ޅ. ކުރެންދޫ އާއި ގއ. ވިލިނގިލީގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަން ފަށައިފި އެވެ.
ވޯޓުލުން މިއަދު 8:00 ގައި ފަށައިފައިވާއިރު ހަވީރު 3:00 އަށް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ކުރެންދޫ އަދި ވިލިނގިލީގައި ބައި އިލެކްޝަނެއް ބާއްވަނީ ވަނީ މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް އުންސިލްތަކުގެ އިންތިހާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މެމްބަރުން އިންތިހާމްކުރަން ޖެހޭ އަދަދަށް އިންތިހާބުވެފައި ނުވާތީ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލުމަށް އާންމުންގެ ޝައުގުވެރިކަން ކުޑަ ކަމަށް އީސީ އިން ކުރިން ވަނީ ފާހަގަކޮށްފަ އެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސާއަށް ލިބެނީ 3،500ރ. އެލަވެންސެކެވެ. ނައިބަށް 2،500ރ. އެވެ. މެންބަރަކަށް ލިބެނީ 2،000ރ. އެވެ. ނަމަވެސް މިމަހުން ފެށެގެން މި އޮނިގަނޑު ވަނީ ބަދަލުކޮށްފަ އެވެ.
އެގޮތުން ރަށު ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ ފިކްސްޑް އެލަވަންސަކީ 4،000ރ. އެވެ. ނައިބަށް 3000ރ. އަދި މެމްބަރުންގެ ފިކްސްޑް އެލަވަންސަކީ 2000ރ. އެވެ. ސިޓިން އެލަވަންސަކީ 500ރ. އެވެ.
ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސާގެ ފިކްސްޑް އެލަވަންސަކީ 5،000ރ. އެވެ.
ނައިބް ރައީސާއަށް 4،000ރ. އަދި މެންބަރުންގެ ފިކްސްޑް އެލަވަންސަކީ 3،000ރ. އެވެ. ސިޓިން އެލަވަންސަކީ 500ރ. އެވެ.