އީޕީއޭ

ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 100 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް

ކ. ރަސްފަރި ފަރަށް އާގު ބޯޓު އުރުނު މައްސަލައިގައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރަސްފަރި ފަރަށް އާގު ބޯޓު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގާވާއިދު، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވައިދުގެ ދަށުން 100 މިލިއަން ރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އުޅަނދުގެ ރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް މިމަހުގެ 25 ގައި އަންގާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ބޯޓު ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ އާއި އެމްއެންޑީއެފާއި ގުޅިގެން އެ ސަރަހައްދު ބަލައި ސާވޭކުރި ކަމަށާއި ބެލިބެލުމުން އެ ފަރުގެ 8867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބަޔާނުގައި އިތުރަަށް ބުނެފައިވަނީ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކުރުމަށްފަހު ބޯޓު ޖޫރިމަނާ ކުރުމަށް ކަނޑައެޅީ 893.95 މިލިއަން ރުފިޔާ އިން ކަމަށެވެ. ނަމަވެސް، ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށްވާތީ އެ އަދަދަށް ފައިސާ ދައްކާ ހަލާސްކުރުމަށް އެންގީ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ރަސްފަރީގެ ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާއި ގުޅިގެން ކުރަމުންދާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ރަސްފަރި ފަރަށް އާގު ބޯޓު އުރުނީ 19 އޯގަސްޓްގަ އެވެ. އެ ބޯޓު ފުން ކުރީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެވެ. ބޯޓު ފުންކުރީ 150 އާއި 50 ޓަނުގެ ދެ ޓަގު ބޯޓު ރާއްޖެ ގެނެސް، އެ ބޯޓުތައް ބޭނުންކޮށްގެންނެވެ.