ހިޔާ މަޝްރޫއު

ފަހި ދިރިއުޅުމާއި ހިޔާ ފްލެޓު ލޯނުގެ އިންޓްރެސްޓް އެއްވަރު

Oct 26, 2021
7

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ސޯޝަލް ހައުސިން އަޅަން، އިންޑިއަން އެގްޒިމް ބޭންކުން ނެގި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް، ހިޔާ ފްލެޓު ލޯނުގެ އިންޓްރެސްޓް ރޭޓާ އެއްވަރުކަން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއަން އެގްޒިމް ބޭންކް އިން 227 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ)ގެ ލޯނު ނެގިކަން ހާމަކޮށްފަ އެވެ.

ފަހި ދިރިއުޅުން ކުންފުނިން ހުޅުމާލޭގައި 4000 ހައުސިން ޔުނިޓު އަޅަނީ އިންޑިއާގެ އެންބީސީސީ އާއި ޖޭއެމްސީ ޕްރޮޖެކްޓްސް ކުންފުންޏާ ގުޅިގެންނެވެ. އެގޮތުން އެންބީސީސީ އިން 2000 ހައުސިން ޔުނިޓު އަޅާނީ 110.5 މިލިއަން ޑޮލަރުގެ ލޯނަކުންނެވެ. އަދި 2000 ޔުނިޓު އަޅާނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އިން 116 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.

މި ދެ ލޯނު ވެސް ފަހި ދިރިއުޅުން ކުންފުނިން ނަގާފައިވަނީ ދިވެހި ސަރުކާރުން ގެރެންޓީ ދީގެންނެވެ.

އެންބީސީސީ އިން ނެގި ލޯނުގެ ތަފުސީލު

  • ލޯނު ޖުމްލަ: 110.5 މިލިއަން ޑޮލަރު
  • ގްރޭސް ޕީރިއަޑް: 2.5 އަހަރު
  • ލޯނު ދައްކަން ޖެހޭ އަހަރު ނުވަތަ މެޗޫރިޓީ: 15 އަހަރު
  • އިންޓަރެސްޓް 3.25 ޕަސެންޓް އަދި ލައިބޯ
  • އިންޓަރެސްޓާއި އިތުރުން އަނބުރާ ދައްކަން ޖެހޭނެ އަދަދު: 153 މިލިއަން ޑޮލަރު

ސަރުކާރުން ކުރިން ބުނެފައިވަނީ މި ލޯނުތައް އިންޑިއާއިން ދީފައިވަނީ ލުއިކޮށް، ކުޑަ އިންޓްރެސްޓް ރޭޓެއްގައި ކަމަށެވެ. ނަމަވެސް މާލިއްޔަތު ކޮމެޓީން އެ މައުލޫމާތުތައް ހޯދުމާއެކު ހާމަވެގެން ދިޔަ އަދަދުތަކުން އެނގޭ ގޮތުގައި މިއީ ހިޔާ ފްލެޓު އަޅަން ޗައިނާ އެގްޒިމް ބޭންކުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި 434 މިލިއަން ޑޮލަރުގެ ލޯނުގެ އިންޓަރެސްޓު ރޭޓް ކަމަށްވާ 3.3 ޕަސެންޓު އަދި ލައިބޯއާ އެއްވަރުގެ އަދަދެކެވެ.

ޖޭއެމްސީ ޕްރޮޖެކްޓްސް ލޯނުގެ ތަފުސީލް

  • ޖުމްލަ ލޯނު: 116.5 މިލިއަން ޑޮލަރު
  • ގްރޭސް ޕީރިއަޑް: 3.5 އަހަރު
  • ލޯނު ދައްކަން ޖެހޭ އަހަރު ނުވަތަ މެޗޫރިޓީ: 15 އަހަރު
  • އިންޓަރެސްޓް: 3.5 ޕަސެންޓް އަދި ލައިބޯ
  • އިންޓަރެސްޓާއެކު އަނބުރާ ދައްކަން ޖެހޭ އަދަދު: 162.1 މިލިއަން ޑޮލަރު

މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ މި ލޯނުގެ އިންޓްރެސްޓް ރޭޓު ބޮޑު ކަމަށް ވިދާޅުވެފަ އެވެ.

"ލައިބޯ 3 ޕްލަސް އަކީ އެހީގެ ގޮތުގައި ނަގާ ލޯނަކަށް ބަލާއިރު ތަންކޮޅެއް މަތީ އަދަދެއް. އެކަން އަޅުގަނޑު ފާހަގަ ކޮށްލީ،" ޝަރީފު ވިދާޅުވި އެވެ.