ފުލުހުން މިމަހުގެ 13 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން 100 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ތެރެއިން ތިންވަނަ މީހަކު ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލާފައިވަނީ ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) އެވެ. އޭނާ ދޫކޮށްލީ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.
ސަތޭކަ ކިލޯގެ މަސްތުވާތަކެތީގައި މައްސަލާގައި ފުލުހުން ޖުމްލަ 10 މީހަކު ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދާ މެދު އެންމެ ފުރަތަމަ ގޮތެއް ނިންމުމަށް މިމަހުގެ 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އެ ދުވަހު ކޯޓުން ވަނީ ދެ މީހަކު ދޫކޮށްލާފަ އެވެ. އެހެންވެ އެ ދެ މީހުންގެ މައުލޫމާތު ފުލުހުން މިއަދާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ފުލުހުން ބުނީ ކޯޓުން ދޫކޮށްލި ދެ މީހުންނަކީ 100 ކިލޯ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު ދެ މީހުން ކަމަށެވެ. އެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރުމަށް ފުލުހުންގެ ފަރާތުން ޕީޖީގައި އެދުނު ނަމަވެސް މައްސަލަ އިސްތިއުނާފް ނުކުރުމަށް ޕީޖީ ވަނީ ނިންމާފަ އެވެ.
ފުލުހުންގެ ބަންދުގައި މިހާރު ތިބި މީހުން
- ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްޠަފާ (19އ)
- ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު (25އ)
- ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު (34އ)
- ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ)
- ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން (61އ)
- ބަނގްލަދޭޝް، އެމްޑީ ރަފީގުލް އިސްލާމް (35އ)
- ބަނގްލަދޭޝް، ޑީއެމް މޮބިން (24އ)
ފުލުހުން ބުނީ 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.
މި އޮޕަރޭޝަނާ ދާދި އެކު އެކީގަހެން ހިންގުނު އިތުރު އޮޕަރޭޝަނެއްގައި ވެސް ފުލުހުން ވަނީ 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ.