ކްރިމިނަލް ކޯޓް

އަލިމަނިކާއި ތަސްލީމްގެ ބަންދަށް ފަސް ދުވަސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ދައުވާ ކޮށްފައިވާ ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބާއްވާފައި ވަނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހެކެވެ. އެންމެ ފުރަތަމަ ދައުލަތުގެ ފަރާތުން އެދިފައިވަނީ އެމީހުންނަކީ ޖިނާއީ ބޮޑު ކުށެއްގައި ދައުވާކޮށްފައިވާ ބައެއް ކަމުންނާއި އެމީހުން ދޫކޮށްލައިފިނަމަ މުޖުމަތަމައަށް ނުރައްކާވާނެކަމުގެ އިހުތިމާލް އޮތުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ.

މި އަޑުއެހުމުގައި އަލިމަނިކަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުން އޭނާ ބުނެފައި ވަނީ، އޭނާ ހައްޔަރުކުރީ ހައެއްފަހެއްގެ ހަމަލާ އާއި ގުޅިގެން ނަމަވެސް ދައުވާ އުފުލާފައިވަނީ އެހެން މައްސަލައެއްގައި ކަމަށެވެ. ފަސް މަސް ވަންދެން ޖަލު ގޮޅީގައި އޭނާ ބާއްވާފައިވަނީ ބޭއިންސާފުން ކަމަށާއި އަނބިދަރީންނާއި ބައްދަލުކޮށްލާނެ ފުރުސަތު ވެސް ނުލިބޭ ކަމަށެވެ. އޭނާ އެދުނީ ޝަރުތުތަކެއް ކޮށްފައި ނަމަވެސް އަނބިދަރިންގެ ހައްގުގައި ދޫކޮށްދިނުމަށެވެ. ޝަރީއަތަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ބުންޏެވެ.

ތަސްލީމް އެދުނީ އޭނާ ގޭބަންދަށް ނަމަވެސް ބަދަލުކޮށްދިނުމަށެވެ. އިތުރަށް ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކީ ކަމަށް ވެސް ބުނެފައިވެ އެވެ.

އަލިމަނިކާއި ތަސްލީމް ދެއްކި ވާހަކަތަކަށްފަހު ދައުލަތުގެ ވަކީލް އަހްމަދު ނައުޝާދު ވިދާޅުވީ އެމީހުންނަށް ވަކީލަކު އައްޔަނުވެފައި ނުވާތީ އާއި އެމީހުން ވަކީލަކާ އެކީ ކުރިއަށް ދާން ބޭނުންވާތީ ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް އެކަމަށް ދެއްވުމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު ގާޒީ އަލީ އާދަމް ވަނީ އެމީހުން ފަސް ދުވަހު ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަކީލަކު އައްޔަނުކުރުމަށް އެންގެވި އެވެ. ދީފައިވާ މުއްދަތުގައި ވަކީލަކު އައްޔަނު ނުކޮށްފިނަމަ ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް ބަންދާމެދު ގޮތެއް ނިންމަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ހައެއްފަހެއްގެ ހަމަލާއާއި ގުޅިގެން އަލިމަނިކާއި ތަސްލީމްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. ދައުލަތުން މި ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލަ އާއި ގުޅިގެން މީގެ ކުރިން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފަ އެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު އާއި، މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

އެ މީހުންނަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން އިބްތިދާއީ އަޑުއެހުންތައް މިހާރު ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.