އަލީ ވަހީދު

އަލީ ވަހީދުގެ އަޑުއެހުމެއް ތާވަލްކޮށްފި

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމާފައިވާ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.

ސުޕްރީމް ކޯޓުން މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު އެވެ.

އަލީ ވަހީދުގެ މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވާފަ އެވެ. އެ ހުކުމްކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު މި މައްސަލައިގެ އަޑުއެހުމަށް އޭނާ ކޯޓަށް ހާޒިރުވެފައި ނުވާތީ އެވެ. ޗިޓު ފޮނުވައިގެން އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅި ކޯޓުގެ ހުރުމަތް ކެނޑުމުން އޭނާގެ މައްޗަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އޭގެ ފަހުން ސުޕްރީމް ކޯޓުން މި މައްސަލައިގައި ވަގުތީ އަމުރެއް ވެސް ނެރުނެވެ. އެ އަމުރުގައި ބުނެފައި ވަނީ އަލީ ވަހީދުގެ މައްސަލަ ވިޔަސް އަދި އެނޫން ވެސް މައްސަލައެއްގައި ދައުވާ ލިބޭ މީހާ ރާއްޖޭގެ ސަރަހައްދުން ބޭރުގައި ހުރެއްޖެނަމަ އެ މައްސަލައިގެ އަޑުއެހުންތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން އެ މައްސަލައިގެ އަޑުއެހުންތައް ނުބާއްވަ އެވެ.

މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތް އޮންލައިން ކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.