާލުކުރި ލިއުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތު ކުރުމަށް ކުރެވުނު މަސައްކަތް ތަކުގެ ތެރޭގައި އެ ބްލޮކްގައި ހުރި ދެ ކޮޓަރީގެ ފާހާނާ އާއި، ފާހާނާ ބަރީގައި ހިމެނޭ ހަ ފާހާނާގެ ފްލޯ ޓައިލްސް ބަދަލުކުރުމާއި، އެތަނުގައި މިހާރު ސިންކް ބޭނުން ކުރަމުން އަންނަ ތަން ބަދަލުކޮށް އެތަން ކޮންކްރީޓް ކޮށް ބެއްދުން ހިމެނެ އެވެ. އަދި ބަދިގެ ބައިގައި ކޮންކްރީޓް އައްޓެއް ތިރިއައް ތަނބުލާފައި މިހާރު ހުރި އައްޓާއި ގުޅުވައިގެން ހެދުމާއި، އަލަށް ހެދި ކޮންކްރީޓް އަށީގެ ބައިގައި މިހާރު ހުރި ވަރަށް ވުރެ ބޮޑު އަދި ފުން ސިންކެއް ބެހެއްޓުމާއި، މުޅި އަށީގައި ޓައިލްސް ޖަހައި، ބަދިގޭގައި ކަބަޑު ސެޓެއް ހަދައި ހަރުކުރުން ހިމެނެ އެވެ.

މީގެ އިތުރުން އެތަނުގެ އެތެރޭގައި ހުރި ރެނދުތައް ރަނގަޅަށް ކޮށައި ފެންވަރު ރަނގަޅު ކެމިކަލްއެއް ބޭނުންކޮށްގެން ބެއްދުމާއި، ޕެސްޓް ކޮންޓްރޯލްކޮށް، އެތަނުގައި ބަދަލުކުރަން ޖެހިފައިވާ ފަންކާތައް ބަދަލު ކުރުމާއި، އެތަނުގައި ހުރި 21 ކުޑަ ދޮރުގައި ދޮރުފޮތި ހަރުކުރުމާއި، މުޅި ތަނުގައި ކުލަލުމުގެ މަސައްކަތް ވަނީ ކޮށްދީފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު އައިޝާ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތު ނުކުރެވިގެން ބޭނުން ނޮކޮށް ހުންނަތާ ވެސް ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށާއި ސްޓެލްކޯގެ އެހީއާއެކު އެ މަސައްކަތް ކުރެވި މަރުކަޒަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށެވެ.

"މިވަގުތުވެސް މަރުކަޒުގައި އެބަތިބި 199 މީހުން. މިއީ ހަމަ ކޮންމެ ދުވަހަކުވެސް ބަދަލުވަމުންދާ އަދަދެއް. ވެއިޓިން ލިސްޓެއްގައި މިހާރުން މިހާރަށްވެސް އެތަނަށް ގެންދަންޖެހޭ މީހުން އަބަދުވެސް ތިބޭ. އެހެންވީމަ މިއަދު މި ވޯޑް ހަވާލުކުރުމާއި ގުޅިގެން 28 ޖާގަ އިތުރުވެގެން މިދިޔައީ. މި 28 ޖާގައިގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ބައެއްގެ ދިރިއުޅުން އަދި އެމީހުންގެ ތަކުލީފްތަކަށް ބަދަލެއް މިގެނެސްދެވުނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުޣުނީ ވިދާޅުވީ ސްޓެލްކޯ އަކީ ގައުމީ ފެންވަރުގައި ބާއްވާ އެކި ކަންކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ކުންފުންޏެއް ކަމަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގައި ކުރެވުނު ފަަދަ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ސްޓެލްކޯ އިން ހުއްޓުމެއްނެތި ކުރަމުންގެންދާނެ ކަމަށެވެ.