ދީން

އަމިއްލައަށް މަރުވުން؛ ބޮޑު ފާފައެއް

އަމިއްލައަށް މަރުވުމަކީ އޭގެ ފާފަވެރިކަން ބޮޑު ނުބައި ޢަމަލެކެވެ. ތިބާގެ ހަށިގަނޑަކީ ތިބާ އެދޭހާ ގޮތެއް ހަދައިލަން ލިބިފައިވާ އެއްޗެއް ނޫނެވެ. އެއީ ތިބާއާ ހަވާލު ވެވިފައިވާ އަމާނާތެކެވެ. އަމިއްލަ އަތުން ތިމާގެ ނަފްސު ހަލާކުގެ ތެރެއަށް އެއްލުންވަނީ ނަހީކުރައްވާފައެވެ.

އަދި މާތް ﷲ އީ އޯގާވަންތަ އިލާހުކަމުގައިވީހިނދު، ތިމާ އަމިއްލައަށް މަރުވުންވެސްވަނީ ނަހީކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَلاَ تَقْتُلُواْ أَنفُسَكُمْ إِنَّ اللّهَ كَانَ بِكُمْ رَحِيماً * وَمَنْ يَفْعَلْ ذَلِكَ عُدْوَانًا وَظُلْمًا فَسَوْفَ نُصْلِيهِ نَارًا وَكَانَ ذَلِكَ عَلَى اللَّهِ يَسِيرًا﴾ (النساء 29-30) މާނައީ: "އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމުވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ. * ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެ ގޮތުން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކު ނަރަކަޔަށް ވައްދަވާހުށީމެވެ. އަދި، އެކަންތައް އެއީ، اللَّهއަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ."

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއްގެ މާނައިގައިވެއެވެ. "އެއްޗެއް ބޭނުންކޮށް އަމިއްލިއަށް މަރުވެގެންފި މީހާ ދަންނާށެވެ! އެ އެއްޗަކުން އޭނާއަށް ޤިޔާމަތްދުވަހުން ޢަޛާބު ދެއްވޭހުއްޓެވެ." (ރިވާކުރެއްވީ އަލްބުޚާރީއާއި މުސްލިމްއެވެ.)

އެހެން ޙަދީޘެއްގައިވެއެވެ. «مَنْ قَتَلَ نَفْسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَتَوَجَّأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا، وَمَنْ شَرِبَ سُمًّا فَقَتَلَ نَفْسَهُ فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا، وَمَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ فَهُوَ يَتَرَدَّى فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا» متفق عليه މާނައީ: "ތޫނު ޚަންޖަރަކުން މީހަކު އޭނާގެ ނަފްސު ޤަތުލުކޮށްފިނަ، އެ ޚަންޖަރު އަމިއްލަ ބަނޑަށް ހަރަހަރާ، ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދާއިމަށް ދެމިހުންނާނެތެވެ. އަދި ވިހައެއް ބޮއެގެން އަމިއްލައަށް މަރުވެއްޖެ މީހާ، އެ ވިހަ ބޮއެބޮއެ، ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދާއިމަށް ދެމިހުންނާނެތެވެ. ފަރުބަދައަކުން ފުންމާލައިގެން އަމިއްލައަށް މަރުވެއްޖެ މީހާ، ނަރަކައިގެ އަލިފާނުގައި ވެއްޓިވެއްޓި، އަބަދަށް ދާއިމަށް ދެމިހުންނާނެތެވެ".

އިސްވެ ބަޔާންކުރެވުނު އަޔާތާއި ޙަދީޘްތަކުގައި، އަމިއްލައަށް މަރުވާ މީހާއަށް އާޚިރަތުގައިހުރި ޢުޤޫބާތް އެވަނީ ބަޔާންކުރައްވާފައެވެ. އަމިއްލައަށް މަރުވާ މީހުން ނަރަކައިގައި އަބަދަށް ދެމިތިބޭނޭކަމުގައި އެބަސްފުޅުތަކުގައި އަންގަވާފައި އެވަނީ، އަމިއްލައަށް މަރުވުމުގެ ނުބައިކަން ބަޔާންކޮށްދެއްވުމަށެވެ. މާތް ﷲގެ އޯގާވަންތަކަމާއި ރަޙުމަތުގެ ތަނަވަސްކަމުން، އެއިލާހު އެއްކައުވަންތަކަމަށް އިޤުރާރުވެ، ޝިރުކު ނުކުރާ މީހަކު ކަމުގައިވާނަމަ، ނަރަކައިގައި އަބަދުގެ އަބަދަށް ނުލައްވާނޭކަމުގައި ސުންނަތް ޖަމާޢަތުގެ ދަންނަބޭކަލުން އިއްތިފާޤުވެލައްވައެވެ.
އަމިއްލައަށް މަރުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރަން ނުޖެހޭނޭކަމަށް ބައެއް މީހުން ދެކޭ ދެކުމަކީ އެ މީހުންނަށް ހީވެފައި އޮންނަ ކުށް ހީއެކެވެ.

އަމިއްލައަށް މަރުވި މީހެއްގެ މައްޗަށް ކަށުނަމާދު ކުރުމުން، މާތް ނަބިއްޔާ صلى الله عليه وسلم އެއްކިބާވެވަޑައިގަތެވެ. ނަމަވެސް އޭނާގެ މައްޗަށް ކަށުނަމާދު ކުރުމުގެ ހުއްދަ އެހެން ޞަޙާބީންނަށް ދެއްވިއެވެ.

