ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ވާޙަކަ މި ދުވަސްވަރު އަނެއްކާވެސް ވަރަށް ގަދަވެއްޖެ އެވެ. އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ނޮވެމްބަރު ނިމޭ ހިސާބުން ފެށިގެން ކައިވެނީގެ ރަސްމިއްޔާތުތައް ފެށޭނެ އެވެ.
ކެޓުރީނާގެ މަންމަ އާއި ކޮއްކޮމެން ކައިވެންޏަށް ޚާއްސަ ހެދުމާއި ސާމާނު ގަންނަން މުމްބައިގެ ފިހާރަތަކަށް ވަދެ އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް އިއްޔެ ދައުރުވެފައި ވެއެވެ. ކެޓުރީނާގެ އާއިލާއިން ވިޔަފާރިކުރަން ވަދެފައިވަނީ ކައިވެނީގެ ރަސްމިއްޔާތުތަކަށް ޚާއްސަ ފިހާރަތަކަށް ކަމަށް ވާތީ އެމީހުން މި ބާޒާރުކުރަނީ ކައިވެންޏަށް ބޭނުންވާ އެއްޗެތި ގަންނަން ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.
އީޓައިމްސްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ވިކީ އާއި ކެޓުރީނާގެ ކައިވެނީގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ ރާޖަސްތާނުގެ ރަންތަމްބޯ ނެޝަނަލް ޕާކާއި 30 ކިލޯ މީޓަރު ދުރުގައި އޮންނަ ސަވާއީ މަދޯޕޫރުގެ ރިސޯޓެއް ކަމަށްވާ ސިކްސް ސެންސަސް ފޯޓް ބަރްވާރާ ގައެވެ. ކައިވެނި ކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި ކަމަށް ވެސް މި ޚަބަރުގައި ވެއެވެ.
ކެޓުރީނާ އާއި ވިކީގެ ކައިވެނިގެ ހެދުން ޑިޒައިން ކުރަނީ ސަބްޔާސާޗީ އެވެ. މި ޚަބަރުގައި އިތުރަށް ބުނެފައިވާ ގޮތުގައި މިދިޔަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ކެޓުރީނާ އާއި ވިކީ ވަނީ ވަރަށް ސިއްރުން އެންގޭޖްމެންޓް ރަސްމިއްޔާތު ވެސް ބާއްވާފަ އެވެ.
މި ކައިވެނީގެ ޚަބަރުތައް ކިތަންމެ ހޫނުވެފައި ވިޔަސް ވިކީ އާއި ކެޓުރީނާ އަދި އެމީހުންގެ އާއިލާގެ އެއްވެސް މީހަކު މި ވާހަކަތައް ޔަގީންކޮށެއް ނުދެ އެވެ. ނަމަވެސް މިއީ ހުރިހާ ފިލްމީ ތަރިން ވެސް ކަންތައް ކުރާ ގޮތް ކަމަށް ވެފައި ކައިވެނި ކޮށްފައި ނަގާ ފޮޓޯތަކާ އެކު ނޫނި އެމީހުން ކައިވެނި ކުރިކަން މީޑީއާތަކަށް ހާމަ ނުކުރާތީ މިފަހަރު ވިކީ އާއި ކެޓުރީނާ ވެސް ކަންތައް ކުރަން މިއުޅެނީ އެހެން ކަމަށް އިންޑިޔާގެ މީޑިއާ ތަކުން ބުނެ އެވެ.