އިސްލާމިކް ބޭންކް

އެމްއައިބީގެ ސީއީއޯ ސަސްޕެންޑް ކޮށްފި

Oct 29, 2021
1

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސީއީއޯ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލް މުހައިމިން ސަސްޕެންޑްކޮށްފި އެވެ.

ބަންގްލަދޭޝް އަށް އުފަން އަބްދުލް އެހްތެޝާމް އަބްދުލް މުހައިމިން އެމްއައިބީ އިން ސަސްޕެންޑް ކުރި ސީދާ ސަބަބެއް ނޭނގެ އެވެ. އަޑުފެތުރިފައިވާ ގޮތުގައި އޭނާ ސަސްޕެންޑް ކުރީ ފައިސާއާ ގުޅުންހުރި މައްސަލައެއްގަ އެވެ. ނަމަވެސް މި ފައިސާގެ މައްސަލަ ތިލަވެފައި ވަނީ އަބްދުލްމުހައިމިންގެ މައްސަލައަކުން ކަމެއް ނުވަތަ ބޭންކާ ގުޅުންހުރި އެހެން ފަރާތަކުން ހިންގިކަމަކުން ކަމެއްގެ ސަަބަބަކުން ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ސީއީއޯގެ މަގާމަށް މީގެ ދެ އަހަރު ކުރިން ހަވާލުވެވަޑައިގަތް އަބްދުލް މުހައިމިން ސަސްޕެންޑް ކުރި ސަބަބާ ބެހޭ ގޮތުން އެ ބޭންކުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އެމްއައިބީގެ އެމްޑީގެ މަގާމަށް އަބްދުލްމުހައިމިން ހަމަޖެއްސީ 2019 ވަނަ އަހަރު އެވެ. އޭނާއަކީ އިސްލާމިކް ފައިނޭންސިން ދާއިރާގެ ތަޖުރިބާކާރެކެވެ. މުހައިމިން ވަނީ މި ދާއިރާގައި 30 އަހަރު މަސައްކަތް ކުރައްވާފަ އެވެ. އެ މަނިކުފާނު މަސައްކަތް ކުރެއްވި ތަންތަނުގެ ތެރޭގައި އޭޝިއާ އާއި އޮސްޓްރޭލިއާ އަދި މެދުއިރުމަތީގެ ގައުމުތަކުގެ ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ. އަދި އޭނާއަކީ ޑާކާ ޔުނިވާސިޓީން އެމްބީއޭ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ކެމްބްރިޖު ޔުނިވާސިޓީ އާއި އިނިގޭސިވިލާތުގެ ހާވާޑް ޔުނިވާސިޓީ އިން މަތީ ތައުލީމް ހާސިލްކުރެއްވުމުގެ އިތުރުން އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން މެނޭޖްމެންޓް ދާއިރާގެ ކޯސްތަކެއް ވެސް ވަނީ ފުރުއްވާފަ އެވެ.