ރައީސް މުހައްމަދު ނަޝީދު

ޗައިނާ ސަފީރު، ރައީސް ނަޝީދާ ބައްދަލުކުރައްވައިފި

Oct 26, 2021

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަންގް ލިޒިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފި އެވެ.

ޗައިނާ ސަފީރު ވަންގް ލިޒިން އެކަމަނާގެ މަގާމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެރުއްވީ މިދިޔަ މަހުގެ ހަވަނަ ދުވަހު އެވެ.

ވަންގް، ރައީސް ނަޝީދާ މިއަދު ބައްދަލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ. އެކަމަނާ ވަނީ މީގެކުރިން މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް ރައީސް ނަޝީދާ ބައްދަލުކުރައްވާފަ އެވެ. އެކަމަކު އެ ދުވަހުގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ވާޗްއަލް ބައްދަލުވުމެއްގެ ގޮތުގަ އެވެ.

ރައީސް ނަޝީދާއި ޗައިނާ ސަފީރު ދެ ފަހަރަށް ބައްދަލުކުރެއްވި އިރުވެސް އެ ބައްދަލުވުމާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިންނާއި ޗައިނާ އެމްބަސީން ބައްދަލުވުމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ޗައިނާ ސަފީރު މިއަދު ވަނީ މަޖިލީހުގެ އިދާރާގައި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއާ ވެސް ބައްދަލުކުރައްވާފަ އެވެ.

ރައީސް ނަޝީދު ފާހަގަކުރެވިފައިވަނީ ޗައިނާއާ ދެކޮޅަށް ވަރަށް ގިނައިން ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. ރައީސް ނަޝީދު ޗައިނާ އަށް އެންމެ ބޮޑަށް ފާޑުވިދާޅުވަނީ އެ ގައުމުން ރާއްޖެއަށް ދޫކޮށްފައިވާ ލޯންތަކަށް ޗައިނާ ސަރުކާރުން ލުއި ނުދޭ ކަމަށް ވިދާޅުވެ އެވެ.

ކުރިން ހުންނެވި ޗައިނާ ސަފީރު ގެންދެވީ ނަޝީދު ދައްކަވާ އެފަދަ ވާހަކަތަކަށް ވަރަށް ބޮޑަށް ރައްދު ވެސް ދެއްވަމުންނެވެ.