ދުނިޔެ

ސައުދީން ބޭރުވާން ލުބުނާން ސަފީރަށް އަންގައިފި

ސައޫދީ އަރަބިއްޔާ ދޫކުރައްވައި ވަޑައިގަތުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ލުބްނާން ސަފީރަށް 48 ގަޑިއިރު ދެއްވައިފި އެވެ. ލުބުނާނުގައި ހުންނަވާ ސައޫދީ ސަފީރު ގައުމަށް ވަޑައިގަތުމަށް ވެސް ވަނީ ދަންނަވާފަ އެވެ.

ލުބްނާނުން އެއްވެސް އެއްޗެއް ސައޫދީއަށް އެތެރެ ކުރުން ވެސް ވަނީ މަނާ ކޮށްފަ އެވެ. ސައޫދީ ބަޔާނުގައި ބުނެފައިވާ ގޮތުން މަޝްރަހު ހަމައަކަށް އެޅުމުގެ ކުރިން ލުބްނާނުން އެކައްޗެއް ވެސް ސައޫދީއަށް އެތެރެ ކޮށްގެން ނުވާނެ އެވެ.

ސައޫދީ އަރަބިއްޔާއާ ލުބްނާންއާ ދެމެދު މަސްލަހަތު ގެއްލި ސަފީރު އެ ގައުމުން ބާލާ ހިސާބަށް ގޮސްފައި މިވަނީ ހިޒްބުﷲ އާ ހެދި އެވެ. އެ ޖަމާއަތަށް ވަފާތެރި މީހުން ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ނުބައިކޮށް ވާހަކަ ދައްކަމުން ގެންދާތީ އެވެ.

ލުބުނާނުގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކުރުދާއީ ސައޫދީއަށް ފާޑުވިދާޅުވެ ވިދާޅުވި ގޮތުގައި ޔަމަނުގައި ސައޫދީއާ ދެކޮޅަށް ހޫތީން ހަމަލާ ދެމުން އެގެންދަނީ އަމިއްލަ ދިފާއުގައި އަމިއްލަ ވަތަން މިނިވަންކަމަށްޓަކަ އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި ޔަމަނުގައި އެތައް ހާސް ބަޔަކު ބަނޑަށް ޖެހި މަރަށް ހުށަހެޅިފައި އެތިބީ ސައޫދީ ކޯލިޝަންގެ ލާއިންސާނިއްޔަތުގެ ސަބަބުންނެވެ.

ޖޯޖް ކުރުދާއީގެ މިވާހަކަ ތަކަކީ ލުބްނާންގެ ބޮޑުވަޒީރު ނަޖީބު މިގާތީގެ ކެބިނެޓްގައި ހިމެނި ވަޑައިގަތުމުގެ ކުރިން ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަތަކެކެވެ. ކުރުދާއީ ވަނީ ރިޔާދާ ދެކޮޅަށް ބަޔާނެއް ނެރުއްވައި އާންމުންގެ މެދުގައި ސައޫދީއަށް ނަފުރަތު އުފެދޭ ގޮތަށް މުއާމަލާތް ކުރައްވާފަ އެވެ.

ސައޫދީ ޕްރެސް އޭޖެންސީން އެ ގައުމުގެ ހާރިޖީ ވުޒާރާއާ ހަވާލާދީ ބުނީ ހިޒްބުالله އިން ރިޔާޒްއާ ބެއިރޫތު ބީރައްޓެހި ކޮށްފި ކަމަށެވެ. ދެ ގައުމުގެ ގުޅުމަށް ގެއްލުންދީ ފޭރާން ބަލިކަށިކޮށްފި ކަމަށެވެ. ބަޔާނުގައި އަދި ބުނެފަައިވާ ގޮތުން ޓެރަރިސްޓް ޖަމާއަތަކުން ލުބްނާން ސަރުކާރު ހިސޯރު ކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

ލުބްނާންގެ ބޮޑުވަޒީރު މިގާތީ ވިދާޅުވި ގޮތުގައި ޖޯޖް ކުރުދާއީ އެހެން ވިދާޅުވީ އިންފޮމޭޝަން މިނިސްޓަރުގެ މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިންނެވެ. އެހެން ކަމުން އޭނާގެ ބުނުމަކީ ސަރުކާރުގެ ޒިންމާއެއް ނޫނެވެ.

ބޮޑުވަޒީރު އަދި އިތުރަށް ވިދާޅުވީ ކުރްދާއީ ދެއްކެވި ވާހަކަތަކަކީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށެވެ. އަދި އެއްވެސް ހާލެއްގައި އަރަބި ގައުމުތަކާ އެކު ވަކިން ހާއްސަކޮށް ސައުދީ އަރަބިއްޔާއާ އެކު ލުބްނާނުން ގެންގުޅޭ ސިޔާސަތު ބަލިކަށިވާން ދޫކޮށްނުލެވޭނެ ކަމަށެވެ.