އަލްއިމާމުއް ނަވަވީ رحمه الله ވިދާޅުވިއެވެ. "އަމިއްލައަށް މަރުވި މީހާގެ މައްޗަށް ކަށުނަމާދު ކުރުމުގައި، ކީރިތި ރަސޫލާ صلى الله عليه وسلم ބައިވެރިވެވަޑައިނުގެންނެވީ، އޭނާގެ އެ ޢަމަލުގެ ނުބައިކަމާއި، އުރެދުމުގެ ބޮޑުކަމަށްޓަކައެވެ. އެހެން މީހުން އެފަދަ ޢަމަލުތަކުން އެއްކިބާ ކުރެއްވުމަށްޓަކައެވެ."

އަޅުގަނޑުމެންގެ ތެރޭގައިވެސް މި ނުރައްކާތެރިކަން ބޮޑު ފާފައަށް އަރައިގަންނަ މީހުން މަދުންނަމަވެސް އުޅެއެވެ. މިފަދަ ކަންކަން މުޖުތަމަޢުގައި ޢާއްމުވުމުގެ ސަބަބުތަކުގެ ތެރޭގައި، ފިލުމުތަކާއި ސިލްސިލާތަކުގައި އަމިއްލައަށް މަރުވާ މީހުންގެ ޢަމަލުތައް ފެންނަފެނުން އެކަށީގެންވެއެވެ. ދިރިއުޅުމާމެދު މާޔޫސްވެ، ހަދާނޭ ގޮތް ހުސްވުމުން، ދެން އޮތް ގޮތަކީ އަމިއްލައަށް މިދުނިޔެއާ ވަކިވެގެން ދިޔުންކަމުގައި އެފަދަ ވާހަކަތަކުގައި ދައްކުވައިދެއެވެ. އަދި ޣައިރު ދީންތަކުގައި މަރުވުމަށްފުހު، ޢަޛާބު ދެއްވުމާއި، ހެޔޮ މީހުންނަށް ހެޔޮ ޖަޒާ ދެއްވާނޭކަމަށް އީމާންނުވާ އެތައް ބަޔަކު އުޅެއެވެ. އެފަދަ މީހުންގެ ވާހަކަތަކާއި ޢަމަލުތައް ފެނުމަކީވެސް އަމިއްލައަށް މަރުވުމަށް ހިތްވަރު ލިބޭ ކަމެއްކަމުގައި ބެލެވެއެވެ.

މީހަކު މަރުވުމުން، އޭނާއަށް ތަޢުޒިޔާ ކިޔުމުގެ ގޮތުން "ރެސްޓް އިން ޕީސް" އަރާމުގައި އޮވެލާށޭ، ބުނެ އުޅެއެވެ. ނަމަވެސް އެއީ އިސްލާމީ ޢަޤީދާއާ ޚިލާފު ބަހެކެވެ. އިންސާނާ މިދުނިޔެއާ ވަކިވާހިނދުން ފެށިގެން އޭނާގެ ޢަމަލުތަކުގެ ޖަޒާއާ އޭނާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން، ފުރާނަ ހިއްޕަވާ މަލާއިކަތުންނާއެކުގައި، ހެޔޮމީހުންގެ ފުރާނައިގެ އިސްތިޤުބާލުގައި ރަޙުމަތުގެ މަލާއިކަތުން، ސުވަރުގޭގެ އަތަރާއި ކަފުން ހިއްޕަވައިގެން ތިއްބަވާކަމުގައި ޞައްޙަ ޙަދީޘްތަކުން ސާބިތުވެއެވެ. ހަމައެފަދައިން، ނުބައި ޢަމަލުތަކުގެ އަހުލުވެރިޔެއްގެ ފުރާނަމަ ހިއްޕަވާހިނދުގައި، ނަރަކައިގެ ހަނޫތާއި، ހަރަކު، ބޯ ފޭރާމެއްގެ ކަފުން ހިއްޕަވައިގެން ތިބަވާ މަލާއިކަތުންތަކެއް އެފުރާނައިގެ އިސްތިޤުބާލުގައި ތިއްބަވާނޭކަމުގައިވެސް ޙަދީޘްގައި ވެއެވެ.

އަޅުގަނޑުމެން މުސްލިމުންގެ ޢަޤީދާއަކީ، ކަށްވަޅުގައި ސުވާލު ކުރައްވާނޭ ކަމާއި، ކައްވަޅުގައި ހެޔޮ މީހުންނަށް ހެޔޮކަން އަދި ނުބައިމީހުންނަށް ނުބައިކަމާއި ނިކަމެތިކަން ކުރިމަތިވާނޭކަމުގައި ޤަބޫލު ކުރުމެވެ. އަދި ތާޅަފިލި ފުންމަވައި، އަލުން ދިރުއްވަވައި މަޙުޝަރުބިމަށް ހުރިހާ މީސްތަކުން އެއްކުރައްވައި ޙިސާބު ބައްލަވާނޭކަމަށް އީމާންވުމެވެ. އެއާއެކު ސުވަރުގެއާއި ނަރަކައިގެ ވާހަކަތަކަށް އީމާންވުމެއެވެ.

ވީމާ، މިދުނިޔެއާ ވަކިވެގެން ދިޔުމަކީ، ނުވަތަ އަމިއްލައަށް މަރުވުމަކީ ތިމާގެ ކެކުޅުންތަކަށް ހުރި ނިމުމެއް ނޫނެވެ. ވޭނާ ކެކުޅުންތަކުން ސަލާމަތްވެ، އާޚިރަތުގައި ނިޢުމަތުގެ ގޮވައްޗަށް އެދޭމީހާއަށް އޮތީ ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުރުމެވެ.