ދުނިޔެ

އިޒްރޭލުގެ އަސްކަރިއްޔާއަށް 25 ފައިޓަރު ޖެޓް، ތިން ބިލިއަން ޑޮލަރަށް

އިޒްރޭލުގެ އަސްކަރިއްޔާއަށް އެމެރިކާގެ ލޮކްހީޑް މާޓިންއިން އެފް35 މަރުކާގެ 25 ފައިޓަރު ޖެޓު އުފައްދައިދޭން އެއްބަސްވެއްޖެ އެވެ. މިއީ ތިން ބިލިއަން ޑޮލަރުގެ ވިޔަފާރި އެކެވެ.

އިޒްރޭލުގެ ނިޔަތަކީ އަސްކަރީ ގޮތުން އެ ގައުމާ ވާދަކުރެވޭ ވަރުގެ އެހެން ގައުމެއް މުޅި ސަރަހައްދުގައި ވެސް އޮތަ ނުދިނުމެވެ.

އިޒްރޭލަށް މީގެކުރިން އަންދާޒާ ކުރެވިފައި ނުވާހާ ގިނަ ހަތިޔާރު އީރާންގައި ގުދަންކޮށްފައި ހުރިކަން، އިޒްރޭލުގެ ޖާސޫސަށް މިހާރު އޮތީ ކަށަވަރުކޮށްފަ އެވެ.

އީރާން އަކީ އިޒްރޭލަށް އޮތް ވަރަށް ބޮޑު ބިރެކެވެ. އީރާންއާ ދެކޮޅަށް ހުޅަނގުން އަޅާފައި ހުރި އިގުތިސާދީ ދަތިކުރުންތަކާ އެކު ވެސް -- ސަރަހައްދީ ބޮޑުބާރަކަށް އީރާން ވެއްޖެ އެވެ.

އަސްކަރީ ގޮތުން އިޒްރޭލާ ވާދަކުރެވޭ ވަރުގެ ގައުމެއް، މެދުއިރުމަތީގައި އޮތުމަކީ އިޒްރޭލު އެއްގޮތަކަށް ވެސް ބޭނުންވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް، އިޒްރޭލަށް މިކަން ކަށަވަރުކުރެވެން އޮތީ ކެނޑިނޭޅި އިޒްރޭލުގެ އަސްކަރިއްޔާ ޒަމާނީކޮށްގެންނެވެ.

އިޒްރޭލުގެ އަސްކަރިއްޔާއަށް ޚާއްސަކޮށް އެމެރިކާގެ ލޮކްހީޑް މާޓިން އިން އުފައްދައިދޭ އެފް35 މަރުކާގެ 25 ފައިޓަރު ޖެޓަކީ އެމެރިކާ ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އެހެން ގައުމުތަކަށް ވިއްކާ އެފް35 ފައިޓަރު ޖެޓްގައި ނެތް ޓެކްނޮލޮޖީ އިޒްރޭލަށް ވިއްކާ ފައިޓަރު ޖެޓްތަކުގައި ގާއިމުކުރާނެ އެވެ.

މި ޖެޓްތަކަށް ޚަރަދުކުރާނީ އެމެރިކާއިންނެވެ. އެމެރިކާގެ އަސްކަރީ ސިޔާސަތުގެ ދަށުން އެމެރިއާ އާއެކު ގާތްކަން އޮންނަ ގައުމުތަކަށް ވެދޭ އެހީތެރިކަމުގެ ދަށުންނެވެ. މި ޕްރޮގްރާމްގެ ދަށުން އެންމެ ގިނަ އެހީ ފޯރުކޮށްދީފައިވަނީ ވެސް އިޒްރޭލަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާއަށް މި 25 ޖެޓް ލިބުމުން އެފް35 މަރުކާގެ 75 ޖެޓް ހަމަވާނެ އެވެ.

އެފް35 ޖެޓްތަކަކީ ޒަމާނީ އުޅަނދެކެވެ. ދުޝްމަނުންގެ އަމާޒުތަކަށް ހަމަލާދިނުމުގައި ވަރަށް ހުޝިޔާރު އަދި ގާބިލު މަތިންދާބޯޓެކެވެ.

މި މަރުކާގެ ފައިޓަރު ޖެޓްތައް އެމެރިކާ ފިޔަވައި އެންމެ ފުރަތަމަ ފޯރުކޮށްދިން ގައުމަކީ ވެސް އިޒްރޭލެވެ. އިޒްރޭލުން މި ފައިޓަރު ޖެޓްތައް ބޭނުންކުރަނީ އަރަބި -- ސީރިއާ އާއި ލުބްނާން ފަދަ ގައުމުތަކަށް ހަމަލާދިނުމަށެވެ.

އީރާނަށް ހަމަލާއެއް ދޭން ޖެހުނު ނަމަވެސް، އިޒްރޭލުން މި ޖެޓްތައް ބޭނުންކުރާނެ އެވެ. މިހާ ގިނަ އަދަދަކަށް ފައިޓަރު ޖެޓް ހޯދުމުގެ ބޭނުމަކީ ވެސް އެއްބުރުން ތަނެއް ސުންނާފަތިކޮށްލުމެވެ.

އީރާނުން ފަރުބަދަތަކުގެ އަޑީގައި ހަތިޔާރު ގުދަންކޮށް ޑްރޯން ފެކްޓަރީ ހަދާފައި ވަނީ އިޒްރޭލުގެ މި ވިސްނުމަށް އަމާޒުކޮށެވެ.