ބޮލީވުޑް

ކަފާލާތު ދީ އާރްޔަން ދޫކޮށްލަން ނިންމައިފި

Oct 28, 2021

މަސްތުވާތަކެތީގެ މައްސަލައެއްގައި މި އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ޖަލުގައި ހައްޔަރު ކޮށްފައިވާ ޝާހް ރުކް ހާންގެ ދަރިފުޅު އާރްޔަން ހާން ދޫކޮށްލަން ބޮމްބޭ ހައިކޯޓުން ނިންމައިފި އެވެ. އާރްޔާން ދޫކޮށްލަން ނިންމާފައިވަނީ ކަފާލާތުގެ ދަށުންނެވެ.

މުމްބައިގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އާރްޔަން ހައްޔަރު ކުރި ހިސާބުން ފެށިގެން އޭނާގެ އާއިލާއިން ގެންދިޔައީ ކަފާލާތުގެ ދަށުން އާރްޔާން މިނިވަން ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހައިކޯޓް މަރުހަލާއާ ހަމައަށް އައީ ކުރިއެރުމެއް ނުލިބިއެވެ.

އެހެން ކަމުން އޭނާއަށް ޖަލުގައި 25 ދުވަސް ހޭދަކުރަން ޖެހިފައިވެއެވެ. އެ ދުވަސްތަކަކީ އާރްޔަން ވަރަށް ހާލުގައި ހޭދަކުރި ދުވަސްތަކެއް ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އާރްޔަން ހައްޔަރު ކުރީ މުމްބާއިގެ ބޭރުގައި ގޯއާއަށް ދާން ފުރަން ތައްޔާރުވެފައި އޮތް ކްރޫޒް ޝިޕް އަކަށް އެންސީބީން ކުއްލިއަކަށް އަރާ ކުރި ރެއިޑެއްގަ އެވެ. ބައެއް ޚަބަރުތައް ބުނަނީ 1300 މީހުން ތިބި މި ކްރޫޒް ޝިޕްގައި ކުރިއްސުރެ އެންސީބީ މީހުން އާދައިގެ މީހުންނަށް ވެގެން އަރާ ތިބި ކަމަށެވެ.

އާރްޔަން ހައްޔަރު ކުރުމާ ގުޅިގެން ޝާހްރުކްގެ "ޕަތާން"ގެ މަސައްކަތް ވަނީ ވަކި މުއްދަތެއް ނެތް ގޮތަކަށް ހުއްޓާލާފަ އެވެ. އަދި ޑައިރެކްޓަރު އަޓްލީގެ ފިލްމުގެ ބައެއް މަންޒަރުތައް ޝާހް ރުކްގެ ބޮޑީ ޑަބަލް އެއް ލައްވާ މިހާރު ޝޫޓްކުރަމުންދާ ކަމަށް ވެއެވެ. އަދި ޝާހް ރުކް ކުޅެން ހަމަޖެހިފައިވާ ބައެއް އިޝްތިހާރުތަކުގެ މަސައްކަތް ވެސް އޭނާ ވަނީ މިވަގުތަށް ހުއްޓާލާފަ އެވެ.

ބޮލީވުޑް ފަންނާނުންގެ ތެރެއިން ރިތިކް ރޯޝަން، އާއި ކަރަން ޖޯހަރް އަދި ފަރާ ޚާން އާއި ސަލްމާން ޚާން ފަދަ ޝާހް ރުކްގެ ގާތް އެކުވެރިން އެ ގެޔަށް ގޮސްގެންނާއި ސޯޝަލް މީޑިއާގައި އެކި ކަހަލަ ހިތްވަރު ލިބޭ ކަހަލަ މެސެޖުތައް ޝެއާ ކޮށްގެން އެ އާއިލާއަށް ހިތްވަރު ދެމުން ދެއެވެ.