ދުނިޔެ

ދެ ދައުލަތަށް ކުރާ އުންމީދު ދޫކޮށްލައިގެން ނުވާނެ: ޖަރުމަން

އިޒްރޭލަށް ސަލާމަތާއި ރައްކާތެރިކަން އޮތީ ދެދައުލަށް ރުހެވިގެން ކަމަށް ޖަރުމަނުން ބުނާ ބުނުން ހަރުކަށިކަމާއެކު އަނެއްކާ ވެސް ތަކުރާރު ކޮށްފި އެވެ. އުރުދުންގެ އަބްދުﷲ ރަސްގެފާންގެ ޝަރަފްގައި ބޭއްވި ބައްދަލުވުމެއްގައި ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް ވިދާޅުވީ އިޒްރޭލާ ފަލަސްތީނުން ވެސް ދެދައުލަތަކަށް މަސައްކަތްކުރަން ޖެހޭނެ ކަމަށާއި މަޝްވަރާތައް ހުއްޓާލައިގެން ނުވާނެ ކަމަށެވެ.

އިޒްރޭލުން ޖަހައިގެންފައި އޮތް ހުޅަނގު އައްސޭރީގައި ޔަހޫދީންނަށަށް ގެދޮރު އެޅުމަށްޓަކައި އިޒްރޭލު ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ހުޅަނގު އައްސޭރީގައި 1،300 އަށް ވުރެ ގިނަ ގެ ބިނާ ކުރުމަށް ފުރުސަތު ހުޅުވާލާފައި އޮތްއިރު މީގެ ކުރިން ވެސް ވަނީ 2،000 އަށް ވުރެ ގިނަ ގެ ޔަހޫދީންނަށް ބިނާ ކޮށްދީފަ އެވެ.

ޖަރުމަނާ އިޒްރޭލަކީ އެކުވރިކަން ބަދަހި ދެ ގައުމެވެ. އެހެން ނަމަވެސް ޗާންސެލަރު ވިދާޅުވީ ފަލަސްތީން ބިކަ ކުރުމަކީ ޖަރުމަނުގެ ސިޔާސަތެއް ނޫން ކަމަށެވެ. މާކެލް ވިދާޅުވީ ދެ ދައުލަތަށް ކުރާ އުންމީދު ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. އެނޫން ގޮތެއްގައި އިޒްރޭލަށް މިނިވަން ކަމާއެކު މެދުއިރުމަތީގައި އޮތުން ލާހިކެއް ނޫން ކަމަށެވެ.

މާކެލް ވިދާޅުވީ ޔަހޫންދީން ފަލަސްތީން ބިންތަކުގައި އާބާދު ކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އެކަމަނާ އަދި ވިދާޅުވީ އިޒްރޭލުން އެ ކުރަނީ ޣައިރު ގާނޫނީ މަސައްކަތެއް ކަމަށެވެ. މާކެލް ވިދާޅުވި ގޮތުގައި ޔަހޫދީންނަށް ގެދޮރު އެޅުމަށް އިޒްރޭލުން ހިންގާ ޕްރޮޖެކްޓައް ޖަރުމަނުގެ ރުހުމެއް ނެތެވެ.

މާކެލް އަބަދު ވެސް ވިދާޅު ވަނީ ފަލަސްތީން ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމާއި އިރުމަތީ ގުދުސް ހިސޯރުކޮށްފައި އޮތް އޮތުމަކީ ދެ ދައުލަތަކަށް އޮތް ހުރަހެއް ކަމަށެވެ.

އިޒްރޭލުން ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް ޖަހަގައިގަނެ އެއީ އެމީހުންގެ އަމިއްލަ ބިމެއް ކަމަށް ވަނީ ހަދާފަ އެވެ. އެ ބިންތަކުގައި ހިންގަނީ ވެސް އިޒްރޭލުގެ ގާނޫނެވެ. މިއީ އިނގިރޭސިވިލާތާއި އެމެރިކާގެ އެއްބާރުލުމާއެކު އިޒްރޭލުން ކުރާ ކަމެކެވެ.

ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް އަކީ ހިސޯރުކޮށްފައި އޮތް ބިންތަކެއްގެ ގޮތުގައި ބައިނަލްއަގްވާމީ ގާނޫނުތައް ބުނެ އެވެ. އަދި އެއިން އެއްވެސް ބިމެއްގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ އެއްވެސއް މަސައްކަތެއް ކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ބައިނަލްއަގްވާމީ ގާނޫނުތަކުން ދެކެ އެވެ.