މަތިންދާބޯޓަށް އަރާ އިންނަ މަދު ގަޑިއިރަކު ވެސް މައިތިރި ވެގެން ތިބެން ބައެއް މީހުންނަށް އުނދަގޫވެ އެވެ. އަދި ކުދިކުދި ކަންކަމާ ވެސް ހަޅޭއްލަވާ އަޑުގަދަކޮށް އެހެން މީހުންގެ ގަޔަށް ބޮލާ އަރާ މީހުން ވެސް ބައެއް ފަހަރު މިފަދަ ދަތުރުތަކުގައި ދިމާވެ އެވެ.
ދާދިފަހުން ދިމާވި މިކަހަލަ މައްސަލައެއްގައި ޝާމިލުވީ އެމެރިކަން އެއާލައިންސްގެ ބޯޓެއްގެ ފަސްޓް ކްލާސް އިން ދަތުރުކުރި އެމެރިކާ މީހެކެވެ.
ސީބީއެސް ނިއުސްގައިވާ މި ހަބަރުގައި ބުނެފައިވާ ގޮތުގައި ކެލިފޯނިއާ އަށް ދަތުރުކުރަމުން ދިޔަ ފްލައިޓް ތެރޭގައި މި މީހާ ހިންގި ހަމަނުޖެހުމުގެ ސަބަބުން ބޯޓު ޑެންވާއަށް ޑައިވާޓް ކުރަން ޖެހުނެވެ. އެއީ ފްލައިޓް އެޓެންޑެންޓަކަށް މިމީހާ އަނިޔާ ކުރުމުގެ ސަބަބުންނެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނީ އެމީހާ ރުޅިގަދަވީ މާސްކް އަޅައިގެން އިންނަން ބުނުމުންނެވެ. ނަމަވެސް ނޫސް ރިޕޯޓުތައް ބުނަނީ މައްސަލަ ދިމާވީ އެހެންވެ ނޫން ކަމަށެވެ.
އެމެރިކަން އެއާލައިންސްގެ ބަޔާނެއްގައި ބުނެފައި ވަނީ ނިއުޔޯކްގެ އެއާޕޯޓަކުން ސަންޓާ އަނާ އަށް ދަތުރުކުރި ފްލައިޓް ޑެންވާ އަށް ޑައިވާޓް ކުރަން ޖެހުނީ އެ ބޯޓުން ދަތުރުކުރި ފަސިންޖަރަކު ފްލައިޓް އެޓެންޑެންޓަކަށް ހަމަލަ ދިނުމުގެ ސަބަބުން ކަމަށެވެ. ޑެންވާ އަށް މަތިންދާބޯޓު ޖެއްސުމާއެކު ގާނޫނުތައް ތަންފީޒުކުރާ ފަރާތްތަކުން ބޯޓަށް އަރައި މި މީހާ ވަނީ ހައްޔަރު ކޮށްގެން ގެންގޮސްފަ އެވެ.
އެ ބޯޓުން ދަތުރުކުރި މެކެންޒީ ރޯސް ނަމަކަށް ކިޔާ ފަސިންޖަރަކު ބުނި ގޮތުގައި އެ މީހާ ޖެހުމުން އަންހެން ފްލައިޓް އެޓެންޑެންޓުގެ ނޭފަތުން ހޯސްލާފައި ލޭ އައި ކަމަށެވެ. އަދި ލޭތައް އޭނާ އަޅާފައި ހުރި މާސްކް މަތިން ވެސް ފެންނަން ހުރި ކަމަށެވެ. އެހެންވެ ބޯޓު ޖައްސާފައި އެމީހާ ބާލައިގެން ގެންދެވެންދެން އެމީހާ އިނީ މާސްކިން ޓޭޕް އަޅައި ބޯޓުގައި އޭނާ އިން ގޮނޑީގައި ބަނދެފައި ކަމަށް ވެސް ބޯޓުން ދަތުރުކުރި ބައެއް މީހުން ބުނެފައި ވެއެވެ.
އަދި މި މީހާއަށް މުޅި އުމުރަށް ދެން އެމެރިކަން އެއާލައިންސްގެ ފްލައިޓަކުން ދަތުރު ނުކުރެވޭ ގޮތް ވަނީ ހަދާފަ އެވެ.