ގަވާއިދާ ހިލާފަށް ކުޅުންތެރިއަކު ލައްވައި ކުޅުވައިގެން ރެއާލް މެޑްރިޑް ސްޕެނިޝް ކަޕުން ވަކިކޮށްފި އެވެ.
ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން އެ ގައުމުގެ އެންމެ ވަރުގަދަ އެއް ޓީމު މުބާރާތުން ވަކިކުރީ ބުދަ ދުވަހުގެ ރޭ ކަޑީޒް އަތުން ރެއާލް 3-1އިން މޮޅުވި މެޗުގައި ތިން ރީނދޫ ކާޑުހަމަވެގެން މެޗަށް ސަސްޕެންޑްވެފައި ހުރި ކުޅުންތެރިއަކު ލައްވައި ކުޅުވައިގެންނެވެ. އެއީ ރަޝިޔާގެ ޑެނިސް ޗެރިޝޭފް އެވެ.
މި މައްސަލާގައި ރެއާލް މެޑްރިޑުން ވަނީ ކޯޓަށް ދާން ނިންމާފަ އެވެ.
ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނީ މިއީ އެކުލަބުގެ މައްސަލައެއްނޫން ކަމަށާއި ފުރަތަމަ ހާފު ނިމުމުން ބަދަލު ކުރި ކުޅުންތެރިޔާ އަށް ކާޑު ހަމަވެފައިވާކަން ކުލަބަށް ފެޑަރޭޝަނުން އަންގާފައިނުވާ ކަމަށެވެ.
ރެއާލް މެޑްރިޑް މުބާރާތުން ވަކިކުރުމުން މި ސީޒަނުގައި ތައްޓެއް ހޯދުމަށް އެކުލަބަށް ބާކީ އޮންނާނީ ސްޕެނިޝް ލީގާއި ޔޫރަޕިއަންސް ޗެމްޕިއަންސް ލީގެވެ. މީގެ ތެރެއިން ސްޕެނިޝް ލީގުގައި އެ ޓީމު އޮތީ ވާދަވެރި ބާސެލޯނާ އަށްވުރެ ހަ ޕޮއިންޓް ފަހަތުގަ އެވެ.
ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ސަސްޕެންޑްކޮށްފައި ހުރި ކުޅުންތެރިއަކު ލައްވައި ކުޅުވުމުން ސްޕޭނުގެ އޮސަސޫނާ ވެސް މިދިޔަ އަހަރުގެ މުބާރާތުން ވަކިކޮށްފަ އެވެ.