ރާއްޖޭގެ ވައިގެ ސާފު ވަރު ދެނެގަތުމުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރުއޫ ފެށުމުގެ ގޮތުން އައްޑޫގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސަރެއް ހަރުކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ގޯތިތެރޭގައި ހަރުކޮށްފައިވާ ސެންސަރު ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލުކޮށް މިއަދު ވަނީ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އައްޑޫ ގަމުގެ އީކްއެޓާ ވިލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އައްޑޫ ނިސްބަތްވާ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރާއި އައްޑޫގެ މޭޔަރު އަލީ ނިޒާރު އެވެ.
ޖަރުމަންގެ "އައިކިއު އެއާ" ބްރޭންޑްގެ ސެންސަރުތައް ރާއްޖޭގެ ދިހަ ރަށެއްގައި ހަރުކުރުމަށް ނިންމާފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ އައްޑޫގެ އިތުރުން މާލެ، ހުޅުމާލެ، ހދ. ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ށ. ފުނަދޫ، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ. ގަން އަދި ގދ. ތިނަދޫ އެެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީ ހިންގަމުން ގެންދާ ގްރީން ބިލްޑިންގްގައި ވެސް މީގެ ސެންސަރެއް ހަރުކޮށްފައިވެ އެވެ.
މިނިސްޓްރީން މި ސެންސަރުތަކުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންވާ ޑޭޓާ ލިބޭނެ ކަމަށާއި އެ މައުލޫމާތުގެ އަލީގައި އިތުރު ދިރާސާތައް ކުރެވި އަޅަންޖެހޭ ފިޔަވަޅުތައް އެޅި، އާންމުންނަށް ދޭންޖެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އައިކިއު އެއާގެ މޯބައިލް އެޕްލިކޭޝަންގެ މަސައްކަތް ނިމުމާ އެކު އެޕްލިކޭޝަން ތެރެއިން ކަމާ ގުޅޭ ޑޭޓާ އާންމުކޮށް އެންމެންނަށް ލިބޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެެވެ.
ރާއްޖޭގެ ވައި ނުސާފުވާ މައިގަނޑު ގޮތްތަކަކީ ކުނި އެންދުމާއި ފައިބަރު އުޅަނދުފަހަރު ބަނުމާއި އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުތަކުން ބޭރުކުރާ ވިހަ ދުމާއި ކޮންސްޓްރަކްޝަން ދާއިރާގައި ކުރާ މަސައްކަތްތަކުގެ ސަބަބުންނެވެ.
ވައި ނުސާފުވުން ކުޑަކުރުމަށްޓަކައި ސަރުކާރުން މިހާރު ވެސް ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި އެއާ ކޮލިޓީ މޮނީޓަރިން ސްޓޭޝަނެއް އެޅުމާއި، ސަރުކާރުން ކުރިއަށް ގެންދާ "އިންޓެގްރޭޓެޑް، ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން މޯލްޑިވްސް" މަޝްރޫއޫގައި ހިމަނައިގެން އިލެކްޓްރިކް ދެ މިނީ ބަސް ގަތުމާއި ޗާޖިން ސްޓޭޝަންތަކެއް ގާއިމުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި 200 އިލެކްޓްރިކް ޕެޑަލް އެސިސްޓެޑް ބައިސިކަލް ގަތުމަށް ނިންމާފައިވެ އެވެ.