އަހުމަދު ހައިލަމް

ނަޝީދުގެ އަމަލަކީ ނުފޫޒު ފޯރުވުމެއް: ހައިލަމް

ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީގެ މައްޗަށް ދައުވާކުރަން އެޗްއާރްސީއެމުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކާއި ގުޅިގެން އެމަނިކުފާނަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް އެޗްއާރްސީއެމުން ހާމަކުރީ އިއްޔެގަ އެވެ.

އެޗްއާރްސީއެމަށް ހުށަހެޅި މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު ޒެނީޝާ އާއި ބަޝީރުގެ އިތުރުން އެ މައްސަލާގައި ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި ބައެއް ފުލުހުންގެ މައްޗަށް ވެސް ދައުވާ ކުރަން ފޮނުވާފައިވެ އެވެ. މައްސަލަ ޕީޖީއަށް ފޮނުވި ވަކި ދުވަހެއް ކޮމިޝަނުން ބުނެފައެއް ނުވެ އެވެ.

ޒެނީޝާގެ މައްސަލާގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒެނީޝާ އަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބޭނެ އިތުރު ރަނގަޅެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"ދައުވާ އަނބުރާ ގެންދިއުމަކީ ބުއްދިވެރި ގޮތް ކަމުގައި އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދުގެ އެ ޓްވީޓާއި ގުޅިގެން ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ޒިންމާ މަތިކުރެވިފައިވާ މީހުން އިހުމާލުވާ ނަމަ ދައުވާކުރުމަކީ އެމީހުން ޒިންމާދާރު ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"މިނިވަން މުއައްސަސާތަކުގެ ނިންމުންތަކަށް މަޖިލީހުގެ ރައީސް ނުފޫޒުފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ނަޝީދުގެ އަމަލަކީ ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ސިފަ ކުރައްވާ ހައިލަމް ވިދާޅުވިއެވެ.

އަވަސް އެނގިފައިވާ ގޮތުގައި ޒެނީޝާ އާއި ބަޝީރުގެ މައްޗަށް ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެކަމުގައި ބައިވެރިވި ބައެއް ކުދިން ހިޔާ އިން ނެރެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާތީ އެވެ. އަދި އެ ކުދިން ގެންދިޔައިރު ބައެއްް ކުދިންނަށް ޖިސްމާނީ ގޮތުން އަނިޔާވެފައިވާ މައްސަލަތަކެއް ވެސް ތަހުގީގަށް ފާހަގަކުރެވުނު ކަމަށް އެނގިފައިވެ އެވެ.

"ކުޑަކުދިންގެ ހިޔާއާ ގުޅުންހުރި މައްސަލަތަކެއް މި ކޮމިޝަނުން ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވާފައިވޭ. އަދި މިހާރު ޕީޖީ އޮފީހުން ދަނީ މި މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކާ ގުޅޭގޮތުން މަޝްވަރާކުރަމުން،" އެޗްއާރްސީއެމްގެ އޮފިޝަލް ވިދާޅުވި އެވެ.