ދުނިޔެ

ފަލަސްތީން ބިންތަކުގައި ޔަހޫދީން އާބާދުކޮށްގެން ނުވާނެ: އީޔޫ

ފަލަސްތީން ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަން އިޒްރޭލުން ރާވާ ރޭވުން ވަގުތުން ހުއްޓާލަން ޔޫރަޕިއަން ޔޫނިއަނުން ހުކުރު ދުވަހު ގޮވާލައިފި އެވެ. އީޔޫއިން ބުނީ 1967 ވަނަ އަހަރުގެ ކުރިން އެއްބަސްވެފައިވާ ގޮތާ ހިލާފަށް ބޯޑަރަށް ގެންނަ އެއްވެސް ބަދަލެއް އެ އިއްތިހާދުން ގަބޫލު ނުކުރާނެ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަންގެ ހާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ޖޯސެޕް ބޮރެލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔަހޫދީ ބިނާތައް ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމަށެވެ. އަދި އެއީ ދެ ދައުލަތުގެ ސިޔާސަތަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

އީޔޫ ބުނީ އުންމީދަކީ އަދި މަސައްކަތް ކުރަނީ ވެސް ދެ ފަރާތުގެ ދެމެދުގައި ދާއިމީ އަދުލުވެރި އަދި ވަށާޖެހޭ ސުލްހަވެރި ކަމެއް ގާއިމު ކުރުމަށް ކަމަށެވެ.

ފަލަސްތީން ބިންތަކުގައި ހާއްސަކޮށް ގުދުސް އާއި ހުޅަނގު އައްސޭރީގައި އިޒްރޭލުން އަލަށް ބިނާ ކުރަން ރާވަމުން ގެންދާ ރޭވުންތަކާ ދެކޮޅު ކަމަށް ވެސް ޔޫރަޕުން ބުނެ އެވެ. އަދި ބުނީ މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއް ނުކުރަން އިޒްރޭލަށް ކުރިން ވެސް އޮންނާނީ ނަސޭހަތްތެރި ވެފައި ކަމަށެވެ.

އީޔޫ ބަޔާނުގައި އިޒްރޭލު ސަރުކާރަށް އިލްތިމާސް ކޮށްފައި ވަނީ ހަމަނުޖެހުންތައް ކުޑަކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށެވެ. އަދި ދެބަސްވުން އުފެދިފައިވާ މައުލޫތަކަށް ދެފަރާތުގެ މެދުގައި އަލުން މަޝްވަރާ ފެށުމަށެވެ.

ބައިނަލްއަގްވާމީ ގާނޫނުތައް ބުނާ ގޮތުން އިރުމަތީ ގުދުސް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރިއަކީ އިޒްރޭލުން ފޭރިގެންފައި އޮތް ބިމެކެވެ. އެއިން އެއްވެސް ބިމެއްގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ޣައިރު ގާނޫނީ އަމަލެކެވެ.

އެމެރިކާއާ އިނގިރޭސިން އިޒްރޭލަށް ސަޕޯޓްކުރާހާ ހިނދަކު ފަލަސްތީން ބިންތަކުން ޔަހޫދީން ނުފައިބާނެ އެވެ. މެދުއިރުމަތީގައި ހުރިހާ ގޯހެއް ހަދާ ބަޔަކީ އެމެރިކާ އާއި އިނިގިރޭސިންނެވެ. މިއީ ދުނިޔެއަށް ސިއްރު ވެފައި އޮތް ކަމެއް ނޫނެވެ.