ދުނިޔެ

އުރުދުންއިން ސީރިއާ މެދުވެރިކޮށް ލުބްނާންއަށް ކަރަންޓް ދެނީ

އުރުދުންގައި އުފައްދާ ކަރަންޓް ސީރިއާ މެދުވެރިކޮށް ލުބްނާނަށް ފޯރުކޮށް ދިނުމަށް ލުބުނާން އާއި އުރުދުން އަދި ސޫރިއާ ސަރުކާރުން ބުރާސްފަތި ދުވަހު އެއްބަސް ވެއްޖެ އެވެ.

ލުބްނާންއަށް ކަރަންޓް ދިނުމަށް އެއްބަސް ވެވުނު ގޮތް ހާމަކޮށްފައި ވަނީ އުރުދުންގެ ވެރިރަށް އައްމާންގައި ތިން ގައުމުގެ ކަރަންޓް މިނިސްޓަރުން ބައްދަލު ކުރެއްވުމަށް ފަހު އެވެ.

މި ބައްދަލުވުމުގައި ލުބްނާނުން ބައިވެރިވެ ވަޑައިގަތީ ވަލީދު ފަޔާޒް އެވެ. ސޫރިޔާއިން ޣައްސާން އަލް-ޒަމީލް އަދި އުރުދުންގެ ސާލިހް އަލް ޚަރާބް ޝާހް އެވެ.

ލުބުނާންއަށް ބޭނުން ޖެހިފައި އޮތް ހަކަތައިގެ ދަތިތައް ފުއްދުމަށް އެހީތެރިވެ ދިނުމުގެ މަޝްރޫއުގައި ހިނގަމުންދާ ކަންތައްތަކާ ބެހޭގޮތުން ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެވުނު ކަމަށް ޚަބަރުތައް ބުނެ އެވެ.

ވަޒީރުގެ މަޝްވަރާގައި ބޮޑަށް ދެކެވުނީ އުރުދުންއިން ލުބްނާނަށް ފޯރުކޮށްދޭން އެއްބަސްވާ މިންވަރު އަދި ވަގުތާ މެދު އެވެ. އުރުދުންގެ ޚަރާބް ޝާހް ވިދާޅުވި ގޮތުގައި ލުބުނާނަށް ކަރަންޓް ފޯރުކޮށް ދެވޭނެ މިންވަރާ މެދު އެއްބަސްވުމަކީ މަޝްވަރާތަކުން ނެރެން އެދެވުނު މައިގަނޑު ނަތީޖާ އެވެ.

"އަޅުގަނޑުމެން އެއްބަސްވީ މެންދަމުން ފެށިގެން އިރު އަރަންދެން 150 މެގަވޮޓް ލުބްނާންއަށް ފޯރުކޮށްދިނުމަށް" އަލް ޚަރާބް ޝާހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެނދުނު ހަޔަކުން ދުވަހުގެ ބާކީ އޮތް ވަގުތުގައި 250 މެގަވޮޓްގެ ކަރަންޓު ލެބަނަންއަށް ފޯރުކޮށް ދޭނެ ކަމަށެެވެ. މިއަހަރު ނިމުމުގެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލުބްނާންއަށް ކަރަންޓު ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއަށް ފައިސާ ދޭން ވޯލްޑް ބޭންކުން ތައްޔާރު ކަމަށް ފާއިޒް ވިދާޅުވި އެވެ.

ޒަމިލް ވިދާޅުވީ އުރުދުންއާ ގުޅިގެން ލުބްނާންއަށް ކަރަންޓް ލައިން އަލުން އޮޕަރޭޓްކުރަން ސީރިއާ ތައްޔާރު ކަމަށެވެ. މި މަސައްކަތްތަކަށް 5.5 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށާއި އަހަރު ނިމުމުގެ ކުރިން ކޮޅެއްގައި ޖެހޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލުބްނާންއަށް ކަރަންޓް ދެވޭނެ ގޮތަކާ މެދު މަޝްވަރާ ކުރެއްވުމަށް ވަޒީރުންގެ ފެންވަރުގައި އުދުންގެ އަންމާންގައި ވަނީ އިތުރު ބައްދަލުވުންތައް ބާއްވާފަ އެވެ.

އުރުދުން އާއި ސީރިއާ 2001 ވަނަ އަހަރުން ފެށިގެން 400 ކިލޯވޮލްޓް އޮންނަނީ ގުޅާލާފަ އެވެ. އެހެން ނަމަވެސް ޓެކްނިކަލް ސަބަބުތަކާ ހުރެ 2012 ވަނަ އަހަރުން ފެށިގެން ޚިދުމަތް އޮންނަނީ މެދުކެނޑިފަ އެވެ.

ސީރިއާއިން 400 ކިލޯލޯލްޓާއި 230 ކިލޯ ވޯލްޓް އަދި 66 ކިލޯ ވޯލްޓް ޓްރާންސްމިޝަން ލައިންތަކުން އޮންނަނީ ލުބްނާންއާ ގުޅާލާފަ އެވެ.