ޕާކިސްތާނުގެ މިނިސްޓަރަކު ޓޮމާޓޯ އާއި އަލުވި އަދި އެނޫން ވެސް ބައެއް ތަރުކާރީ އަމުނައިގެން ތައްޔާރުކޮށްފައިވާ ހާރެއް ކަރުގައި އަޅައިގެން ބައިސްކަލެއްގައި އިހްތިޖާޖް ކޮށްފި އެވެ.
ޕަންޖާބް އެސެމްބްލީގެ ބުދަ ދުވަހުގެ ސެޝަނަށް މި މިނިސްޓަރު ވަޑައިގަތީ ހާރު އަޅައިގެން ބައިސްކަލެއްގައި އެތައް ކިލޯ މީޓަރަކަށް ދުއްވާފަ އެވެ.
މިނިސްޓަރެއްގެ އިތުރުން ތާރިގް މާސިހް އަކީ ޕާލިމެންޓް މެމްބަރެއް ވެސް މެއެވެ. އޭނާ މިކަން ކުރެއްވީ ޕާކިސްތާނުގައި އިންފްލޭޝަން މަތިވާތީ އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރުމުގެ ގޮތުންނެވެ.
ޖިއޯ ޓީވީ އަށް ދެއްވި އިންޓަވިއު އެއްގައި މިނިސްޓަރު މާސިހް ވިދާޅުވީ ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް އޭނާ މި އިހްތިޖާޖު ކުރިއަށް ގެންދަވާނެ ކަމަށާއި އެސެމްބްލީ އަށް ކޮންމެ ދުވަހަކުވެސް ވަޑައިގަންނަވާނީ މި ގޮތަށް ކަމަށެވެ.
ޕާކިސްތާނުގެ އިންފްލޭޝަން ފާއިތުވީ 70 އަހަރު ނުދާހާ މައްޗަށް ވަނީ ގޮސްފަ އެވެ. އެހެންވެ މާސިހް ނޫނަސް ސަރުކާރާ އިދިކޮޅު ބޭފުޅުން މިކަމާ އިހްތިޖާޖް ކުރަން ވަނީ ފަށާފަ އެވެ.
އިދިކޮޅު ލީޑަރު ޝާހްބާޒް ޝަރީފް ވިދާޅުވީ އިންފްލޭޝަން މައްޗަށް ގޮސް، އިގްތިސާދު ފުނޑުފުނޑުވެ، ވަޒީފާ ނެތް މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވީ ނަމަވެސް ސަރުކާރުން މިކަންކަން ރަނގަޅުކުރަން އެދެވޭ މަސައްކަތްތަކެއް ނުކުރާ ކަމަށެވެ.