ތަފާތު އެކި ހުށައެޅުންތައް އައުމުންވެސް ގަބޫލުފުޅު ނުކުރައްވާ، އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގައި ހުންނެވީ ދިވެހި ގައުމަށް އަދިވެސް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވުމަށް ބޭނުންފުޅުވާތީ ކަމަށް ވިދާޅުވެ އެމަނިކުފާނަށް، އިިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.
އަބްދުއްރަހީމްގެ ތައުރީފުގެ ބަސްތައް ރައީސް ޔާމީނަށް މިފަހަރު އަމާޒު ކުރެއްވީ ޕީޕީއެމްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ކުރިއަށް ގެންދިޔަ ދިދަ ނެގުމުގެ ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ އަންނަ ނޮވެންބަރު މަހަށް ރައީސް ޔާމީންގެ ޖަލު ހުކުމަށް ދެ އަހަރު ފުރޭއިރު އެމަނިކުފާނަށް ލިބިވަޑައިގަންނަވަނީ ހައްގު އަދަބެއް ނޫން ކަމަށެވެ. ނަމަވެސް އެ އަނިޔާތަކަށް ރައީސް ޔާމީން ކެތްތެރިވެ ހުންނެވީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
އަބްދުއްރަހީމް ވަނީ ދެ އަހަރު ދުވަހު ޖަލުގައި ހުންނަވަން ކެރިވަޑައިގެން ލީޑަރަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި ތަފާތު އެކި ހުށައެޅުންތައް އައުމުންވެސް ގަބޫލުފުޅު ނުކުރައްވާ، އެމަނިކުފާނު ރާއްޖޭގައި ހުންނެވީ ދިވެހި ގައުމަށް އަދިވެސް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވުމަށް ބޭނުންފުޅުވާތީ ކަމަށެވެ.
"ދިވެހިރާއްޖޭގެ ކޮން ލީޑަރަކަށްތޯ ދެ އަހަރު ދުވަސްވަންދެން އެ ގޮތަށް ޖަލުގައި ހުންނަވަން ކެރިވަަޑައިގަތީ. ކޮންމެ ބޭފުޅަކަށްވެސް ހުކުމެއް އައުމާއެކީގައި އަޅުގަނޑުމެންނަށް ފެނުނީ ބުރަކަށީގައި ރިއްސާތީ ނޫނީ މައިކަށީގައި ރިއްސާތީ ނޫނީ އުނގަނޑުގައި ރިއްސާތީ ނޫނީ ހިތްޕުޅުގެ އާލާސްކަންފުޅެއް ޖެހިވަޑައިގެން ގައުމުން ފިއްލެވިތަން. އެހެން ނަމަވެސް ރައީސް ޔާމީނަށް ތަފާތު އެކި ހުށައެޅުންތައް އައިއިރުވެސް އޭގެން އެއްވެސް ހުށައެޅުމެއް ގަބޫލުފުޅު ނުކުރައްވާ ބޭނުންފުޅުވީ ދިވެހި ގައުމުގައި ދިވެހި ފަސްގަނޑުގައި ހުންނެވުމަށް. މަގުސަދަކީ ނުވަތަ ބޭނުމަކީ ދިވެހި ގައުމަށް އަދިވެސް އިހުލާސްތެރި ހިދުމަތްތަކެއް އަދިވެސް ކޮށްދެއްވުން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލަށްލުމަށް ހުކުމްކުރިތާ ދެ އަހަރުވާން ކައިރިވެފައިވާއިރު މިދިޔަ ރޯދަ މަހުގެ ފަހު ހަފްތާއާ ހަމައަށް ރައީސް ޔާމީން ހުންނެވީ މާފުށީ ޖަލުގައެވެ. ނަމަވެސް އޭގެ ފަހުން މިވޭތުވެދިޔަ ދުވަސްތަކުގައި ހުންނެވީ ގޭ ބަންދުގައެވެ.