މޯލްޑިވްސް ޕޮލިސް ސާވިސް

100 ކިލޯގެ ޑުރަގް: ތިން މީހުންގެ ބަންދު އިތުރުކޮށްފި

Oct 27, 2021
1

ފުލުހުން މިމަހުގެ 13 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން 100 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ލ. ކަލައިދޫ، ޖަނަވަރީމާގެ މުހައްމަދު އަހްމަދު (34އ) އަދި ނ. ވެލިދޫ، ބީޗްހެވެން ޖުމާން މުސްތަފާ (19އ)ގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހައިފަ އެވެ. އަދި ގއ. ކޮލަމާފުށި، ސޯސަންގެ އިބްރާހިމް ޒައިދު ހަބީބް (25އ)ގެ ބަންދު މުއްދަތު ވަނީ އިތުރު ފަސް ދުވަހަށް އިތުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން މި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ހައްޔަރުގައި ތިބި އިތުރު މީހުންގެ ބަންދުގެ މުއްދަތު އަދި ހަމަނުވާ ކަމަށެވެ.

ސަތޭކަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުން ޖުމްލަ 10 މީހަކު ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދާ މެދު އެންމެ ފުރަތަމަ ގޮތެއް ނިންމުމަށް މިމަހުގެ 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އެ ދުވަހު ކޯޓުން ވަނީ ދެ މީހަކު ދޫކޮށްލާފަ އެވެ. އެހެންވެ އެ ދެ މީހުންގެ މައުލޫމާތު ފުލުހުން މިއަދާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ފުލުހުން ބުނީ ކޯޓުން ދޫކޮށްލި ދެ މީހުންނަކީ 100 ކިލޯ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު ދެ މީހުން ކަމަށެވެ.

މީގެއިތުރުން މިމައްސަލާގައި ހައްޔަރުކުރި ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) ވެސް ވަނީ އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނީ 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.