ބޮލީވުޑް

ޝަބާނާ އަޒްމީއާ ދޮންދަރީންގެ ގުޅުން ރަނގަޅު

ކުރީގެ މަޝްހޫރު ބަތަލާ ޝަބާނާ އަޒްމީ އާއި ސްރިކްޕްޓް ރައިޓާ އަދި ޅެންވެރިޔާ ޖާވީދު އަޚްތަރު ކައިވެނި ކުރިއިރު ޖާވީދުގެ ދެ ދަރިން ތިއްބެވެ. އެއީ ހަނީ އިރާނީ އާއި ޖާވީދަށް ލިބިފައި ތިބި ދެ ދަރިން ކަމަށްވާ ފަރްހާން އާއި ޒޯޔާ އަޚްތަރު އެވެ.
ފަރްހާން އާއި ޒޯޔާއަކީ ވެސް މިހާރު ބޮލިވުޑްގައި ވަރަށް މަޝްހޫރު ދެ ފަންނާނުންނެވެ. މި ދެ މީހުންނަކީ ވެސް ކުޅަދާނަ ދެ ޑައިރެކްޓަރުންނެވެ. އަދި ޑައިރެކްޓްކުރުމުގެ އިތުރުން ފަރްހާން ފިލްމުތަކުގައި ލީޑް ރޯލު ވެސް އަދާ ކުރެ އެވެ.

ޝަބާނާ ބުނި ގޮތުގައި ފަރްހާން އާއި ޒޯޔާ އަށް އޭނާގެ ހިތުގައި އަބަދުވެސް ވަރަށް މަތިވެރި ގަދަރަކާއި އިހުތިރާމެއް އޮވެ އެވެ. އޭނާ އާއި ދޮން ދަރިންގެ ގުޅުން ފާއިތުވީ އަހަރުތަކުގައި އެހާ ބޮޑަށް ރަނގަޅުވެފައި ވަނީ އެހެންވެ އެވެ.

ޖާވީދު އާއި ޝަބާނާ ކައިވެނިކުރީ 1984 ގައެވެ. އޭރުއްސުރެ ގަދަކަމުން ދޮން ދަރިންގެ ލޯބި ހޯދަން އޭނާ މަސައްކަތް ނުކުރާ ކަމަށް ޝަބާނާ ބުންޏެވެ.

ޝަބާނާ މި ވާހަކަތައް ކިޔައިދީފައި ވަނީ ޓްވިންކަލް ކަންނާގެ ޔޫޓިއުބު ޗެނަލް އަށް ދިން އިންޓަވިއު އެއްގައި ޓްވިންކަލް އާ ވާހަކަ ދައްކަމުންނެވެ.

މި ޝޯގައި ޓްވިންކަލް ބުނި ގޮތުގައި ޝަބާނާގެ ދޮންދަރިން އޭނާ ދެކެ ވަރަށް ލޯބިވާކަން ޓްވިންކަލް އަށް ވެސް އެނގެ އެވެ.

"މަގޭ ދަރިން ކައިރީގައި ދޮންމަންނަ އެއްގެ ވާހަކަ ބުނެފިނަމަ އެކުދިން ބިރުން ހަލާކުވާވަރު ވާނެ. ސަބަބަކީ ދޮންމަންމައިންނަކީ ވަރަށް ގޯސް ބައެއްކަމަށް އަބަދުވެސް ލޭބަލް ކުރެވިފައި އޮންނާތީ. ދޮންމަންމަ އޭ ބުނެފިނަމަ ގިނަ ކުދިން ހިތަށް އަރާނީ ވަރަށް ގޯސް ކަންތައްތައް،" ޝަބާނާގެ އިންޓަވިއުގައި ޓްވިންކަލް ބުންޏެވެ.

ޝަބާނާ ބުނި ގޮތުގައި ޒޯޔާ އާއި ފަރްހާން އަށް އަމިއްލައަށް ވިސްނިގެން ދޮންމަންމަ ގޯސް މީހެއް ނޫންކަން ގަބޫލު ކުރެވޭހާ ވަގުތު އޭނާ ދިނެވެ. ޖާވިދު އާ ކައިވެނިކުރި ގޮތަށް ދޮންދަރިންނާ ގުޅުން ބޮޑުކުރަން އޭނާ އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ހާއްސަކޮށް އެކުދިންގެ މަންމަ ހަނީ އަކީ ވަރަށް ރަނގަޅު މީހެއް ކަމާއި އޭނާ އާއި ދޮންދަރިންގެ ގުޅުން ގޯސް ކުރަން ހަނީ އެއްވެސް މަސައްކަތެއް ނުކުރާ ކަމަކަށް ޝަބާނާ ބުންޏެވެ.

"އަހަރެން ޖާވީދު އާ ކައިވެނިކުރި އިރު ޒޯޔާ އަށް އެންމެ 12 އަހަރު. މިއީ ކުދިންގެ ހަށިގަނޑާއި ވިސްނުމަށް ބޮޑު ބަދަލެއް އަންނަ އުމުރެއް ނަމަވެސް އެކުދިންނަށް އަހަރެންގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަމެއް ނުފެންނާތީ މަޑުމަޑުން އަހަންނާ އޮތް ގުޅުން ބަދަހިވީ،" ޝަބާނާ ބުންޏެވެ.

ޝަބާނާ ބުނި ގޮތުގައި އޭނާ އާއި ދޮންދަރިންގެ ގުޅުން ރަނގަޅުވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ އެކުދިންގެ މަންމަ ހަނީ އިރާނީ ކަމަށެވެ. ދޮންމަންމަ އާ ދޭތެރޭ ދަރިންގެ ސިކުނޑިތައް ވިހަ ކުރަން ހަނީ މަސައްކަތް ނުކުރާ ކަމަށް ޝަބާނާ ބުންޏެވެ.

ޝަބާނާ އާއި ޖާވީދު އަކަށް ދަރިއަކު ނުލިބެ އެވެ. ނަމަވެސް ދޮންދަރިންގެ ލޯބި ލިބުމުން ޝަބާނާއަށް ދަރިއަކު ނެތްކަމުގެ އިހްސާސް ވެސް ކުރެވޭލެއް ކުޑަ އެވެ.