ބޮލީވުޑް

ބިގް ބޮސް 15: ކަރަންއަށް ތޭޖާސްވީ ދެކެ ލޯބި ވެވިއްޖެ

މިހާރު ކަލާޒް ޓީވީން ދައްކާ ރިއަލިޓީ ޝޯ "ބިގް ބޮސް 15" އިގެ ބައިވެރިއެއް ކަމަށްވާ ޓީވީ އެކްޓަރު ކަރަން ކުންދްރާ އަށް އެ ޝޯގެ އެހެން ބައިވެރިއެއް ކަމަށްވާ ތޭޖާސްވީ ޕްރަކާޝް ދެކެ ހަގީގަތުގައި ވެސް ލޯބި ވެވިއްޖެ ކަމަށް އޭނާ ބުނެފި އެވެ.

ބިގް ބޮސްގެ ކޮންމެ ސީޒަނެއްގައި ވެސް މިގޮތަށް ބައިވެރިންގެ މެދުގައި ލޯބި އުފެދޭ ތަން ފެނެ އެވެ. ނަމަވެސް ބެލުންތެރިންގެ ތެރެއިން ގިނަ މީހުން ގަބޫލު ކުރަނީ ޝޯގައި އެމީހުންގެ މަގާމު ވަރުގަދަކޮށް ބެލުންތެރިންގެ ހިތްތައް ފަތަހަކުރަން ގިނަ މީހުން ޑްރާމާ ކުޅެނީ ކަމަށާއި އެމީހުން ޝޯގައި ދައްކާ ލޯބީގެ ކަންކަމަކީ ހަގީގަތެއް ނޫން ކަމަށެވެ.

ނަމަވެސް ކަރަން ބުނާ ގޮތުގައި ތޭޖާސްވީ އަށް އޭނާގެ ހިތުން ޖާގައެއް ދެވިފައިވާ ކަމަށާއި އޭނާއަށް ތޭޖާސްވީ ވަރަށް ލޯބި ކަމަށެވެ. ނަމަވެސް ތޭޖާސްވީ އަދި އުޅެނީ ކަރަން އާ ގަޔާ ނުވާ ކަމަށް ހަދައިގެންނެވެ.

ކަލާޒް ޓީވީގެ އިންސްޓަގްރާމުން ޝެއާ ކުރި ބިގް ބޮސް ޕްރޮމޯއެއްގައި ކަރަން މި ވާހަކަ ދައްކާ މަންޒަރު ފެނެ އެވެ.

"އޭނާ [ތޭޖާސްވީ] އައިސް އިއްޔެ ވެސް މަށާ ދިމާލަށް އެއްޗެތި ގޮވި. އަހަރެން ބޭނުން އަހަންނަށް އެކަނިވެރިކަން އިހްސާސް ނުވާ ކަހަލަ ބައިވެރިއެއް. އަހަރެން ހިތަށް އަރާ އެ މީހަކާ ތޭޖާ އަށް ވާނެ ނަމައޭ،" ކަރަން ބުނާ އަޑު އިވެ އެވެ.

ކަރަން އިތުރަށް ބުނެފައިވާ ގޮތުގައި އޭނާ ތޭޖާސްވީ އާ ވަރަށް ގަޔާވެ އެވެ. ނަމަވެސް ތޭޖާސްވީ އަކީ ވަރަށް ބޯހަރު މީހެއް ކަމަށާއި އޭނާ ރުއްސަން އެހާ ފަސޭހަ ނުވި ނަމަވެސް އޭނާއަކީ ބޭނުން ކޮންމެ އެއްޗެއް ހާސިލުކުރާނެ މީހެއް ކަމަށް ކަރަން ބުނެފައި ވެއެވެ.

ތަންކޮޅެއް ކުރިން ރިލީޒްކުރި ވީޑިއޯއެއްގައި ޝޯގެ އެހެން ބައިވެރިއެއް ކަމަށްވާ އަކާސާ ސިންގް އާއި ކަރަން ވާހަކަ ދައްކަނިކޮށް ފެނިފައި ވެއެވެ. ކޮންމެވެސް މީހަކު ކަރަން އާ ވަރަށް ގަޔާވާހެން ހީވާ ކަމަށް މި ވީޑިއޯގައި އަކާސާ ބުނެ އެވެ. ޖަވާބުގައި ކަރަން ބުނަނީ އެ ކޮޅުން (ތޭޖާސްވީ)ގެ ފަރާތުން އަދި އެކަހަލަ އެއްވެސް ކަމެއް ނުފެންނަ ކަމަށެވެ. ނަމަވެސް ކަރަންގެ ހިތުގައި ތޭޖާސްވީ އަށް ޚާއްސަ ލޯތްބެއް އޮތް ކަމަށެވެ.

ތޭޖާސްވީ އަކީ ވަރަށް ރަނގަޅު ކުއްޖެއް ކަމަށާއި އަދި ވަރަށް ލޯބި ކުއްޖެއް ކަމަށް ވެސް އަކާސާ ކައިރީ ކަރަން ބުނާ މަންޒަރު މި ވީޑިއޯގައި ފެނެ އެވެ.

ޝޯގެ ފޭނުންގެ ތެރެއިން އެއްބަޔަކު ކަރަން އާއި ތޭޖާސްވީ ގުޅެން ބޭނުންވެ އެކަމަށް ސަޕޯޓްކުރަމުންދާއިރު އަނެއް ބަޔަކު ބުނަނީ އެމީހުން ޝޯގައި ލޯބިވެގެން އުޅޭ ކަމަށް ހެދިގެން އުޅެނީ ކަމަށާއި އެއީ ހުސް ފޭކް ކަމަށެވެ.