ކުޅީވަރުގެ މައިދާނަށާއި ކުޅުންތެރިންގެ ތެރެޔަށް ސިޔާސީ ކަންތަށް ވަނުމުގެ ފުރުސަތެއް މި ސަރުކާރުން ނުދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.
ޓީސީ ސްޕޯޓްސް ކްލަބިން ހޯދައިފާވާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ ކުޅިވަރަކީ ސިޔާސީ ވުން ކަހަލަ ވުން ކަހަލަ ވަރަށް ވަރުގަދަ ވަކި ފަންނެއް އަދި ހުނަރެއް ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ތެރެޔަށް ސިޔާސީ ކަންކަން ވަދެއްޖެ ނަމަ ކުޅީވަރު ހަލާކުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އެދޭ ކަމަކީ ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ނުވަނުން. ސަބަބަކީ ހުރިހާ ޕާޓީގެ ފަރާތުންވެސް އުފާވާނެ ރާއްޖޭގެ ޓީމުން ބޭރުގެ މުބާރާތެއްގައި ބައިވެރިވެ ވަނަތަކެއް ހޯދުމުން. އެޔަށްވެރެއް އަޅުގަނޑުމެންގެ ހިއްތަކަށް އުފާވެރިކަން ގެނެސްދޭނެ މަންޒަރަތް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ޔާމިން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގޮތުގައި ކުޅިވަރުގެ ދާއިރާއިން ކާމިޔާބީ އަކަށް ވާސިލްވުމުގެ އަސްލަކީ ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންތަށްތަސް ނުވައްދާ ކުޅިވަރު އޭގެ ޒާތުގައި ކުރިއަށް ދިޔުމަށް ފުރުސަތު ދިނުން ކަމަށެވެ. އެގޮތުން ސިޔާސީ ފިކުރާއި ސިޔާސީ ހަރަކާތްތަކުގެ ތެރެއަށް ނުވަދެ، ކުޅިވަރު އޭގެ ގޮތުގައި ކުރިއެރޭނެ އެންމެ ދުރަކަށް ދާން ފުރުސަތު ދިނުމަށް މި ސަރުކާރުގެ ކެބިނެޓް އެކުގައި މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުޅިވަރުގެ ތެރެއިން ޒުވާނުން ވިޔާނުދާ ކަންކަމުން ދުރަށް ދެވިދާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ކުޅިވަރުގައި އުޅޭ ޒުވާނުން އަމާޒު ހިފަންވީ، އެންމެ ދަށްކޮށް ވެސް ސިލްވަ މެޑަލްއެއް ހޯދުމަށް ކަމަށެވެ. އަދި ބްރައުންޒް މެޑަލް އަކީ މެޑަލްއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވަމުން ރައީސް ވަނީ ކޮންމެ ކުޅިވަރެއްގައި ވެސް ރަން މެޑަލް ހޯދަން ޒުވާނުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ޒުވާނުންގެ ކުޅިވަރު ހަރަކާތްތަކަށް ހަރަދުކޮށް އެހީތެރިވާނެ ކަމަށެވެ. އަދި ކުޅިވަރު ކުޅުމުގެ ތެރޭގައި ލިބޭ ގެއްލުންތަކަށް އާސަންދައިގެ ތެރެއިން މިހާރު ފަރުވާ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ފުރުސަތުގެ ބޭނުން ކްލަބްތަކުން ހިފުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. މީގެ އިތުރަށް ކުޅިވަރުގެ އެކި އިންޖަރީތަކަށް ފަރުވާދޭ ޑޮކްޓަރުން ރާއްޖޭގައި އިތުރުކުރުމަކީ އަޒުމެއް ކަމަށް ވެސް ވިދާޅުވި އެވެ. ގައުމު ތަރައްގީ ކުރެވޭނީ ޒުވާނުން ދުޅަހެޔޮ ބަޔަކަށް ވެގެން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަމަށް އޮތް ފަރުވާ އަކީ ކުޅިވަރު ކަމަށް ވެސް ވިދާޅުވި އެވެ.