ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޑިއާ ކަނޑުގެ މެދުގައި ރާއްޖެ އޮތުމަކީ ވިޔަފާރިއަށް ލިބޭ ބާރެއް: ރައީސް

ރާއްޖެ އިންޑިއާ ކަނޑުގެ މެދުގައި އޮތް އަތުމަކީ ރާއްޖޭގެ ވިޔަފާރިއަށް ލިބޭ ބާރެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދުބާއީ އެގްޒިބިޝަން ސެންޓަރުގައި އޮތް މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އަކީ ދުނިޔޭގެ އުތުރާއި ދެކުނުން ވާސިލުވުމަށް ފަސޭހަ މަގެއް ކަމަށެވެ. އެހެންކަމުން އެކަމަށް ވިސްނައިގެން ސަރުކާރުން އިންވެސްޓްމަންޓް މާހައުލު ތަރައްގީކުރުމަށް އިތުރު ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

އުމްރާނީ ތަރައްގީއާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށާއި، ހަކަތައިގެ ދާއިރާއިން އާ އިންވެސްޓްމަންޓްތަކަށް އަމާޒުކޮށްގެން އެކި ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއެކު، ރާއްޖޭގެ ގާނޫނާއި ގާވާއިދުގެ މާހައުލުވެސް އިންވެސްޓަރުންނަށް ފަހިވާ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެ އޮތީ ވިޔަފާރިއަށް ހުޅުވާލެވިފައި ކަމަށާއި އަދި އިންވެސްޓަރުންނަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށެވެ. މި ސަރުކާރުން އިގްތިސޯދު ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާ ކަމަށާއި ދުބާއީ އެކްސްޕޯގައި ރާއްޖެއިން ހުށަހެޅި ތީމްއާ އެއްގޮތްވާ ގޮތަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ ޕްރައިވެޓް ސެކްޓަރާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ތިމާވެށި ތަރައްގީކޮށް އެކަން އިޝްތިހާރުކުރުމުގައި ހިމެނޭ ކަންކަން ލުއިފަސޭހަކޮށް، ވިޔަފާރިއެއް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ލުއިކޮށްދީ، އެކަމަށް ހަރަދުކުރާނެ ފައިސާ ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދީ އަދި ޒިންމާދާރުކަމާ އެކީ އިންވެސްޓަރުންނަށް ރައްކާތެރިކަން ޕްރައިވެޓް ސެކްޓަރުން ކަށަވަރުކޮށްދޭ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަކީ ކަނޑަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާއި ނޫ އިގްތިސޯދަކީ ރާއްޖޭގެ އިގްތިސޯދީ ސިޔާސަތުގެ މައިގަނޑު އެއް އަސާސް ކަމަށެވެ.

ދުބާއީގައި މިއަދު ފެށި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގައި އަލަށް ރިސޯޓު ހަދަން 18 ރަށެއް ވަނީ ބީލަމަށް ހުޅުވާލާފަ އެވެ. އިއުލާނުކުރި ރަަށްތަކުގެ ތެރޭގައި މި އަހަރުގެ ކުރީކޮޅު އިއުލާނުކޮށް މީހަކު ކުރިމަތިނުލުމުން ބީލަަން ބާތިލް ކުރި ގިނަ ރަށްތަކެއްވެސް ހިމެނެ އެވެ. މީގެ އިތުރުން ބައެއް ރަށްތަކުގައި ރިސޯޓު ތަރައްގީ ކުރެވޭނީ އެ ރަށްތައް އިތުރަށް ހިއްކައިގެން ކަމަށް ބިޑަށް ކުރި އިއުލާނުގައިވެ އެވެ.