ބޮލީވުޑް

"ކުޗް ރަންގް... 3" ހުއްޓާލާތީ ޝަހީރް ދެރަވެއްޖެ

ޝަހީރް ޝޭޚް އާއި އެރިކާ ފެނާންޑިސް ލީޑް ރޯލު ކުޅޭ ސިލްސިލާ "ކުޗް ރަންގް ޕިޔާރް ކޭ އޭސޭ ބީ"ގެ ތިން ވަނަ ސީޒަނަށް އުންމީދު ކުރި ވަރުގެ ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ނުލިބި އެ ޝޯ ހުއްޓާލަން މިހާރު ވަނީ ނިންމާފަ އެވެ.

ސޮނީ ޓީވީން ދައްކާ މި ސިލްސިލާ ހުއްޓާލާ ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ފަހުން ޝަހީރް ވެސް ވަނީ މިއީ ތެދު ވާހަކަ އެއްކަމަށް ބުނެފަ އެވެ.

މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު ދައްކަން ފެށި މި ސިލްސިލާ އެންމެ ތިން މަސް ތެރޭ ނިންމާލަން ޖެހުނީ ޝޯއަށް ލިބުނު ތަރުހީބު ކުޑަކަމުން ޓީއާރުޕީ މާ ދަށްވުމުންނެވެ. މި ޝޯގެ ފުރަތަމަ ދެ ސީޒަން ވަރަށް ރަނގަޅަށް ހިނގި އެވެ. ނަމަވެސް ކުރީ ދެ ފަހަރު ދެއްކި ޖާދޫ މިފަހަރުގެ ވާހަކައިގައި ޝަހީރް އާއި އެރިކާއަށް ދެއްކޭ ގޮތެއް ނުވި އެވެ.

މިކަމާ ގުޅޭ ގޮތުން ޝަހީރް ބުނީ ޝޯ ހުއްޓާލާތީ އޭނާ ވަރަށް ދެރަވެފައި ހުރި ކަމަށެވެ. އަދި އޭނާއަށް ކުޅެވުނު އެންމެ ރަނގަޅަކަށް އެ ރޯލަށް އިންސާފު ކޮށްދީފައިވާނެ ކަމަށް ޝަހީރް ބުންޏެވެ.

"ސިލްސިލާގެ ސްޓޯރީލައިން މުޅިން ބަދަލުކޮށް ޝޯ ކާމިޔާބު އެއްޗަކަށް ހަދަން އެންމެން ވެސް 100 ޕަސެންޓް ދިން. ނަމަވެސް ޝޯ ހިނގާ ގޮތް ނުވެ މިހާރު މިވަނީ ނިމުމަކަށް އައިސްފައި. ދެރަވިޔަސް ތިން ސީޒަނެއް މި ޝޯގެ ދެއްކުނީތީ އަހަރެން އުފާވޭ،" ޝަހީރް ބުންޏެވެ.

މި ސިލްސިލާގެ ފުރަތަމަ ސީޒަން އެހާ ރަނގަޅަށް ހިނގީ ޝަހީރް އާއި އެރިކާގެ ހަގީގީ ލޯބީގެ ވާހަކަތަކެއް އެ ދުވަސްވަރު ދެކެވެމުން ދިޔައިމަ އެވެ. ނަމަވެސް ތިން ވަނަ ސީޒަން ފެށިއިރު ޝަހީރް ވަނީ މި ޝޯގެ ޕްރޮޑިއުސަރު ބާލާޖީ ޓެލެފިލްމްސްގެ ކްރިއޭޓިވް ޑައިރެކްޓަރު ރުޗިކާ އާ ކައިވެނިކޮށްފަ އެވެ. އެ ހިސާބުން އެރިކާ އާއި ޝަހީރްގެ ޖޯޑު ބެލުންތެރިންނަށް ކަމަކު ނުދިޔަ އެވެ. އަދި ކުރީގެ ދެ ސީޒަންގައި ދެއްކި ކެމިސްޓްރީ މި ދެ އެކްޓަރުންނަށް މި ފަހަރު ނުދެއްކުނު ކަމުގެ ޝަކުވާ ބެލުންތެރިން ކޮށްފައި ވެއެވެ.

ޝަހީރް ބުނީ މި ސިލްސިލާ ނިމުމުން ދުވަސްކޮޅަކު އާއިލާއައެކު ކޮލިޓީ ވަގުތުތަކެއް ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. ޝަހީރް އާއި އަންހެނުން ރުޗިކާ އަށް ދާދިފަހުން އަންހެން ދަރިއަކު ވަނީ ލިބިފަ އެވެ. އެހެންވެ އަލަތު ދަރިފުޅާއެކު ގިނަ ވަގުތު ހޭދަކުރަން ޝަހީރް އަބަދުވެސް ބޭނުންވާ ކަމަށް އޭނާ ބުނެފައި ވެއެވެ.