ބ. މާޅޮހުގައި ކޭޝް އޭޖެންޓް ބޭންކިން ތައާރަފްކޮށް 75 ރަށަކުން ފައިސާ ޖަމާކުރުމުުގެ ހިދުމަތް ލިބޭގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހަމަޖައްސައިފި އެވެ.
މާޅޮހުގައި ކޭޝް އޭޖެންޓް ބޭންކިންގެ ހިދުމަތް ފައްޓަވައިދެއްވީ ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔަ އެވެ.
އޭޖެންޓް ބޭންކިންގެ ހިދުމަތަކީ ބީއެމްއެލްގެ ބްރާންޗެއް އަދި އޭޓީއެމެއް ނެތް ރަށްރަށުގައި އޭޖަންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ތައާރަފްކުރެވުނު ހިދުމަތެކެވެ.
ބީއެމްއެލް އިން 2015 ވަނަ އަހަރު އޭޖެންޓް ބޭންކިންގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ ހަމަ އެކަނި ފައިސާ ނެގޭ ގޮތް ހަމަޖައްސައިދިނުމަށެވެ. ނަމަވެސް އޭޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭގައި އެއްވެސް ފީ އަކާ ނުލައި މިހާރު ފައިސާ ނެގުމާއި، ޖާމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ފޯރުކޮށްދެ އެވެ.
ކޭޝް އޭޖެންޓުން މެދުވެރިކޮށް ދުވާލަކު 2000 ރުފިޔާއާ ހަމައަށް ފައިސާ ނެގޭނެ އެވެ. އަދި ކަސްޓަމަރަކަށް ދުވާލަކު 10،000 ރުފިޔާއާ ހަމައަށް ފައިސާ ޖަމާކުރެވޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަ މިއަދު ވިދާޅުވީ ބީއެމްއެލް އިން މަސައްކަތް ކުރަނީ ކުރިއަށް އޮތް މަސްތަކުގައި މި ހިދުމަތް މީހުން ދިރިއުޅޭ 100 ރަށަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
"މިއަދު މި ފާހަގަކުރެވެނީ އަޅުގަނޑުމެންގެ އޭޖަންޓް ބޭންކިން ހިދުމަތް 75 ވަނަ ރަށަށް ތައާރަފް ކުރެވޭ މުހިއްމު މުނާސަބާ. މިއީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ބްރާންޗެއް ނުވަތަ އޭޓީއެމް ސެންޓަރެެއް ގާއިމުކޮށްފައިވާ ރަށަކަށް ދަތުރުކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކިންގ ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެ ނިޒާމެއް،" ސޯޔަ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 73 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 134 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ބީއެމްއެލް އިން ބޭންކިންގެ ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ވިއުގައިގައި ރާއްޖޭގެ 20 އަތޮޅުގައި 35 ބްރާންޗާއި 73 ސެލްފް ސާވިސް ސެންޓަރާއި 134 އޭޓީއެމް ގާއިމް ކޮށްފައިވެ އެވެ. އަދި މިހާރު 200 އަށް ވުރެ ގިނަ އޭޖެންޓުން މެދުވެރިކޮށް ބީއެމްއެލް ބޭންކިންގެ ހިދުމަތް ލިބެ އެވެ.