މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު އެޅުމަށް ސާވޭގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.
ބްރިޖުގެ ސާވޭގެ މަސައްކަތް ފަށާފައިވާތީ އެ މަސައްކަތް ކުރިއަށްދާ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ސާވޭގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން، ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނުފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރުދެކުނު ކޮޅާއި ދެމެދު އެއް ކިލޯ މީޓަރުގެ ފުޅާމިނުގެ ސަރަހައްދެއްގަ އެވެ.
ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާ އާއެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އޮގަސްޓް 26 ވަނަ ދުވަހު އެވެ. އެފްކޯންސް އަކީ އައްޑު އަތޮޅުގެ މަގުތައް ހެދުމުގެ މަޝްރޫއު ވެސް ހިންގާ ކުންފުންޏެވެ.
ބްރިޖު ސާވޭގެ މަސައްކަތް ކުރަނީ އެފްކޯންސްގެ ސަބްކޮންޓްރެކްޓަރެއް ކަމަށްވާ ފޯސައިޓް ސާވެއާސް އިންނެވެ.
"ވީމާ މި ސާވޭ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ސާވޭ ބޯޓަށާއި މި ސަރަހއްދުގައި މަސައްކަތްކުރާ ޑައިވަރުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނަށާއި، އުޅަނދުފަހަރުގެ ވެރިންނަށާއި އަދި އުޅަނދުފަހަރު އޮޕަރޭޓްކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަން ދެއްވައިގެން އުޅަނދުފަހަރު ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ." އޮތޯރިޓީގެ އިއުލާންގައިވެ އެވެ.
ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެކަމަކު ވެރިކަމުގެ މިދައުުރުގެ ތެރޭގައި ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާނުލެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.
ތިލަމާލެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ކްރެޓިޑް ލައިންއަކީ ލޯނުތަކާ ހިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ.