ކްރިމިނަލް ކޯޓް

100 ކިލޯގެ ޑުރަގް: އިތުރު ދެ މީހަކު ދޫކޮށްލައިފި

Oct 29, 2021
1

ފުލުހުން މިމަހުގެ 13 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން 100 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ތެރެއިން އިތުރު ދެ މީހަކު ދޫކޮށްލައިފި އެވެ.

އަވަސް އަށް އެނގިފައިވާ ކްރިމިނަލް ކޯޓުން އެންމެ ފަހުން ދޫކޮށްލީ ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ) އާއި ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު (25އ) އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ދެ މީހުން ބަންދުން ދޫކޮށްލަން ކޯޓުން އަމުރުކުރީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.

ސަތޭކަ ކިލޯގެ މަސްތުވާތަކެތީގައި މައްސަލާގައި ފުލުހުން ޖުމްލަ 10 މީހަކު ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދާ މެދު އެންމެ ފުރަތަމަ ގޮތެއް ނިންމުމަށް މިމަހުގެ 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އެ ދުވަހު ކޯޓުން ވަނީ ދެ މީހަކު ދޫކޮށްލާފަ އެވެ. އެހެންވެ އެ ދެ މީހުންގެ މައުލޫމާތު ފުލުހުން މިއަދާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ފުލުހުން ބުނާ ގޮތުން ކޯޓުން އެ ދުވަހު ދޫކޮށްލި ދެ މީހުންނަކީ 100 ކިލޯ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު ދެ މީހުންނެވެ. އެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރުމަށް ފުލުހުންގެ ފަރާތުން ޕީޖީގައި އެދުނު ނަމަވެސް މައްސަލަ އިސްތިއުނާފް ނުކުރުމަށް ޕީޖީ ވަނީ ނިންމާފަ އެވެ.

އޭގެފަހުން މިމަހުގެ 26 ވަނަ ދުވަހު ވެސް ކްރިމިނަލް ކޯޓުން ވަނީ މިމައްސަލާގައި ހިމެނޭ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފަ އެވެ. އެ ދުވަހު ކޯޓުން ދޫކޮށްލީ ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) އެވެ.

ފުލުހުންގެ ބަންދުގައި މިހާރު ތިބި މީހުން

ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްޠަފާ (19އ)
ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު (34އ)
ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން (61އ)
ބަނގްލަދޭޝް، އެމްޑީ ރަފީގުލް އިސްލާމް (35އ)
ބަނގްލަދޭޝް، ޑީއެމް މޮބިން (24އ)

ފުލުހުން ބުނީ 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.

މި އޮޕަރޭޝަނާ ދާދި އެކު އެކީގަހެން ހިންގުނު އިތުރު އޮޕަރޭޝަނެއްގައި ވެސް ފުލުހުން ވަނީ 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ.