ހަބަރު

އިސްލާހަކީ މީހަކަށް ކިޔާ ނަމެއް ނޫން: ޖަމީލުގެ ރައްދު ނަޝީދަށް

Dec 7, 2019
1

އިސްލާހަކީ ވަކި މީހަކަށް ކިޔާ ނަމެއް ނޫން ކަމަށާއި އެއީ އަމަލުން ސާބިތުކުރާކަމެއްކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހޫނު ރައްދެއް ދެއްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދުރަށް ޖެހިވަޑަައިގަތުމަކީ ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު މިއަދު ވިދާޅުވި ވާހަކަފުޅަށް އިޝާރާތް ކުރައްވަމުން ޖަމީލް ވިދާޅުވީ ޑިމޮކްރަސީގައި ސިޔާސީ ވެރިން ޝަރުއީ ދާއިރާ ކޮންޓްރޯލެއް ނުކުރާނެ ކަމަށެވެ.

"ސިޔާސީ ވާދަވެރިންނަށް ހުކުމް ޖެހުމަކީ ގައުމީ ހިދުމަތެއް ނޫން. އިސްލާހަކީ މީހަކަށް ކިޔާ ނަމެއް ނޫން، އެއީ އަމަލުން ސާބިތުކުރާ ކަމެއް. ޑިމޮކްރެސީގައި، ޖޭއެސްސީ ފަދަ ތަންތަން ސިޔާސީ ފަރާތްތަކުގެ މުށުތެރެއަކު ނޯވޭ،" ނަޝީދަށް އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވި އެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާ މިއަދު ކުރިއަށްދާއިރު، މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުން ލަސްވަމުންދާތީވެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުސްނުއްސުއޫދު އައްޔަން ކުރަން ރުހުން ދިނުމުގެ މައްސަލާގައި ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޖޭއެސްސީގެ އެކުލެވުން ކަމަށެވެ. އޭނާ ވިދާޅުވީ ޝަރުއީ ކޯޓުތަކަށް ޖޭއެސްސީގައި ތިއްބަވާ ސިޔާސީ ބޭފުޅުންގެ ނުފޫޒު ފޯރާ ކަމަށާއި ޖޭއެސްސީން ރައީސް ނަޝީދު ދުރަށް ޖެހިވަޑައިގަތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"ޖޭއެސްސީން މަނިކުފާނު (ރައީސް ނަޝީދު) ދުރަށް ވަޑައިގަތުމަކީ މި ގައުމުގެ ޝަރުއީ ނިޒާމަށް ކުރެވޭނެ އެންމެ ރަނގަޅު ކަންތައް، މަނިކުފާނަކީ ސިޔާސީ ބޭފުޅެއް، ސިޔާސީ މުސްތަގުބަލެއް އޮތް ބޭފުޅެއް، ސިޔާސީ މަސައްކަތް ކުރައްވަމުން ޝަރުއީ ދާއިރާ ނިޒާމު އިސްލާހު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފްގެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީން މި ވަގުތަށް އެމަނިކުފާނު ދުރަށް ޖެހިވަޑައިގަންނަވާނަމަ އެއީ ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި ކަމަށާއި ރައްޔިތުންނަށްޓަކައި ޖޭއެސްސީގައި އިންނަވާނެ ކަމަށެވެ.

"އަޅުގަނޑު ޖޭއެސްސީން ދުރަށް ޖެހުނަމީ މި ވަގުތަށް ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި. އަޅުގަނޑު އެ ތަނުގައި އިނދެގެން އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުން ތި އެދިވަޑައިގަންނަވާ ގޮތަށް މިކަން ކޮށް ނިންމައިދޭނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީގައި ރައީސް ނަޝީދު އިންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ގާނޫނު އަސާސީގައިވާ ގޮތުން ޖޭއެސްސީ މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނަވަން ޖެހެ އެވެ. އަދި މަޖިލީހުން ކަނޑައަޅާ އެ މަޖިލީހުގެ މެންބަރަކާއި އާންމުންގެ ތެރެއިން މީހަކު ވެސް ޖޭއެެސްސީގެ މެންބަރުންގެ ތެރޭގައި ހިމެނެ އެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ މިހާރު ސަރުކާރުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން މީގެ ކުރިން އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބިއިރު ދެއްކި ވާހަކައެކެވެ. ސަރުކާރު އައި ފަހުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތް ވެސް ވިދާޅުވެފައިވަނީ އެ ކަމަށް ދިރާސާ ކުރަމުންދާ ކަމަށެވެ. އެކަމަކު މިހާތަނަށް އެ މަސައްކަތެއް ނުފެށެ އެވެ.