އައިޖީއެމްއެޗް

ކުޅިވަރުގައި ލިބޭ އަނިޔާތަކަށް ފަރުވާ ދޭ ޔުނިޓެއް އައިޖީއެމްއެޗްގައި ހަދަނީ

އައިޖީއެމްއެޗް ތަރައްގީކޮށް ނިމޭ އިރު ކުޅިވަރު ކުޅުމުގެ ތެރޭގައި ލިބޭ އަނިޔާތަކަށް ފަރުވާދޭނެ ހާއްސަ ސްޕޯޓްސް އިންޖަރީ ޑިޕާޓްމަންޓަކާއި ރީހެބިލިޓޭޝަން ތެރަޕީ ޑިޕާޓްމަންޓެއް ގާއިމް ކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޓީސީ އިން ހޯދި ކާމިޔާބީތަށް ފާހަގަކޮށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދުވަސްކޮޅަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ދުވަސްކޮޅެއް ކަމަށާއި އެގޮތުން ދެ އަހަރުތެރޭގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރަތް ތަރައްގީ ކުރުމުގެ މަސައްކަތް ނިމޭ އިރު ރާއްޖޭގައި ބޭނުންވާ ފެންވަރުގެ ހުރިހާ ހިދުމަތްތަށް އެތަނުން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ސިއްހީ ދާއިރާގައި ވެސް ޒުވާނުންގެ ކުރިއެރުމާއި ދުޅަހެޔޮ ކަމަށް ފަސޭހަވާނެ ގޮތަކަށް ހެދުމުގެ ގޮތުން، އައިޖީއެމްއެޗް ތަރައްގީގެ މަސައްކަތް ކުރާއިރު އެ ހޮސްޕިޓަލުގައި ރިހެބިލިޓޭޝަން ތެރަޕީ ޑިޕާޓްމަންޓަކާއި ސްޕޯޓިން އިންޖަރީއަށް ބޭނުންވާ ފަރުވާ ހޯދުމަށް ހާއްސަ ޑިޕާޓްމަންޓެއް ގާއިމް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ދާއިރާއިން ތަމްރީން ލިބިފައިވާ ދިވެހި ޑޮކްޓަރުން ތިބެން ޖެހޭ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

"އައިޖީއެމްއެޗް ތަރައްގީކުރާ އިރު ސްޕޯޓްސް މަނުންނަށް ކުޅިވަރުތަކުން ލިބޭ އިންޖަރީތަކަށް ފަރުވާ ހޯދުމަށް ސްޕޯޓިން އިންޖަރީގެ ބޮޑު ޑީޕާޓްމަންޓަކާއި ރީހެބިލިޓޭޝަން ޑިޕާޓްމަންޓެއް ގާއިމް ކުރަން. މީގެވެސް ބޭނުމަކީ ސަރުކާރުން ޒުވާނުން ކުޅިވަރުގެ ހަރަކާތްތަކުގައި ކުރިޔަށް ދިޔުމަށާއި އަދި ޒުވާނުން ދިރިއުޅުން ބައްޓަން ކުރަން ކުރާމަސައްކަތުގެ ތެރޭގައި ހަށިގަނޑުގެ ތަރުބިއްޔަތުކޮށް ބަހައްޓުމަށް މުހިންމު ކަމެއް ދިނުމަށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހުވަފެނަކީ އެމަނިކުފާނުގެ ސަރުކާރުގައި އައިޖީއެމްއެޗަކީ މި ސަރަހައްދުގައި ލިބޭ ފެންވަރުގެ ޒަމާނީ ސިއްހީ ހިދުމަތް ލިބޭނެ ފަދަ ތަނަކަށް ވެގެން ދިޔުމެވެ. އަދި އެކަމަށް ޓަކައި މި ސަރުކާރުން ބޮޑެތި އިންވެސްޓްމަންޓްތަކެއް އެ ހޮސްޕިޓަލަށް ކުރުމަށް ބަޖެޓްގައި ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އައިޖީއެމްއެޗަކީ އެ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލު ކޮށްލެވޭނެ ކަމުގެ އުންމީދު ވަރަށް ވެސް ބޮޑެވެ. އަދި އެކަމުގެ ސަބަބުް އަޑިއަޅާލާފައިވާ ސިއްހީ ދާއިރާއަށް އާރޯކަން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގޮތުގައި މިހާރުވެސް ކުޅިވަރުކުޅުމުގައި ލިބޭ އަނިޔާއަށް ފަރުވާ ކުރުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމެކެވެ. އެކަމަށް ލުޔުއް ހޯދައި ދިނުމުގެ ގޮތުން އާސަންދައިގެ ތެރެއިން ރާއްޖޭގައިވވެސް ރާއްޖޭއިން ބޭރުގައި ވެސް މިފަދަ ފަރުވާތައް ހޯދޭނެ އިންތިޒާމް މިހާރު ހަމަޖެހިފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.