މާލޭގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކު އެ ސްކޫލުގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން އެ ޓީޗަރު ސަސްޕެންޑް ކޮށްފި އެވެ.
އެ މައްސަލަ ފެންމަތިވެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ ތުހުމަތުވާ ޓީޗަރު މަސައްކަތުން ދުރުކޮށް ސަސްޕެންޑްކޮށްފައިވާ ކަަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
ފުލުހުން ބުނީ މާލޭގެ ސްކޫލެއްގެ ޓީޗަރަކު އެ ސްކޫލުގެ ދަރިވަރުން ތަކަަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިމަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މިމައްސަލަ ކުރިމަތިވި ސްކޫލުގެ ނަމެއް އަދި ތުހުމަތުކުރެވޭ ޓީޗަރުގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކުދިންގެ އަދަދެއް ވެސް ފުލުހުން ބުނެފައެއް ނުވެ އެވެ.
މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކުރި ކަމަކަށް ބުނެފައެއް ނުވެ އެވެ.
މާލޭގެ ޕްރީ ސްކޫލެއްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކު އެ ސްކޫލުގައި ކިޔަވަމުންދާ ހަތަރު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.