އެމްއޭސީއެލް

އެމްއޭސީއެލްއިން 265 މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދީފި

އެމްއޭސީއެލްއިން އެ ކުންފުންޏަށް ގިނަ ދުވަސްވަންދެން މަސައްކަތް ކޮށްދީފައިވާ 265 މުވައްޒަފެއްގެ އަގުވަޒަންކޮށް ހާއްސަ އެވޯޑެއް ދީފި އެވެ.

ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލް އިން ވަނީ ކުންފުނީގައި 20 އަހަރާއި 25 އަހަރާއި 30 އަހަރާއި 35 އަހަރާއި އަދި 40 އަހަރު ހޭދަކުރި މުވައްޒަފުންނަށް އެވޯޑް ދީފައިވެ އެވެ. އެ ކުންފުނިން ވަނީ 240 މުވައްޒަފުންނަށް ލޯންގް ސާވިސް އެވޯޑް ވެސް ދީފަ އެވެ. ފަންސަވީސް މުވައްޒަފަކަށް ރިޓަޔަމަންޓް އެވޯޑް ވެސް ދީފައިވެ އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ ގޯޑަން އެންޑްރޫ ސްޓުވާޓް ވިދާޅުވީ މުވައްޒަފުން ކޮށްދީފައިވަނީ އަގުނުކުރެވޭނެ ފަދަ މަސައްކަތްތަކެއް ކަމަށެވެ. އަދި އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ކުންފުނީގައި މިހާރު މަސައްކަތްކުރާ މުވައްޒަފުން، އެ ވޯޑް ލިބުނު މުވައްޒަފުން ނަމޫނާއަކަށް ބަލަން ޖެހޭ. އޭވިއޭޝަން ދާއިރާގެ މަސައްކަތްތަކީ، މަސައްކަތުގެ މާހައުލުގެ ގޮތުން ބުރަ އަދި އެހާމެ ގޮންޖެހުންތައް ގިނަ ދާއިރާއެއް." ސީއީއޯ އެންޑްރޫ ވިދާޅުވި އެވެ.

މީގެ އިތުރުން ސީއީއޯ ގޯޑަން ވިދާޅުވީ އޭވިއޭޝަން ދާއިރާއިން ކުރިއަށް ދިއުމަށް ތިން ކަމެއް ކުރުން މުހިންމު ކަމަށެވެ. އެއީ ކަސްޓަމަރުންނާއި އެކުވެރި މާހައުލެއް ބިނާކުރުމާއި މަސައްކަތަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ އަދި އެންމެ އެދެވޭ ނަތީޖާ ނެރުމުގެ ގާބިލުކަން އަަށަގެންނެވުން ކަމަށެވެ.

އެމްއޭސީއެލްގައި އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއް މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި މުވައްޒަފުންނަށް އިތުރު ތަމްރީނުތައް ހޯދައިދޭން މަސައްކަތް ކުރައްވާ ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.