ކުރެންދޫ

އިންތިހާބާ ދިމާކޮށް ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅަން އިއުލާންކޮށްފި

Mar 22, 2022

ޅ. ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމުގެ ބައި-އިލެކްޝަންގެ ވޯޓާ ދިމާކޮށް ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް ވޯޓުލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26ވާ ހޮނިހިރު ދުވަހު އެވެ. އިންތިހާބުގައި ވާދަކުރައްވަނީ ޕީޕީއެމްގެ ޓިކެޓްގައި ކުރެންދޫ ކައުންސިލްގެ ކުރީގެ ރައީސް އިސްމާއިލް މަދީހު އާއި އެމްޑީޕީގެ ޓިކެޓްގައި އަލީ ނަސީމު އެވެ.

ކުރެންދޫ އަކީ އިތުރަށް ބިން ހިއްކެން ނެތުމުންނާއި ބިން ފުރިފައިވާތީ ބިމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ.

ކުރެންދޫގެ އިންތިހާބާ ދިމާކޮށް ފިނޭންސް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާންގައި ކުރެންދޫގައި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަށް ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ވަނީ ހދ. ކުޅުދުއްފުށްޓާއި، ށ. މިލަންދޫ، ނ. ހޮޅުދޫ، ނ. މަނަދޫ، ޅ. ހިންނަވަރު، ލ. ގަމު އަދި ގއ. ވިލިނގިލީގައި ވެސް ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފަ އެވެ. އަދި މިމަހު ވަނީ ހއ. ދިއްދޫގައި 75 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ވެސް އިއުލާންކޮށްފަ އެވެ. މިރަށްތަކުގެ ތެރެއިން ދިއްދޫ ފިޔަވާ އެހެން ރަށްތަކަށް ބީލަން ހުށަހެޅުމަށް ދީފައިވާ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. ދިއްދޫގައި އަޅާ ހައުސިން ޔުނިޓްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސަރުކާރުން އިއުލާންކޮށްފައިވަނީ ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް، ހިންނަވަރާއި ގަމުގައި 100 ހައުސިން ޔުނިޓް، ދިއްދޫގައި 75 ހައުސިން ޔުނިޓް، މިލަންދޫ އާއި ވިލިނގިލީގައި 50 ހައުސިން ޔުނިޓް، މަނަދޫގައި 40 ހައުސިން ޔުނިޓް އަދި ހޮޅުދޫގައި 30 ހައުސިން ޔުނިޓް އެޅުމަށެވެ.

ރަށްތަކުގައި ހައުސިން ޔުނިޓްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފައިވަނީ ބީލަން ކާމިޔާބު ކުރާ ކުންފުންޏަކުން އަމިއްލަ އަށް ފްލެޓްތައް ޑިޒައިންކޮށް އަދި އިމާރާތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.

މަސައްކަތް ކޮށްދިނުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން -- އެންސީބީ އުސޫލުންނެވެ. ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ.

ވަކިވަކިން ކޮށްފައިވާ އިއުލާން ތަކުގައިވާ ގޮތުން ހައުސިން ޔުނިޓްތައް އެޅުމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ފައިސާ ބަހައްޓަންޖެހެ އެވެ. ބިޑް ސެކިއުރިޓީގެ އަދަދު އުޅެނީ އެކި ރަށަށް އެކި އަދަދެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި އަތޮޅު ތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.