މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

އައްޑޫ ފްލޯޓިން ސޯލާ 2023އަށް ނިމޭނެ: ޝައުނާ

Oct 27, 2021
1

އައްޑޫ ސިޓީގައި ގާއިމުކުރާ 10 މެގަ ވޮޓްގެ ފްލޯޓިން ސޯލާ 2023 ގެ ނިޔަލަށް އިންސްޓޯލްކޮށް ނިންމާލެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފި އެވެ.

ދިވެހި ސަރުކާރުން ބުނާ ގޮތުގައި އައްޑޫގައި ހަދާ ފްލޯޓިން ސޯލާ ޕެނަލަކީ ދުނިޔޭގައި ހަދާ އެންމެ ބޮޑު ފްލޯޓިން ސޯލާ އެވެ. އަދި އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ހަކަތައިގެ މަޝްރޫއުތަކަށް އިންގިލާބީ ބަދަލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބިމުގެ މައްސަލަ ހައްލު ކުރުމަށް ރާއްޖޭގެ ކަނޑުތަކުގައި ހަކަތަ އުފެއްދުމުގެ ޓެކްނޮލޮޖީއެއް ހޯދައި ތައާރަފު ކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

"އިރުގެ އަލިން ހަކަތަ އުފައްދާ އެ ހަކަތަ ރައްކާކުރުމަށް ބޭނުންވާ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމަށްޓަކައި ބޭނުންވާ ބިން ރަށްތަކުގައި ލިބެން ނެތުމަކީ ހަކަތައިގެ ދާއިރާއަށް ރާއްޖޭގައި އޮތް ބޮޑު ގޮންޖެހުމެއް،" ޝައުނާ ވިދާޅުވި އެވެ.