ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ބިޑަށް ވޯޓުދީގެން ފީފާގެ އޮފިޝަލުން 6.6 މިލިއަން ޑޮލަރުގެ ހިޔާނާތް ވެފައިވާ ކަމަށް އެމެރިކާގެ އެފްބީއައިއިން ބުނެފައިވާއިރު އެ ޖަމާއަތުގެ ދެ ނާއިބް ރައީސަކު ސަސްޕެންޑްކޮށްފި އެވެ.
ފީފާގެ މައި މަރުކަޒު ހުންނަ ސްވިޒަލޭންޑުގެ ޒިއުރިކުގައި ހުންނަ ފީފާގެ ރަސްމީ ހޮޓަލުގައި ތިއްބައި ހައްޔަރުކޮށް، ސަސްޕެންޑްކުރި ދެ ނާއިބް ރައީސުންނަކީ އުތުރު އަދި މެދުތެރޭ އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ވަގުތީ ރައީސްކަމުގެ މަގާމުގައި ހުންނެވި އަލްފްރެޑޯ ހަވިޓް އާއި ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ހުއާން އެންހެލް ނަޕްއައުޓް އެވެ.
މި ދެ ނާއިބް ރައީސުން ސަސްޕެންޑްކުރިއިރު ކުރަޕްޝަނުގެ ތުހުމަތުގައި ފީފާގެ ރައީސް ސެޕް ބްލެޓާ އާއި ނާއިބް ރައީސް އަދި ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ ވެސް ތިއްބެވީ ސަސްޕެންޑްކޮށްފަ އެވެ.
ފީފާގެ ކޮރަޕްޝަން ތަހުގީގު ކުރަމުން އަންނަ އިދާރާތަކުން ބުނަނީ ވޯލްޑް ކަޕް ބޭއްވުމުގެ ވޯޓު ވިއްކާލުމާއި މުބާރާތްތަކުގެ ކޮމާޝަލް ރައިޓްސް އާއި އެނޫން ކަންކަމުގައި ކޮރަޕްޝަން ހަދައި ފިފާގެ އޮފިޝަލުން ނާޖާއިޒް ވަރަށް ގިނަ ފައިދާތައް ހޯއްދަވާފައިވާ ކަމަށެވެ.
ކޮރަޕްޝަނުގެ މައްސަލަތައް ބޮޑުވެ ފީފާގެ ރައީސް ކަމުން 17 އަހަރަށް ފަހު ބްލެޓާ ވެސް ވަނީ އިސްތިއުފާ ދެއްވަން ނިންމަވާފަ އެވެ. އޭނާގެ ބަދަލުގައި އާ ރައީސަކު ހޮވަން ވޯޓުލުން އޮންނާނީ އަންނަ ފެބްރުއަރީ މަހު އެވެ.