ރައީސް އަބްދުﷲ ޔާމީން

ޖަލުގައި ޒުވާނަކު ހުއްޓަސް ކޮށްދެވޭނެ ކަމެއް ނެތް: ރައީސް

ބޮޑެތި ކުށްތައް ކުރުމުގެ ސަބަބުން ޖަލުގެ ތޭރިތަކުގެ ފުރަގަހަށް ޒުވާނަކު ދާން ޖެހިއްޖެ ނަމަ، އެކަމުގައި ރައީސް އަށް ކޮށްދެވޭނެ އެއްވެސް ކަމެއް ހަގީގަތުގައި ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމިން މިރޭ ވިދާޅުވެއްޖެ އެވެ.

ޓީސީ ސޕޯޓްސް ކްލަބުން މިއަހަރު ހޯދި ކާމިޔާބީތަށް ފާހަގަ ކުރުމުގެ ހަފްލާގައި ރައީސް ޔާމިން ވިދާޅުވީ ގައުމުގެ ހަމަހިމޭން ކަން ނަގާލައި އަދަބު ލިބޭކަހަލަ ކުށަކަށް، ޒުވާނުން ގަސްތުގައި އަރައިގަނެގެން ނުވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ޒުވާނުންގެ އެޖަންޑާއެއްގައި ކުރިޔަށް ދާން ކިތަންމެ ބޭނުންވި ނަމަވެސް ކުށް ކުރާ ޒުވާނުންނާ އެކު ކުރިއަށް ދިޔުމުގެ ބަދަލުގައި ރައީސްއަށް ޖެހޭނީ އެ މީހުންނާ އެކު ކުރިއަށް ނުގޮސް ފަހަތަށް ޖެހެން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ގަސްތުގައި ކުށްކުރުމުގައި އަމާން ވެށި ނާމާންވެ ބިރުވެރިކަމަކަށް ވެއްޓިގެން ދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިރޭވެސް އަޅުގަނޑު ޒުވާނުންނަށް ދަންނަވާލަން އޮތް މުހިންމު އެއްކަމަކީ ޖަލުގެ ތޭރިތަކުގެ ބިއްދޮށައް ދާ ކަހަލަކަންތައް ނުކުރާށޭ. ސަބަބަކީ ގަސްތުގައި އިނގި ހުރެ އެކަން އެނގި ތިބެގެން ބޮޑެތި ގޯސް ހަދައިފިއްޔާ ރައީސް އަށްވެސް ކޮށްދެވޭނެ ކަންތައްތައް ލިމިޓަޑް. އެކަމުގައި ރައީސްއަށް ކަމެއް އަނެއްހެން ނުކޮށްދެވޭނެ. ގާނޫނުތަކުގައި އެބަހުރި ރައީސް އަކަށް ކުރެވޭނެ ކަންކަމާ ނުކުރެވޭނެ ކަންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެ ހަމަހިމޭން ތަނަކަށް ހަދަން ބޭނުންވާ މިންވަރު އެންމެ ފަސޭހައިން ވިސްނޭނީ އާއިލާގައި ހުންނަ އެންމެ ލޯބިވާ އަދި ތިމާޔާ އެންމެ ކައިރި މީހާޔަށް އަނިޔާވެރި ކަމެއް ކުރިމަތިވުމުން ކަމަށެވެ. އަދި ޒުވާނުން ވެސް ކުށްތަކަށް އަރައިގަތުމުގެ ކުރިން އެފަދަ ކަންކަމަށް ވިސްނައި ކުށްތަކަށް އަރައި ނުގަތުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ. ރައީސް ވިދާޅުވީ ޒުވާނުން ވާންވީ ގައުމަށް ފައިދާ ހުރި ފަންނުވެރި މަސައްކަތެއް ކުރާ ބަޔަކަށެވެ. އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކުރަން ޒުވާނުން ބޭނުންވާ ނަމަ، އެކަމަކަށް އެހީތެރިވުމަށް ސަރުކާރު އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެފަދަ ކަމެއް ދިމާވުމުން ކޮންމެ މީހަކަށްވެސް އިސުސާސް ކުރެވޭނެ ރާއްޖޭގެ ކީވެގެންކަން ހަމަހިމޭން، މަސްލަހަތު ރަނގަޅު ތަނަކަށް އޮންނަން ބޭނުންވާނީ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މާރާމާރީގެ ބޮޑެތި މައްސަލަތަކާއި ގޭންގް ކުށްތައް ފިޔަވާ އެހެން ކުދި ކުދި ކުށްތަކަށް އަރައިގެންފައިވާ ޒުވާނުން ވަކި މުއްދަތަކަށް ކުށް ނުކޮށް ތިބޭ ނަމަ، އެ މީހުންގެ ކުށުގެ ރިކޯޑް ސާފުކޮށް ދިނުމަށް ޕޮލިސް ކޮމިޝަނަރުގެ އަރިހުގައި މިއަދުވެސް ދެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ޒުވާނުންނަކީ ގައުމަށް ފައިދާ ހުރި ވަޒީފާތަކެއް އަދާކުރާ ބަޔަކަށް ހެދުމަށް ފުރުސަތު ވެސް ދޭން ޖެހެ އެވެ. އަދި އެ މަސައްކަތް ހަލުވި ކޮށްދެއްވުމަށް އާ ޕޮލިސް ކޮމިޝަނަރު މަސައްކަތް ކޮށްދެއްވާނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

"މައްސަލައެއްގައި ސުވާލު ކުރަން ފުލުސް އޮފީހަށް ހާޒިރުނުކޮށް ދެ އަހަރު ތިން އަހަރު ދަންޔާ ދެން އަޅުގަނޑުމެން ބަލަންވީ އެކުދިން އެކަމެއް އެ ހުއްޓާލިއްޔޭ. ދެން އެކަން ނުކުރާނޭ. އެގޮތަށް ބަލާފައި ޕޮލިސް ރެކޯޑް ސާފުކޮށްދިނުމުގައި ކޮންކަހަލަ ކަމެއްތޯ އަޅުގަނޑު އާ ކޮމިޝަނަރުގެ އަރިހުގައި ދެންނެވިން. މި ހަފްތާ އެބޭފުޅާގެ ފީޑްބެކެއް އަޅުގަނޑަށް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.