އެމްޑީޕީއަށް ބާރު ލިބުމުން ރައްޔިތުންގެ މަޖިލީހާއި މުއައްސަސާތަށް ބޭނުންކުރަނީ ބަދަލު ހިފަން ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖަކީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބުނުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ޖަމީލް ވިދާޅުވީ ކޮމިޓީތަކަކީ އެމްޑީޕީ އާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ މިލްކެއް ނޫން ކަމަށެވެ. އަދި ތުހުމަތުތައް ތަހުގީގު ކުރުމުގެ ބަދަލުގައި ގާޒީ އިތުރަށް ކުށްވެެރިކޮށް އަތްބާނަން ކުރާ މަސައްކަތުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް އޮތް ވަރު ހާމަވާ ކަމަށް ވިދާޅުވި އެވެ.
ކޮމިޓީތަކަކީ އެމްޑީޕީ އާއި މަޖިލިސް ރައީސްގެ މިލްކެއް ނޫން. ތުހުމަތުތައް ތަހްގީގްކުރުމުގެ ބަދަލުގައި ގާޒީ އިތުރަށް ކުށްވެެރިކޮށް އަތްބާނަން ކުރާ މަސައްކަތުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް އޮތް ވަރު ހާމަވޭ. ބާރު ލިބުމުން މަޖިލީހާއި މުއައްސަސާތަށް ބޭނުންކުރަނީ ބަދަލުހިފަންޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބް ރައީސް
ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖަކީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ވަނީ ބުނެފައެވެ.
ނަސްރުގެ ދުވަހާއި ގުޅިގެން ހައިލަމް ފޮނުއްވި ތަހުނިޔާ މެސެޖްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަނެވެ. އޭގެ އިތުރަށް ބާޣީ ލުތުފީ އާއި އެހެން ވެސް ބަޣާވާތާ ގުޅޭ މީހުން ކުރެހުމުގައިވެ އެވެ. އެކަމާއި ގުޅިގެން އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވަނީ ނިންމާފައެވެ.
ހައިލަމްގެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ރޭ އިނގިރޭސި ބަހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހައިލަމް ކުރައްވާފައިވަނީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާވެސް ޚިލާފް އަމަލެއް ކަމަށެވެ. އަދި އެއީ އެފަދަ އިސް މަގާމެއްގައި ހުންނަވާ ބޭފުޅެއްގެ ކިބައިން ފެނިގެންވާނެ ފަދަ އަމަލެއް ނޫން ކަމަށެވެ.
ހައިލަމްގެ އެ އަމަލަކީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށާ ހައިލަމް ކުރެއްވީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއް ކަމަށް އެ ކޮމެޓީގެ މެންބަރުން އިއްތިފާގުވާ ކަމަށެވެ.
ނަސްރުގެ ތަހުނިޔާ ފޮނުއްވި ގޮތުން މައްސަލަ ހޫނުވުމުން ހައިލަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމަށް އެ ފޮޓޯ ބޭނުން ކުރީ އޭގައި ބާޣީ ލުތުފީ ހުރުމުން ކަމަށެވެ. ބާޣީ ލުތުފީގެ އިތުރަށް ދެން އެ ކުރެހުމުގައި ތިބީ ކޮންބައެއްތޯ ބެލުމަށް މާބޮޑު ސަމާލު ކަމެއް ނުދެއްވާ ކަމަށެވެ.
"ގުރޫޕަށް އެ ފޮޓޯ ލީއިރު ރައީސް އާއި ރައީސް ނަޝީދަށް ނިސްބަތް ކުރެވޭ ފަދަ ކުރުހުމެއް ހުރި ކަމެއް އަޅުގަނޑަށް އެނގިފައެއް ނުވޭ، އެ ފޮޓޯގައި އެފަދަ ކުރެހުމެއް ހުރެދާނެ ކަމަށް އަޅުގަނޑަށް ވިސްނާލެވިފައެއް ވެސް ނުވޭ، އެކަމަށްޓަކައި ރައީސް އާއި ރައީސް ނަޝީދު އަދި ރައްޔިތުންގެ ކިބައިން މާފަށް އެދެން،" ހައިލަމް ވިދާޅުވި އެވެ.