ދުނިޔެ

ގަލްފް ސުލްހަ ކުރަން ޝައުގުވެރިވޭ: ގަތަރު

ގަލްފުގެ އަވަައްޓެރި ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އަލް ސނީ އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.

ގަތަރުގައި ފުރަތަމަ ފަހަރަށް އިންތިހާބުކުރި ޝޫރާ ކައުންސިލްގެ އިފްތިތާހީ ސެޝަންގައި ތަގުރީރު ކުރައްވަމުން އަމީރު ވިދާޅުވީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ހަރުދަނާކޮށް ދެމެހެއްޓުން ލާޒިމްވާ ސަބަބަކީ ގަލްފް ގައުމުތަކުގެ މެދުގައި އޮތް އެއްބައެއް ވަންތަ ސިފަ އެވެ. ގައުމުތަކުގެ މެދުގައި އޮތް އުހުވަތްތެރި ކަމާއި ތާރީހް އަދި އެއް ސަރަހައްދަކަށް ނިސްބަތްވެފައި އޮތުމަކީ އެއްބަޔަކަށް ވުމަށް ސަބަބެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޝެއިހް ތަމީމް ބިން ހަމަދު އަލް ޘާނީ ވިދާޅުވީ ޖީސީސީގައި އުފެދިފައި އޮތް ދެބަސްވުން ތަކުން އަރައިގަތުމަށް މަޝްވަރާ ކުރަން ދޯހާ ޝައުގުވެރިވާ ކަމަށެވެ.

އަމީރު ތަގުރީރުގައި ސިފަ ކޮށްދެއްވީ ގަލްފު ގައުމުތަކުން ގަތަރު އެކަހެރި ކުރުމުން މަޝްރަހު ބަދަލުވެގެން ދިއަ ދުވަސްވަރެވެ. ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރޭނާއި މިސްރުން ގަތަރާ ސިޔާސީ އަދި ވިޔަފާރީގެ ގުޅުން ކަނޑާލީ 2017 ވަނަ އަހަރު އެވެ.

ގަތަރާ ގުޅުން ކަނޑާލަން މަޖުބޫރުވި ސަބަބަކީ އެގައުމުތަކުން ބުނާ ގޮތުގައި އީރާނާ މާބޮޑަށް ކައިރިވުމާއި ޓެރަރިސްޓް ޖަމާއަތްތަކަށް ފަންޑުކުރުމެވެ. ގަތަރުން ބުނަނީ އެއީ ގޮދެއް ކަމަށެވެ.

އެހެން ނަމަވެސް ތިން އަހަރަށް ފަހު ގަލްފު ގައުމުތަކުން ގަތަރާ ގުޅުން ބަދަހިކޮށް އެކުވެރިވާން ވަނީ މަސައްކަތްތައް ފަށާފަ އެވެ.

ސައުދީ އަރަބިއްޔާގައި މިއަހަރު ޖެނުއަރީގައި ބޭއްވި ޖީސީސީ ސަމިޓަށް ގަތަރަށް ދައުވަތު ދިނީ ވެސް އެކުވެރިކަން އިއާދަކޮށް އާފެށުމަކުން ފެށުމަށެވެ. އަދި ގަތަރާއެކު ކުރިން ގުޅުން ކަނޑާލި ހަތަރު ގައުމުން ގަތަރާއެކު އާއެއްބަސް ވުމެއްގައި ސޮއިކޮށް ކޮނޑާ ކޮޑުޖައްސައި ވަނީ ސަލާމްކޮށްފަ އެވެ.

އަފްޣާނިސްތާނުގެ މައްސަލައާ ބެހޭގޮތުން ތަމީމް ވިދާޅުވީ ހަނގުރާމައާ ނުލައި އަފްޣާންގައި ސުލްހަ ދެމެހެއްޓެން ޖެހޭ ކަމަށެވެ. އެމެރިކާއާ ތާލިބާނުން އެއްމޭޒުދޮށަށް ގެނައުމަށް ގަތަރުން ކުރި މަސައްކަތްތަކަށް އިޝާރާތް ކުރައްވައި އަމީރު ވިދާޅުވީ ކެތްތެރިކަމާއި މަޝްވަރާއިން ބޮޑުބައި ހާސިލްކުރެވޭނެ ކަމަށެވެ.