ކުށްކުރުން

މިރޭވެސް ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރުދައްކާ ފޭރެން އުޅެފި

ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރު ދައްކާ ފޭރެން މަސައްކަތް ކޮށްފި އެވެ.

މިރޭގެ މި ހާދިސާ ހިނގީ މާލޭގެ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލު ކައިރިންނެވެ.

މަންޒަރު ދުށް އަވަސްގެ ނޫސްވެރިއަކު ބުނީ ދެ ފިރިހެނަކު ޓެކްސީއެއް ހުއްޓުވާ ވަޅިން ބިރު ދައްކައިގެން ފޭރެން މަސައްކަތް ކުރި ކަމަށެވެ. އެ މީހުން ހުއްޓުވީ އެވަގުތު އެ ސަރަހައްދުގައި އުޅުނު ޒުވާން ކުދިންތަކެކެވެ.

އެ ހާދިސާ ހިނގުމާއި ގުޅިގެން ގިނަ އަދަދެއްގެ ފުލުހުންވެސް ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އަދި އެ ދެ މީހުން ހައްޔަރުކޮށްގެން ވަނީ ގެންގޮސްފައެވެ. އެ މީހުން ގެންގުޅުނު ވަޅިވެސް އެ ސަރަހައްދުން ވަނީ ހޯދާފައެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި މަހުގެ 24ވަނަ ދުވަހުގެ ރޭވެސް ޓެކްސީ ޑްރައިވަރަކަށް ބިރުދައްކައި ފޭރެން އުޅުނެވެ. އެއީ މާލޭގެ މަޖީދީ މަގުން ހުޅުމާލެއަށް ދިއުމަށް ޓެކްސީ އަކަށް އެރި ދެ މީހަކެވެ. ޑްރައިވަރަށް ބިރު ދައްކާފައިވަނީ ވަޅިއެއް ބޭނުންކޮށްގެނެވެ. އަދި އޭނާ އަތުން ވަނީ 700 ރުފިޔާ ފޭރިގެންފަ އެވެ.

ފުލުހުން ބުނީ ފޭރުމަށް ފަހު އެ މީހުން ކާރުން ފައިބައިގެން ދިޔައީ ކަމަށެވެ.

ޓެކްސީ ޑްރައިވަރުންނަށް ބިރު ދައްކައި ފޭރޭ މައްސަލަ މަދުން ނަމަވެސް ފެންމަތި ވެއެވެ. ބައެއް ފަހަރު ޑްރައިވަރަށް ހަމަލާދީ އަނިޔާ ވެސް ކުރެ އެވެ. މިފަދަ ހާދިސާ އެއް ހުޅުމާލޭގައި 2019 ވަނަ އަހަރު ވަނީ ހިނގާފަ އެވެ. އަދި އެ ހާދިސާގައި ފޭރުމަށްފަހު ޑްރައިވަރު ވަނީ މަރާލާފަ އެވެ.