ދިވެހި ފިލްމީ އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެނައި "ޑާކްރެއިން އެންޓައިމަންޓް" ގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ނަސްރުގެ ދުވަހާއި ގުޅިގެން ދިވެހިންނަށް ހާއްސަ އުފެއްދުމަށް ގެނެސް ދިނުމަށް ނިންމާ އެކަން އިއުލާނުކޮށްފި އެވެ.
ނޮވެންބަރު ތިންވަނަ ދުވަހު ޑާކްރެއިންގެ ޖަމްޕުން ގެނެސްދޭނީ "އޯ ވަޒަން" މި ނަމުގައި ތައްޔާރުކޮށްފައިވާ ކުރު ފިލްމެކެވެ. މިއީ މީގެ 33 އަހަރު ކުރީން ނޮވެންބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ސަލާމަތްވެ ދިވެހިންނަށް ނަސްރު ލިބުނު ގޮތް ކިޔައިދޭ ކުރު ފިލްމެކެވެ.
ފިލްމުގައި އެ ބިރުވެރި ދުވަހުގެ ހަނދާންތައް އަދުގެ ޅަ ޖީލަށް އެނގޭ މިންވަރާއި ދިވެހި އަބްތާލުން ގައުމަށްޓަކައިވި ގުރުބާނީ އާއި ކުރެއްވި ގައުމީ ޖިހާދުގެ މައުލޫމާތު އެނގުމުގެ މުހިންމުކަމާއި ގުޅުވާލާފައިވާނެ ކަމަށް ޑާކްރެއިން އިން ބުންޏެވެ.
"މި ކުރު ފިލްމު ނޮވެންބަރު ތިންވަނަ ދުވަހު ޑާކްރެއިންގެ ޔޫޓިއުބް ޗެނަލްއިން ގެނެސްދޭނެ،" ޑާކްރެއިންގެ ފައުންޑާ މުހައްމަދު އަލީ (މޮގާ) ވިދާޅުވިއެވެ.
"އޯ ވަޒަން" ގެނެސް ދިނުމަށް ހަމަޖެހިފައިވަނީ ޑާކްރެއިން ޖަންޕް ޕްލެޓްފޯމް މެދުވެރިކޮށެވެ.
ޑާކްރެއިން ޖަމްޕް އަކީ ފިލްމީ ދާއިރާއަށް އަލަށް ނިކުންނަ މީހުންގެ ހުނަރު ދައްކާލާ އެ މީހުންގެ މަސައްކަތްތައް މުޖްތަމައުއަށް ތައާރަފު ކޮށްދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން 2019 ވަނަ އަހަރު އުފެއްދި ފްލެޓްފޯމެކެވެ. އެގޮތުން ފިލްމީ މަސައްކަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަންނުވެރިންގެ ހުނަރު ވީހާވެސް ގިނަ ބަޔަކާއި ހަމައަށް ގެނެސްދިނުމަށް ޑާކްރެއިންގެ ޝޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުން ކުރާނެ އެވެ.
ޑާކްރެއިން އިން ބުނީ އެ ސްޓޫޑިއޯގެ އެހީތެރިކަމާއެކު އާންމުކުރެވޭ މިފަދަ މަސައްކަތްތައް އުފައްދާ ފަރާތްތަކުން އެ މީހުންގެ ފައިމައްޗަށް ތެދުވެ މަސައްކަތް ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.