ޝާހް ރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާންގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުޚީގައި ލިޔާތާ މަހަކާ ކައިރިވެއްޖެ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ މިމަހުގެ ތިން ވަނަ ދުވަހު މުމްބައި އިން ގޯއާ އަށް ފުރަން ތައްޔާރުފައިވާ ކްރޫޒް ޝިޕް އަކުންނެވެ.
މުމްބައިގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ތުހުމަތު ކުރާ ގޮތުގައި އާރްޔަން އަކީ މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ މީހެކެވެ. އެ އެޖެންސީން އާރްޔަން އަށް މި ތުހުމަތުތައް ކުރަނީ އޭނާގެ ފޯނުގައި ހުރި ވަޓްސްއަޕް ޗެޓްތަކެއްގެ މައްޗަށް ބިނާކޮށެވެ.
އާރްޔަން ވަޓްސްއަޕުން ޗެޓްކޮށްފައިވާ މީހުންގެ ތެރޭގައި އަލަށް ފިލްމު ކުޅެން ފެށި ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ ހިމެނެ އެވެ. އަނަންޔާ އާއި އާރްޔަން އަކީ ވަރަށް ކުޑައިރުއްސުރެ ގާތް ދެ އެކުވެރިންނެވެ.
މި ދެ މީހުންގެ ވަޓްސްއަޕް ޗެޓް މިހާރު ލީކުވެފައިވާއިރު އިންޑިޔާގެ ނޫސްތަކުގައި މި ޗެޓުލޮގްގެ ސްކްރީން ޝޮޓްތައް މިހާރު ވަނީ ޝެއާ ކޮށްފަ އެވެ.
އިންޑިއާ ޓުޑޭގައި ޝާއިއުކޮށްފައިވާ މި ޗެޓްތަކުގައިވާ ގޮތުން އަނަންޔާ އާއި އާރްޔަން ވަނީ ޑްރަގްގެ އެކި ބާވަތްތައް ހޯދުމާބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. މި ޗެޓުތަކުގައި އާރްޔަން ބުނެފައިވަނީ އަޗިތު ކޯރު ނަމަކަށް ކިޔާ މީހެއް އަތުން ގިނަ އަދަދެއްގެ ޑްރަގް ގަތުމާ ގުޅޭ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. މި މީހާގެ އަތުން 80،000 ރުޕީސްގެ ޑްރަގް އާރްޔަން އޯޑަރުކޮށްފައިވާ ކަމަށް ވެސް މި ޗެޓުތަކުގައި އޭނާ ބުނެފައި ވެއެވެ. އަދި މިފަދަ ވާހަކަތަކެއް އާރްޔަންގެ ފޯނުގައި ހުރި ބައެއް ގްރޫޕް ޗެޓްތަކުގައި ވެސް އޭނާ ދައްކާފައި ހުރިކަމަށް ވެއެވެ.
އަދި އަނަންޔާ ނޫނަސް ފިލްމީ ތަރިންގެ ދަރިންގެ ތެރެއިން އިތުރު ތިން މީހަކާ އެކު އާރްޔަން މިފަދަ ވާހަކަތައް ދައްކާފައިވާ ކަމަށް ވެއެވެ.
އަނަންޔާ އާއި އާރްޔަން ޑްރަގް އާ ގުޅޭ ގިނަ ވާހަކަތަކެއް ދައްކާފައިވާއިރު 2019ގެ ޖުލައި މަހު ވެސް މި ދެ މީހުންގެ މެދުގައި މިފަދަ ވާހަކަތަކެއް ދެކެވިފައިވާ ކަން މި ޗެޓް ލޮގުން ސާބިތުވެ އެވެ.
މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ދެ ފަހަރެއްގެ މަތިން އަނަންޔާ ވަނީ އެންސީބީ އަށް ހާޒިރުކޮށްފަ އެވެ. ފުރަތަމަ ދުވަހު ދެ ގަޑިއިރު އަދި ދެ ވަނަ ދުވަހު ހަތަރު ގަޑިއިރު އޭނާއާ ސުވާލުކޮށްފައި ވެއެވެ. އަދި އަންގާރަ ދުވަހު ވެސް އޭނާ އެންސީބީއަށް ހާޒިރުވާން އަންގާފައި އޮތް ނަމަވެސް އޭނާ އެ ދުވަހު އުޒުރެއް ދައްކައި ހާޒިރެއް ނުވެ އެވެ.
އެންސީބީން ސުވާލުކުރުމުން އަނަންޔާ ބުނެފައިވަނީ ޑްރަގާ ބެހޭ ގޮތުން އާރްޔަން އާ ދައްކާފައިވާ ވާހަކަ ތަކަކީ ސަމާސާ އަކަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އެންސީބީން އަނަންޔާގެ ވާޙަކަތައް ގަބޫލެއް ނުކުރެ އެވެ. އަދި އެންސީބީން ގަބޫލުކުރާ ގޮތުގައި އަނަންޔާ މެދުވެރިކޮށް ބޮޑު އަދަދެއްގެ ފައިސާގެ ޓްރާންސެކްޝަންތަކެއް ވެސް ކޮށްފައި ވެއެވެ. އަދި އަނަންޔާ އެންސީބީ އަށް ހާޒިރުވުމުން ފޯނު އަތުލާނެކަން ޔަގީންވާތީ ކުރީ ބައިގައި ވަރަށް ގިނަ މެސެޖުތައް ފޮހެފައިވާ ކަމަށް ވެސް އެންސީބީން ތުހުމަތު ކުރެ އެވެ.
އާރްޔަން ކަފާލާތުގެ ދަށުން މިނިވަންކުރަން ކުރަމުންދިޔަ މަސައްކަތް މިއަދު ވެސް ވަނީ ނާކާމިޔާބު ވެފަ އެވެ. ބުދަ ދުވަހު ބޮމްބޭ ހައިކޯޓުގައި އިތުރު އަޑުއެހުމެއް ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ. ނަމަވެސް އިންޑިޔާގެ ގިނަ ނޫސްތަކުން ބުނަނީ އެންސީބީން އެއްގޮތަކަށް ވެސް މި މައްސަލައިގައި ދޫ ދޭން ބޭނުން ނުވާތީ އާރްޔަން އަށް ކަފާލާތުގެ ދަށުން ނަމަވެސް ޖަލުން ނިކުންނަން އެހާ ފަސޭހަ ނުވާނެ ކަމަށެވެ. އަދި މި މައްސަލައިގައި އަނަންޔާ ވެސް ބެދޭނެކަމަށް މިހާރު ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.